6 މަސް ދުވަހުގެ ތެރޭގައި 16 ބިލިއަން ރުފިޔާ ސަލާމަތް ކުރެވިއްޖެ: އިޤްތިޞާދީ ވަޒީރު

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 5ސ
6 މަސް ދުވަހުގެ ތެރޭގައި 16 ބިލިއަން ރުފިޔާ ސަލާމަތް ކުރެވިއްޖެ: އިޤްތިޞާދީ ވަޒީރު

ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި 16 ބިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު، މާލީ ގޮތުން ރާއްޖެ އޮތީ އިނދަޖައްސާލާފައި ކަމަށެވެ. އަދި މާލީ ނިޒާމު ބެލެހެއްޓުމުގައި ހަދާފައިވާ ގޯސްތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިގެންގޮސްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން 3 އަހަރު ތެރޭ 8 ބިލިއަން ރުފިޔާ ޗާޕުކޮށް، ކުރަން ނުޖެހޭ އެތަކެއް ޚަރަދުތަކެއް ކޮށްފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ދިގު ތާރީޚުގައިވެސް ނުއުފެއްދޭ ވަރުގެ ދަރަންޏެއް އެންމެ ފަސް އަހަރުތެރޭގައި އުފައްދާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ދަރަނިތަކުން އާމްދަނީ އިތުރުކުރެވޭނެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތައްވެސް ދަރުވާލާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް، މިހާރުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު މިއަހަރު މިހާތަނަށް 16 ބިލިއަން ރުފިޔާ ސަލާމަތްކޮށްފައިވާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. އަދި ދަރަނި ދެއްކުމަށް އޮތް ސޮވެރިން ފަންޑުގައި މިހާރު 60 މިލިއަން ޑޮލަރު ހުރި ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

މިއަދު އޮންލައިން