211 އޮފިސަރުން އެއްފަހަރާ މަގުތަކަށް! ހޯމް މިނިސްޓަރާ އިމިގްރޭޝަން ކޮންޓްރޯލަރ އުރާލަން ރައްޔިތުން ބޭނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
211 އޮފިސަރުން އެއްފަހަރާ މަގުތަކަށް! ހޯމް މިނިސްޓަރާ އިމިގްރޭޝަން ކޮންޓްރޯލަރ އުރާލަން ރައްޔިތުން ބޭނުން!

"ލަޠީފްބޭ އަޅުގަނޑު ކީއްތޯ ކުރާނީ؟ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ސުވާލުކުރަން އަޅުގަނޑަށް ދީފައި ހުރީ އެންމެ އޮފިސަރެއް! އޭނާ ގޮވައިގެން މާރުކޭޓް ސަރަޙައްދަށް ދިއައިމަ ވާގޮތަކީ އަބަދު ތިބެނީ އެއްގޮޅިން އަނެއް ގޮޅިއަށް ބަދަލުވޭވެ! ވަށައި ޓޭޕްދަމަން ފަށާއިރަށް ފަހަތުން އަންނަނީ ބުރިކުރަމުން! އެންމެ މީހަކު ގޮވައިގެން އަޅުގަނޑު ކިހިނެއްތޯ މިމަސައްކަތްކުރާނީ؟" މިއީ ރައީސް ޔާމީނުގެ ސަރުކާރުގައި އަޅުގަނޑުމެންގެ އެކުވެރި ޢަބްދުﷲ އެތައް ފަހަރަކު ވިދާޅުވި ވާހަކައެކެވެ. 

ދެން އޮތީ ނިމިގެންދިއަ އެމްޑީޕީގެ ސަރުކާރުގައި މިއަދުނޫހުން ތަކުރާރުކުރި ސުވާލުތަކާއި ގުޅިގެން ވަޒީރު ލައިވްކޮށް ވެވަޑައިގެންނެވި ވަޢުދެވެ. 2 އަހަރުތެރޭ ޤަވާޢިދާއި ޚިލާފަށް ތިބި ބިދޭސީންގެ މައްސަލަ ޙައްލު ނުކުރެއްވިއްޖެނަމަ މަޤާމުން އިސްތިޢުފާދެއްވާނެ ކަމުގެ ވަޢުދެވެ. ވަޢުދަށް ވީގޮތް ނިންމަވާނީ ލޮބުވެތި ރައްޔިތުންނެވެ. 

ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓާ ސިސްޓަމަށް ކުއްލިއަކަށްވީ ގޮތަކާއި ގުޅިގެން ޑާޓާ ބޭސް ގޮވައި މިނިވަންކަމާއިއެކު އުޅެން ފުރުޞަތު ލިބުނު ހިސާބުން މިއަދާއި ހަމައަށްވެސް އެސިސްޓަމް ހުރީ އަވަރުވެފައެވެ. މަގުތައް ފުރި ޕޭމަންޓްމަތިން ހިނގެން ނެތް ޙާލަތުކުރިމަތިވެގެން ނޫސްތަކުން ލިޔެގަތީމާ ޑްރާމާކޮޅެއް ކުޅެލުން ނޫންކަމެއް ކޮށްފައެއް ނުވެއެވެ. ފާއިތުވި ކޮންމެ ސަރުކާރެއްގެ ކުރީކޮޅު ވަރަށް މޮޅަށް ޑްރާމާތައް ކުޅުނެވެ. ނިމެނީ ޖަމަލުފޮޑިއަށެވެ. 

މިޙާލަތު ބަދަލުކުރަން މަސައްކަތްކުރުމުގެ ހިތްވަރާއި ކުޅަދާނަކަން މިސަރުކާރަށް ލިބިފައިވާކަން ހޯމް މިނިސްޓްރީ އާއި އިމިގްރޭޝަނުން އެގެންދަވަނީ ޢަމަލީ ގޮތުން ދައްކަވަމުންނެވެ. ޑާޓާބޭސްގެ އަވަރުވެފައި ހުރި ދެލޯ ސާޖަރީކޮށް ފެންނަ ގޮތް ހަދައިފިއެވެ. މިއަދު މަގުތަކަށް އެނެރެލީ އެއްފަހަރާ 211 އޮފިސަރުންނެވެ. 

މިފަދަ ބޮޑެތި ބަދަލުތައް ފެންނަން ފެށުމުން ޑްރާމާކުޅުނު ވެރިންނަށް އަސަރުތަލެއް ކުރާނެކަން ޤަބޫލުކުރަން އުނދަގުލެއް ނޫނެވެ! ބަގުޑިބައްދައި ވައްޓައިލެވޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރާނެކަމަށް ޝައްކުކުރާކަށް ނުޖެހެއެވެ. 

މިއަދުގެ ސަރުކާރުގެ ކިބައިން ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއްކަމަކީ ރާއްޖޭގައި ޤަވާޢިދާއި ޚަލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ޙައްލުކޮށްދެއްވުމެވެ. ޤައުމަށް އިޤްޠިޞާދީ ކުރިއެރުން ލިބެން އޮތީވެސް ޑޮލަރުގެ ކަޅުބާޒާރު ކުޑަކުރެވޭނީވެސް މިމައްސަލައަށް ޙައްލެއް ފެނިގެންކަމަށްވާތީއެވެ. ވީދެމުން މިދާ އިޖުތިމާޢީ ފޭރާން ވީދި ކުނޑިކުނޑިވުން ނުހުއްޓުވައި އިޖުތިމާޢީ މައްސަލަތަކަސްވެސް ޙައްލެއް ނުހޯދޭނެތީއެވެ. 

"ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ އަދި އުޅޭ ސަރަހައްދުތައް ދެނެގަތުމަށްޓަކައި އަޅުގަނޑުމެންގެ 211 އޮފިސަރުން މުޅި މާލެ ސަރަހައްދު އިންސްޕެކްޓް ކުރުމަގައި މިވަގުތު ހަރަކާތްތެރި ވަމުން ދަނީ. މިއޮޕަރޭޝަންގައި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން ވެސް ބައިވެރިވެވަޑައިގަންނަވާނެ. އިތުރު ތަފްސީލް ފަހުން ހާމަ ކުރަމުންދާނެ ވާހަކަ ދަންނަވަން."

- އިމިގްރޭޝަން 

https://x.com/ImmigrationMV/status/1828753521589784704

މިއަދު އޮންލައިން