އެކި މައްސަލަތަކުގައި މިހާތަނަށް 3300 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އޮގަސްޓް 25 ވަނަ ދުވަހުގެ ނިޔަލަށް 3322 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށެވެ. މިއީ 2023 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ނޮވެމްބަރު 16 އަށް ޑީޕޯޓްކޮށްފައިވާ 2021 ބިދޭސީންނާ އަޅާބަލާއިރު 64.3 އިންސައްތަ އިތުރު އަދަދެކެވެ.
ޝައްމާން އިތުރަށް ވިދާޅުވީ މިހާރު ހުރި ޑިޓެންޝަން ފެސިލިޓީއަކީ އެންމެ އެކަށީގެންވާ ފެސިލިޓީއެއް ނޫން ކަމަށާއި، އެތަނުގައި 200 މީހުން ބޭތިއްބޭ ކަމަށެވެ. އަދި އެތަނުގެ ޖާގަ އިތުރުކޮށް މަސައްކަތް ފުޅާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދަނީ ވަށައިޖެހޭ ހައްލަކާއި ދިމާލަށް މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން، ޤާނޫނާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ފާހަގަކޮށް، އެފަދަ ފަރާތްތައް ޑީޕޯޓްކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރެވެއެވެ.