މުސްލިމުންނަށް އޮތީ ކޮްނމެ މީހަކަށްވެސް ހެޔޮކޮށް ހިތުމެވެ. ވަކިން ޚާއްޞަކޮށް ޢުމުރުން ދުވަސްވީ މީހުންނަށާއި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި މާބަނޑު އަންހެނުންނަށް ހެޔޮކޮށް ހިތައި އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރަންޖެހެއެވެ.
މާބަނޑު އަންހެނުންނަށް ބަލާއިރު އެމީހުންނަކީ ވަރަށް ނާޒުކު ފައްތަރެއްގައި ތިބޭ ބައެކެވެ. ވިހައި ގަދަވަންދެން ގިނަ އަންހެނުންނަށް ތިބެންޖެހެނީ ވަރަށް ވޭނުގައެވެ. އެކިއަންހެނުންނަށް އެކަންކަން ކުރިމަތިވަނީ އެކި މިންވަރަށެވެ.
ވީމާ އަނބިމީހާ ބަލިވެއިނދެއްޖެނަމަ ހެޔޮކޮށް ހިތުން އިތުރުކުރަންޖެހޭނެއެވެ. ގިނަ ފރިން އެކަން އެގޮތަށް ކުރެއެވެ. ލޯތްބާއި އަޅައިލުން ދިނުންވެސް އިތުރުކުރެއެވެ. ނަމަވެސް ބައެއް ފިރިންނަށް ކަންކަން ކުރެވެނީ އެގޮތަކަށް ނޫނެވެ. ދިމާ އިދިކޮޅަށެވެ. އެފަދަ މީހުންނަކީ އެމީހުންގެ ކިބައިގައި އިންސާނިއްޔަތުކަން ހުންނަ ބައެއް ކަމަކަށްވެސް ނުބެލެވޭނެއެވެ.
ބަލިވެ އިނުމުން އަނބިމީހާ ހިތުގަ ޖައްސުވައި އަނިޔާވެރިވާ ފިރިންނަށް ތިރީގައި އެވަނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. އަދި ﷲ ތަޢާލާގެ މަގުގައި ޘާބިތުވާ އަންހެނުންނަށްވެސް އެހައިމެ ޢިބްރަތްތެރި ވާހަކައެކެވެ.
އެއިރު އަޅުގަނޑުގެ އުމުރުން 23 އަހަރެވެ. ކައިވެންޏަށް 2 އަހަރެވެ. ބަނޑަށް 3 މަހެވެ. އެއީ ހުކުރު ދުވަހެއްގެ ހަވީރެވެ. ފިރިމީހާ ގޭގައި ނެތުމުން އަޅުގަނޑު އުޅުނީ ގަރާޖުގައި ހުރި ފިރިމީހާގެ ސައިކަލް ދޮވެ، ފުހެލުމުގެ މަސައްކަތުގައެވެ. އެމަސައްކަތުގައި އުޅެނިކޮށް ފިރިމީހާ ކާރުގައި އައިސް ގަރާޖަށް ކާރުވެއްދުމުން ދޮރުހުޅުވައިލަ ދިނުމުގެ ބޭނުމުގައި ކާރާއި ކައިރިވެލިވަގުތު ފިރިމީހާ ކާރުން ފައިބާފައި އަޅުގަނޑުގެ ކޯމަތީގައި ބާރަށް ޖެހިއެވެ.
ވީތަދުން އަނގައިންވެސް ނުބެވިފައިހުއްޓާ ކުރީ ދެވަނަ ސީޓުން ޒުވާން އަންހެން ކުއްޖަކު ފެއިބުމުން ފިރިމީހާ ބުންޏެވެ. "މިތަނުގައި ތިއަހުރީ އަހަރެންނަށް ފާރަލާންކަމށްހެއްޔެވެ؟ ދެން ފާރަލާނެ ކަމެއް ނެތެވެ. މިއައީ މިހުރިހާ ދުވަހަކު ޝައްކުކުރަމުން އައި އަހަރެންގެ ލޯބިވެރިޔާ ގޮވައިގެންނެވެ. އިތުރު އަނިޔާއެއް ލިބެން ނޫނީ އެއްވެސްކަމަކާއި ނުބެހި މަޑުން ހުންނާށެވެ."
އަޅުގަނޑު އަޅައިވެސް ނުލައި ސައިކަލް ކައިރިއަށް ގޮސް އެއިރު ކުރަންހުރި މަސައްކަތްކޮށް ނިންމައިލީމެވެ. އެމަންޒަރު ފެނުމުން އަޅުގަނޑު އެތަނުގައި ހުރީ ފިރިމީހާއަށް ފާރަލާން ނޫންކަން ފިރިމީހާއަށް ރަނގަޅަށް އެނގޭނެއެވެ.
އެދުވަހުން ފެށިގެން އަޅުގަނޑަށް ގޭގައި އުޅެންޖެހުނީ ވަކިކޮޓަރިއެއްގައެވެ. ކުރާނެ އަސަރު ވިސްނައިލާށެވެ، އަޅުގަނޑަކީ ވެސް ހަމަ ހަށިގަނޑުގައި ހިތެއް އޮތް އިންސާނަކީމެވެ. ނަމަވެސް އެއްވެސް ކަމެއް ފެންނަ ކަމަކަށް ނުހަދަމެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިނަމަވެސް އަނގައަކުންވެސް ނުބުނަމެވެ.
ޑޮކްތަރަށް ދާންޖެހެނީވެސް އެކަންޏެވެ. ޑޮކްޓަރަށް ދާންޖެހޭ ކޮންމެ ދުވަހަކުވެސް މެސެޖުކުރަމެވެ. ނަމަވެސް ޖަވާބެއް ނުދެއެވެ. ޖަވާބުނުދޭތަނުގައި ހޮސްޕިޓަލަށް ދާން ކާރުވެސް ނުދެއެވެ. ގޭގައި ޑްރައިވަރު ހުރިނަމަވެސް ގެންގޮސްދޭކަށް ނުބުނެއެވެ.
އެފަދަ ގޮތަކަށް އުޅެމުން އައިސް ބަނޑަށް 8 މަހުގައި ޑޮކްޓަރު ދިން ރިޕޯޓަކީ ފިރިމީހާއަށް ކޮންމެހެން ފެންނަން ޖެހޭނެ ލިޔުމަކަށްވާތީ އެކަނި އިންދައި ދައްކައިލީމެވެ. ނަމަވެސް އޭގައި އޮތް އެއްވެސް އެއްޗަކަށް ނުވެސް ބަލައި ބުނީ "ކަމަކު ބޭނުންވާނަމަ ބުނުމަށެވެ."
އަޅުގަނޑަށް ބޭނުންވަނީ ފިރިމީހާގެ ލޯތްބާއި އަޅައިލުމެވެ. އެހެންކަމެއް އަޅުގަނޑަކަށް ބޭނުމެއް ނުވެއެވެ. އެއީ އެދުނަސް ލިބެން އޮތް ކަމަކަށްނުވާތީ އަނގައިން ނުބުނެ ކޮޓަރިއަށް ދިއައީއެވެ.
ކޮންމެއަކަސް ވިހަން ހޮސްޕިޓަލަށް ދާންޖެހުނީވެސް އެކަންޏެވެ. ވިހައިގެން އޮންނަން ޖެހުނީވެސް އެކަންޏެވެ. އެހެން އޮތުމުގައި އެއްދުވަހު ފޭސްބުކްގެ ސްޓޭޓަސްގައި ލިޔުނީމެވެ. "މިއޮތީ ވިހައިގެން ހޮސްޕިޓަލުގައެވެ. ވަރަށް ނިކަމެތިކަންމަތީގައި ވަރަށް އެކަނިވެރިޙާލުގައެވެ."
ލިޔުނުތާ ކުޑަ އިރުކޮޅެއްވެސް ނުވަނީސް ސްކޫލުގައި އެކުގައި އުޅުނު ރަޙްމަތްތެރި ކުއްޖަކު ގުޅާފައި އޮތް ކޮޓަރި އޮޅުންފިލުވައިގެން އައެވެ. ދެމީހުންނަށް ކުރިން އުޅެވިފައިވަނީ ވަރަށް ގާތްކޮށްކަމަށްވުމުން އަޅުގަނޑަށް ހަދިޔާއެއް ދީފައި ކުޑައިރު ފަދައިން ސަމާސާ ބަސްތައް ބުނަންފެށުމުން އަޅުގަނޑަށް ރޮވުނެވެ. ބުނީމެވެ. "މިއަދު ޝިފޫ މިއޮތީ ސަމާސަ ކުރެވޭވަރަށްވުރެ މާހިތްދަތި ޙާލުގައެވެ." އެހެންބުނެފައި ހުރިހާ ވާހަކަތަކެއް އޭނާއަށް ކިޔައިދިނީމެވެ.
އެއީ ޞޯބިރު ކިޔާ ކުއްޖެކެވެ. ވަރަށް ސަމާސަ މިޒާޖުގެ ކުއްޖެކެވެ. ކްލާހުގައި އިނދެގެން ޓީޗަރުންނާއި ދިމާއަށް ބުނާނެއެވެ! "އަޅުގަނޑުގެ ނަމަކަށް ޞޯބިރު ކީނަމަވެސް އަޅުގަނޑަކީ އެއްވެސް ބިރުވެރި ކުއްޖެއް ނޫނެވެ. އެންމެންނަށް އެހީތެރިވާނެ އެހީތެރިއެކެވެ. ބިރަކީ ސޯއެވެ. ނުބައި މާކްސްއެއްދީ ފޭލްކޮށްލައިފާނެތީއެވެ."
ރޮމުން އަޅުގަނޑު ކިޔައިދިން ވާހަކަތައް އަޑުއަހާފައި ބުންޏެވެ. "ބަލަ ކުރިންވެސް މަށަކީ އެހެން މީހުންނަށް އެހީތެރިވާނެ މީހަކުކަމަށް ބުނަމެއް ނޫންހެއްޔެވެ؟ އެކަން މެދުވެރިވީވެސް އެގޮތަށެވެ. މިހާރު މިއީ ތަނަވަސް މީހެކެވެ. ބޮޑު ގެއެއްވެސް އެބަހުއްޓެވެ. ޝިފޫގެ ފިރިމީހާ ހުއްދަ ދީފިއްޔާ ހޮސްޕިޓަލުން ގެންދާނީ ޞޯބިރުގެގެއަށެވެ. ދަރިފުޅުގެ ބައްޕަކަމަށް ސޮއިކުރަންވެސް މިހުރީ ތައްޔާރަށެވެ."
އޭނާގެ މަޖާ މިޒާޖުގައި ހުރެ އެބާވަތުގެ ވާހަކަތަކެއް ދައްކާފައި އަދި އަންނާނެ ކަމަށް ބުނެފައި ދިއުމުން އެރޭ ގުޅައި އޭނާ ބުނިގޮތަށް އަޅުގަނޑަށް ހަމަ އެހީތެރިވެދޭނަންތޯ ސުވާލުކުރުމުންވެސް ބުނީ ހަމަ އެހީތެރިވެދޭނެ ކަމަށެވެ. ޞޯބިރުގެ ކިބައިން ޔަޤީންކަން ހޯދުމަށްފަހު ފިރިމީހާއަށް ގުޅައި ހޮސްޕިޓަލުން ދޫކޮށްލުމުން ކުރިން އުޅުނު ޙާލުގައި އުޅެން ގެއަށް ދާން ބޭނުންނުވާކަމަށް ބުނުމުން ބުނީ ރަނގަޅީވެސް އެގޮތް ކަމަށެވެ. އަދި ވިހެއުމުން ވާނީ ވަރިކޮށްފައި ކަމަށްވެސް ބުންޏެވެ.
ވަގުތުން ޞޯބިރަށް ގުޅައިގެން ގެނުވާފައި ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ބުނީ ޑޮކްޓަރު ދޫކޮށްލާ ވަގުތު އެންގުމުން އޭނާއަށް ގުޅުމަށެވެ. ޙަވާލުވާން އަންނާނެ ކަމަށެވެ. އެހެންބުނެފައި ރުފިޔާކޮޅެއްވެސް އަތަށްލައިދީފައި ދިއައީއެވެ.
އަނެއްދުވަހު ދޫކޮށްލުމުން ގުޅީމާ ވަގުތުން ބަލައި އައިސް ގެއަށް ގެންގޮސް މަންމައަށް ދައްކާފައި ބުންޏެވެ. " މިހިރަ ޝިފޫމަތިން މަންމަ ހަނދާން އެބަހުރިހެއްޔެވެ؟ މިއީ އެކުގައި ކިޔަވަން އުޅުނު ސްމާޓް ޝިފޫއެވެ. ވާހަކަ ދައްކާނީ ފަހުންނެވެ. އަޅުގަނޑު މަންމަ ގާތުގައި ބުނި ކޮޓަރީގައި ޝިފޫ ބައިންދާށެވެ! އެގެނައީ ހަމަ އަޅުގަނޑުގެ ދަރިއެކެވެ. އަޅުގަނޑާ ވަރަށް ވަރަށް ވައްތަރުކަންވެސް އެބަހުއްޓެވެ." އެހެންބުނުމުން މަންމަ ހޭންފެށީމައި "އާނ! ހޭންތިބޭށޭ! ފަހުން އަންނާނެމޭ" ކިޔާފައި ނުކުމެގެން ހިނގައްޖެއެވެ.
އަޅުގަނޑަށް ޞޯބިރުގެ މަންމަ ވަރަށް ރަނގަޅަށް ކަންތައްކޮށްދިނެވެ. އަމިއްލަ ދަރިއަކު ފަދައިން އެހީތެރިވިއެވެ. ދަރިފުޅުވެސް އުރައިދެއެވެ. އަޅުގަނޑާއި ދަރިފުޅުގެ ހުރިހާ ކަމެއް ދެމައިން ކޮށްދިނެވެ. އެހިސާބުން ފިރިމީހާގެ މަތިން މަޑުމަޑުން ހަނދާން ނެތެންވެސް ފެށިއެވެ.
އެހެން އެގޭގައި އިންނަތާ އަހަރުވެސްވީފަހުން މަންމައާއި 3 މީހުން އެއްރޭ ވާހަކަދައްކަން ތިބެފައި ޞޯބިރު ބުންޏެވެ. "ދެން މިކަން ނިންމަމާ ހިނގާށެވެ! މަންމާއެވެ! ޝީފޫ ރުހެންޏާ އަދި މަންމަ ޤަބޫލިއްޔާ އަޅުގަނޑު ބޭނުންވަނީ ޝިފޫއާއި ކައިވެނިކުރާށެވެ!"
މަންމަ ބުނީ އެކަމަށް ދަރިފުޅު މާކުރިންސުރެ ބޭނުންވެގެން ހުންނަކަން މަންމައަށް އެނގޭކަމަށާއި ޝިފޫ ގެއަށް ގެންނަން ބޭނުންވެގެން ބުނުމުން އެކަމަށް އެހައި ފަސޭހައިން އެއްބަސްވީވެސް އެކަން އެނގޭތީ ކަމަށެވެ. "މީގެ 2 އަހަރުކުރިން ދަރިފުޅުގެ އުފަންދުވަސް ފާހަގަކުރަން އެކުވެރިންނަށް ކާންދޭން ގެއަށް ގެނައި ރޭ ޢާޞިފް ގާތުގައި "އަދިވެސް ޝިފޫ ލިބިދާނެ ނޫންހޭ އަދިވެސް އިންތިޒާރުކޮށްލާނަމޭ" ބުނި އަޑު މަންމައަށް ވަނީ އިވިފައި ކަމަށްވެސް މަންމަ ބުންޏެވެ.
އަޅުގަނޑަށް އެނގޭ ކަމަކީ އެރެއާއި ހަމައަށް އަޅުގަނޑު ގާތުގައި އެފަދަ އެއްވެސް ވާހަކައެއް ދުވަހަކުވެސް ޞޯބިރު ނުދައްކާ ކަމެވެ. އެގޭގައި އެހައި ދުވަސްވީއިރުވެސް މެއެވެ. ކޮންމެއަކަސް ކައިވެނިކޮށް އަޅުގަނޑުމެން މިއުޅެނީ ހަމަ ވަރަށް އުފަލުގައެވެ.
ކައިވެނީގެ 2 ވަނަ އަހަރު އެއްރޭ ކައިނިމިގެން ސިޓިންގ ރޫމްގައި ތިއްބައި މީހަކު ބެލްޖެހުމުން ދޮރުހުޅުވިއިރު ހުރީ ކުރީގެ ފިރިމީހާއެވެ. ޞޯބިރާއި ބައްދަލުކުރަން ކަމަށް ބުނުމުން ވެއްދީމެވެ. ވެއްދުމުން އުޅެނީ މިގޭގައިތޯ ސުވާލުކުރުމުން ޖަވާބެއް ނުދެމެވެ.
ޞޯބިރާއި ވާހަކަދައްކަން އައީ އޭނާގެ ވިޔަފާރި ބަނގުރޫޓުވެގެން ގެ ނީލަންކިޔާ ހިސާބަށް ކަންކަން ދިއުމުން ރައްޓެއްސަކަށްވާތީ ލޯނެއްގެ ގޮތުގައި ފައިސާ ހޯދަންބޭނުންވެގެންނެވެ. ޞޯބިރު ބުނީ އަމިއްލަ ދިރިއުޅުމުގައި ބައިވެރިޔާއަށް އަނިޔާވެރިވާ މީހުން ބަނގުރޫޓުވުމަކީ ޢާންމުކަމެއްކަމަށާއި އެފަދަ މީހަކަށް ލޯނު ދިންނަމަވެސް އަނބުރައި ލިބޭނެ ކަމަށް ޤަބޫލުނުކުރާތީ ލޯނެއް ނުދޭނެ ކަމަށެވެ. ނަމަވެސް ގެ ގަނެފާނެ ކަމަށެވެ. އެހެން ބުނުމުން މޫނު ކުނިކޮށްފައި ނުކުމެގެންދިއަމީހާ ފަހަކުން ނުދެކެމެވެ.
އޭނާ ފަހުން ގުޅުނު ލޯބިވެރިޔާއަކީ ޞޯބިރުގެ މަންމަގެ ގާތް އަންހެނަކަށްވާތީ އެކަންކަން ހިނގައިދިއަ ގޮތް މަންމައަށް އެނގެއެވެ. މަންމަ އެވާހަކަތައް ކިޔައިދޭން އުޅުމުން އަޅުގަނޑުބުނީ އަޑުއަހަންވެސް ބޭނުން ނުވާ ކަމަށާއި މީހަކަށް ދެރައެއް ދީފައި އެއްވެސް މީހަކަށް ޙަޤީޤީ އުފާވެރިކަމެއް ނުލިބޭނެ ކަމަށެވެ. ނުލާހިކު ބާރަށް ކުރިއަރަމުން އައި ކުރީގެ ފިރިމީހާއަށް އެފެނުނީ އެކަން ކަމަށް ޤަބޫލުކުރާ ކަމަށެވެ.
ނިންމާލަމުން މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ވާހަކައެއް ބުނެލާނަމެވެ. އެއީ ކޮންމެ ފަދަ ބޮޑު ނިކަމެތި ޙާލަތެއް ކުރިމަތިވި ނަމަވެސް ﷲ ގެ ޙަޟްރަތުން އުންމީދުކަނޑާނުލައި ދުޢާކުރާށެވެ! ޚާއްޞަކޮށް އަނިޔާލިބެމުންދާ މާބަނޑު އަންހެނުން ޙައްޤުގޮތުގައި ތިބިނަމަ ނިކަމެތި ނުކުރައްވަވާނެތެވެ! އިން ޝާ ﷲ
އަޅުގަނޑުގެ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރާނެ ކަމަށް އުންމީދުކުރަމެވެ.
--ޝިފޫ / މިއަދުނޫހުގެ ކިޔުންތެރިއެއް