ރާއްޖޭގެ ހުރިހާ ޖަލުތަކެއް އެއްކޮށްލައި ސެންޓްރަލް ޖަލެއް ހެދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މި ނިންމުމާއެކު ޤައިދީންގެ ބޮލަކަށް ޖެހޭ ޚަރަދު ކުޑަކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވުނު "ދިވެހި ސަގާފީ ގޯތި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ޖަލު ހިންގުމަކީ ވަރަށް ޚަރަދުބޮޑު ކަމެއްކަމަށާއި މިހާރު މަހެއްގެ މައްޗަށް ޤައިދީއެއްގެ ބޮލަކަށް 27،000 ރުފިޔާ ޚަރަދުވާ ކަމަށް ވިދާޅުވިއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ދިރާސާކުރުމަށްފަހު ސެންޓްރަލް ޖަލެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަލަށް ހަދާ ސެންޓްރަލް ޖަލު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ މާލެއާ ކައިރިން މިހާރު ހިއްކަމުންދާ ސަރަޙައްދެއްގައި ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އަދި މި ޖަލު 3 އަހަރު ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، މި ޖަލު ހެދުމާއެކު ޚަރަދު ކުޑަކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެތަން ހެދި ތިން އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ޚިދުމަތަށް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން މިކުރިއަށްދަނީ. އެ ހިސާބުން ބޮލަކަށް ޖެހޭ ޚަރަދު ގާތްގަނޑަކަށް 17000 ރުފިޔާއަށް ކުޑަކުރެވެގެންދާނެ ކަމަށް އަޅުގަނޑުމެންގެ މިހާރުގެ ހިސާބުކިތާބުތަކުން ދައްކަނީ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އުއްމީދަކީ ޖަލުތަކަށް ކުރެވޭ ޚަރަދު ކުޑަކޮށް ޖަލުތަކުން ނެރެވޭ ނަތީޖާ އިތުރުކުރުން ކަމަށެވެ.