ކައިވެނިކޮށް އެކުގައި ދިރިއުޅެމުން އަންނައިރު އިތުބާރު ގެއްލޭފަދަ ކަމެއް ކުރިކަން ޔަޤީން ނުވަނީސް އެކަކު އަނެކަކަށް ޝައްކުނުކުރާށެވެ! ޝައްކުކުރާނަމަ އެކަމުގެ ތެރެއަށް ޝައިޠޯނާ ވަދެ ހިތްވަރުދޭނެއެވެ. ކުރެވޭ ޝައްކުތައް އިތުރުކުރުވާނެއެވެ.
ޝައިޠޯނާ އެގޮތަށް އެކަން އެކުރަނީ ދެމަފިރިންގެ މެދުގައި މައްސަލަ ޖައްސުވައި ކައިވެނި ރޫޅާލުވުމަށްޓަކައެވެ. ވީމާ ޝައިޠޯނާއަށް އެފުރުޞަތު ނުދޭން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
އެދެމަފިރިންނަކީވެސް ވަރަށް ލޯބިން ދިރިއުޅޭ ދެމަފިރިންނެވެ. ނަމަވެސް ދެމަފިރިންގެ މެދުގައި ވަރަށް ގިނައިން މައްސަލަތައް ޖެހެއެވެ. ފިރިމީހާއަށް އަންހެން ކުއްޖަކު ފޯނެއްކުރިނަމަވެސް އެއީ ވަރަށް ބޮޑު މައްސަލައަކަށްވެއެވެ. އޮފީހުގެ މުވައްޒިފަކު އޮފީހުގެ ބޭނުމަކު ގުޅިނަމަވެސްމެއެވެ.
މިފަދަ ކަންކަމާއި ގުޅިގެން ޝަކުވާކުރުމުން ހުރިހާ އެކުވެރިންވެސް އަދި ޢާއިލާގެ މީހުންވެސް ނަޞޭޙަތްދެނީ އެބާވަތުގެ ކަންކަން މައްސަލައަކަށް ނުހެދުމަށެވެ. ފިރިމީހާގެ ކިބައިން ޚިޔާނާތުގެ އަމަލެއް ނުފެނި އަދި ލޯތްބާއި އަޅައިލުން ދޭނަމަ އެބާވަތުގެ ކަންކަމަށް ނުވެސް ވިސްނުމަށެވެ. ނަމަވެސް އެކަން އަނބިމީހާއަކަށް ޤަބޫލެއް ނުކުރެވެއެވެ. އޭނާ ބުނަނީ އެންމެންވެސް ތިބެނީ ފިރިމީހާގެ ކޮޅަށް ބުރަވެގެން ކަމަށެވެ.
ދުވަސްތައް މާޒީވަމުން ގޮސް ދެމަފިރިން އެކުގައި ބާޒާރަށް ދިއަ ދުވަހެކެވެ. ފިހާރައަކަށް ވަންތަނުން ފިރިމީހާގެ ޒަމާންވީ އެކުވެރި އަންހެނަކާއި ބައްދަލުވިއެވެ. އެވަގުތު ދެމީހުން ސަލާމްކޮށްލާފައި އަންހެންކުއްޖާ ތަންކޮޅެއް މަޑުން ވާހަކައެއް ބުންޏެވެ. އެބުނި އެއްޗެއްގެ އަޑުނުއިވުމުން އަނބިމީހާ ވަރަށް ރުޅިގަދަވިއެވެ. އެތައްބައަކު ފިހާރަތެރޭގައި ތިއްބާ އަޑުގަދަކުރަން ފެށިއެވެ.
ފިރިމީހާ ވަރަށް ލަދުގަތެވެ. އަދި މަޑުމައިތިރިވުމަށް އެދުނެވެ. އެކުވެރިޔާ ބުނިވާހަކަ ބުނަން އުޅުމުންވެސް ފުރުޞަތު ނުދީ ހިތަށް އެރިހައި އެއްޗެއް ކިޔަން ފެށުމުން ފިރިމީހާވެސް ރުޅިގަދަވިއެވެ. ބާރަށް ހިނގާފައި ގޮސް ކާރަށް އަރައި ދުއްވާލިއެވެ. ގެއަށް ދިއުމުގެ ބަދަލުގައި އޭނާ ދިއައީ މައިންބަފައިންގެ ގެއަށެވެ.
އަނބިމީހާ ޓެކްސީއަކަށް އަރައިގެން ގެއަށް ގޮސް ހުރެހުރެ ފިރިމީހާ ގެއަކަށް ނުދިއައެވެ. އިތުރަށް ރުޅިގަދަވެގެން ފިރިމީހާގެ ފޯނަށް ގުޅިއެވެ. ފޯނު ނަގައި އަނގައިން ނުބެނެވެނީސް އެއްޗެތި ގޮވަން ފަށައިފިއެވެ. "ސިއްރުވާހަކަތައް ދައްކާފައި ދެމީހުން ތަނަކަށް ދިއައީދޯއެވެ!" މިމޭރުމުން އެތައް އެއްޗެއް ގޮވުމަށްފަހު މައިތިރިވުމުން ފިރިމީހާ ބުންޏެވެ.
"ކޮބާ ހިތްހަމަޖެހޭ ވަރަށް އެއްޗެތި ގޮވިއްޖެހެއްޔެވެ؟ ކަލޭގެ ތިއަ ޒަވި ކަންތައްތަކަށް ވަރަށް ގިނަ ދުވަހު ކެތްކޮށްފީމެވެ. ނަމަވެސް ދެން އިތުރަށް ކެތްކުރާކަށް ބޭނުމެއް ނޫނެވެ. އަހަރެން މިހުރީ މަންމަ ގާތުގައެވެ. ކަލޭ ތިހުރީ ވަރިކޮށްފައެވެ. ގެއިން ނުކުމެގެންދާށެވެ. ކަލޭ ގެއިން ހިނގައްޖެކަން ސެކިޔުރިޓީ ގާތުން ޔަޤީން ނުވަނީސް ތިއަ ގެއަށް ނުވެސްވަންނާނަމެވެ. ގެންދަން ބޭނުން ކޮންމެ އެއްޗެއް ހިފައިގެންދާށެވެ. 3 މަސް ކީއްކުރަންހެއްޔެވެ؟ ކައިވެންޏެއް ކުރެވެންދެންވެސް ޚަރަދު ދޭނަމެވެ. ނަމަވެސް ކަލެއަކާ ދެން ބައްދަލެއް ނުކުރާނަމެވެ."
އަނބިމީހާ ހީކުރީ ފިރިމީހާ އެއަންހެންކުއްޖާ އާއިއެކުގައި ހުރެގެން މަންމަގެ ގޭގައި ކަމަށްބުނެ ދޮގުހަދަނީ ކަމަށެވެ. އެހެން ހީކޮށް އެކުވެރިންތަކަކާއިއެކު މަންމަގެއަށް ގެއަށް ދިއުމުން ފިރިމީހާ އޭނާއަށް ފެނިލާފައި މަންމަ ގާތުގައި ބުނީ އޭނާ ވައްދައި މިގޭގައި އިތުރު އަންހެނަކު ހުރިކަން ނުވަތަ ނެތްކަން ދެއްކުމަށެވެ. އޭނާ ފާސްކުރާނެ ވަރަކަށް ގެ ފާސްކުރީމާ ގެއިން ނެރެ ފޮނުވާލުމަށެވެ.
އެހިސާބުން އަނބިމީހާގެ ކަރު އެލުނެވެ. ބުނާނެ އެއްޗެއްވެސް ނުއެނގުނެވެ. ގަތްލަދުން އެނބުރި ދިއައީއެވެ. ގޮސް ގޭގައި ހުރެ ގުޅާގުޅައިވެސް ފިރިމީހާ ފޯނެއް ނުނެގިއެވެ. މަހެއްހައި ދުވަސްވަންދެން ގުޅުމުންވެސް ފޯނުނުނެގިތަނުގައި ފޮނުވި އެއްވެސް މެސެޖަކަށް ޖަވާބުވެސް ނުދިނުމުން ވަރަށް ދެރަވެގެންހުރެ ގެއިން ނުކުމެގެން ދިއައީއެވެ.
ފިރިމީހާގެ އެކުވެރި އަނހެންކުއްޖާ ސިއްރުން ބުނީ ފިރިމީހާގެ ކުންފުނިން ހުސްވެފައިވާ ވަޒީފާއަކަށް އެދި އޭނާގެ ފިރިހެންކޮއްކޮ ސީވީ ހުށަހަޅާފައި އޮތް ވާހަކައެވެ. އެއަޑު އިތުރު ބައަކަށް އިވިދާނެތީ މަޑުމަޑުން ބުނެލީއެވެ.
މިއީ ހަމަ މިމާލޭގައި މީގެ 6 ހައަކަށް އަހަރުކުރިން ހިނގާފައިވާ ކަމެކެވެ. އަޅުގަނޑުގެ ބަސްކޮޅު އަމާޒުކުރަން ބޭނުންވަނީ އަންހެނަކަށް ނުވަތަ ފިރިހެނަކަށް ނޫނެވެ. އަންހެނުންނަށާއި ފިރިހެނުންނަށެވެ. އަޅުގަނޑުވެސް ތަކުރާރުކޮށްލަން ބޭނުންވަނީ އޭނާގެ އެކުވެރިންނާއި ތިމާގެ މީހުން ދިން ނަޞޭޙަތެވެ!
"އެބާވަތުގެ ކަންކަން ދެމަފިރިންކުރެ އެކަކުވެސް މައްސަލައަކަށް ނުހަދާށެވެ!. ފިރިމީހާ ނުވަތަ އަނބިމީހާގެ ކިބައިން ޚިޔާނާތުގެ އަމަލެއް ނުފެނި އަދި ލޯތްބާއި އަޅައިލުން ދޭނަމަ އެބާވަތުގެ ކަންކަމަށް ނުވެސް ވިސްނާށެވެ." އެއިގެ އިތުރަށް ބުނެލަން ބޭނުންވަނީ މަސައްކަތް ނިމުމުން ގޭގައި ވަގުތު ހޭދަކުރާ ފިރިންނަށް ޢަމުދުން ޝައްކުކޮށްގެންވެސް ނުވާނެއެވެ! އިތުބާރު ނުކުރެވި ދެމަފިރިންގެ ގުޅުން ކުރިއަކަށްނުދާނެއެވެ.
- ވަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް