ދައުލަތަށް ވަންނަ އާމްދަނީ އިތުރުކުރެވޭނީ މަސްވެރިކަމުގެ ކަނޑައެޅޭ ކޯޓާއާ އެއްވަރަށް މަސްބޭނިގެން: ވަޒީރު ޝިޔާމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދައުލަތަށް ވަންނަ އާމްދަނީ އިތުރުކުރެވޭނީ މަސްވެރިކަމުގެ ކަނޑައެޅޭ ކޯޓާއާ އެއްވަރަށް މަސްބޭނިގެން: ވަޒީރު ޝިޔާމް

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ ދައުލަތަށް ވަންނަ އާމްދަނީ އިތުރުކުރެވޭނީ މަސްވެރިކަމުގެ ކަނޑައެޅޭ ކޯޓާއާ އެއްވަރަށް މަސްބޭނިގެން ކަމަށެވެ.

"ޖީ-ސިކްސްޓީން ލައިކް މައިންޑެޑް ސްޓޭޓްސް އޮފް ދަ އިންޑިއަން އޯޝަން"ގެ 36 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްފަހު ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މިފަދަ ބައްދަލުވުންތައް ރާއްޖެއަށް މުހިންމުވަނީ ދެމެހެއްޓެނިވި މަސްވެރިކަމުގައި ރާއްޖެއަކީ ކުޑަނަމަވެސް އަޑުގަދަ ޤައުމެއްކަމަށްވާތީ ކަމަށެވެ.

ވަޒީރު ވިދާޅުވީ، "އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަނޑައެޅޭ ކޯޓާ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފިގެން ދިއުން. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ދައުލަތަށް އަދި ޤައުމަށް ވަންނަ އާމްދަނީވެސް އިތުރުވެގެންދާނީ އަޅުގަނޑުމެންނަށް ލިބޭ ކޯޓާއާއި އެއްވަރަށް މަސްވެރިކަން ކުރެވިގެން އަދި އަޅުގަނޑުމެންނަށް ކޯޓާ އިތުރުކުރުމަށް މަސައްކަތް ކުރެވޭނީވެސް އެ މިންގަނޑަށް މަސްވެރިކަން ފުޅާވެގެން."

މީގެ އިތުރުން، މިފަދަ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވިގެންދާއިރު އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގައި ޤައުމުތަކުގެ އަޑު އިއްވުމަށް ބޭނުންވާ މުހިންމު މަޝްވަރާތައް މީގެ ތެރެއިން ކުރެވިގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން ކުރާ މަސްވެރިކަމުން ނަމޫނާ ނަގަން ޖެހޭކަން ފާހަގަކުރެވިގެންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން