ފަގީރުކަން ވަޒަންކުރާ އައު މިންގަނޑު، މަލްޓި ޑިމެންޝަނަލް ޕޮވާޓީ އިންޑެކްސް (އެމްޕީއައި) ގެ ސަބަބުން މާލެއާއި އަތޮޅު ތެރެ ހަމަހަމަކަމާއެކު ތަރައްގީ ކުރުމަށް ފަސޭހަވާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
އުޒްބަކިސްތާނުގައި ކުރިއަށްދާ މަލްޓިޑައިމެންޝަނަލް ޕޮވަޓީ ޕިއާސް ނެޓްވޯކްގައި ވާހަކަދައްކަވަމުން ވަޒީރު ޙައިދަރު ވިދާޅުވީ، އެމްޕީއައި ބަލައިގަތުމުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މުހިންމު އެކި ދާއިރާތައް ދެނެގަނެ، އެކަމަށް ހައްލު ހޯދުމުގެ ފުރުސަތު ސަރުކާރަށް ލިބިފައިވާ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖެ އިތުރަށް ތަރައްޤީކުރާއިރު ވެރިކަންކުރާ މާލެއާއި އަތޮޅުތެރެ ހަމަހަމަކަމާއެކު ތަރައްޤީކުރަންޖެހޭ ކަމަށާއި، އެގޮތަށް ކަންކަން ބައްޓަން ކުރުމަށް އެމްޕީއައިގެ ސަބަބުން ގިނަ ފަސޭހަތަކެއް ލިބޭ ކަމަށެވެ.
އެމްޕީއައި ތައާރަފްކުރުމާއެކު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ގުޅިގެން ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް ދެނެގަނެ އެ ނިސްބަތް ދަށްކުރުމަށް މަސައްކަތްތަކެއް ފަށައިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޙައިދަރު ވިދާޅުވީ، 2020 ވަނަ އަހަރު އެމްޕީއައިގެ ފުރަތަމަ ހޯދުމުން އެނގިފައިވާ ގޮތުގައި ރާއްޖޭގެ އާބާދީގެ ނިސްބަތުން ކޮންމެ 10 މީހަކުން އެކަކީ ފަގީރެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އާބާދީގެ 28 އިންސައްތައަކީ ފަގީރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.