ފިޗުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ހައްލު ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މާލީ ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ފިޗުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ހައްލު ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މާލީ ވުޒާރާ

ފިޗް ރޭޓިންގްސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގއާ ގުޅިގެން މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ފިޗުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ހައްލު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލީ ވުޒާރާގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ އިޤްތިޞާދީ ދުޅަހެޔޮކަން ދެމެހެއްޓޭނެކަމަށް ބެލެވުނު ނަމަވެސް، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ފިސްކަލް އަދި އެކްސްޓަރނަލް ސެކްޓަރތަކުގެ ހިރާސް ހުރިކަމަށް ބެލެވޭތީ ފިޗުން ރާއްޖެއަށް މި ރޭޓިންގ ދީފައިވާ ކަމަށެވެ.

މި ކަންކަމަށް ހައްލު ހޯދުމަށްޓަކައި، ސަރުކާރުން ޢާމްދަނީއާއި ޚަރަދުގެ ސިޔާސަތުތައް ވަށާޖެހޭ ގޮތެއްގައި އިސްލާޙުކުރުމަށާއި، މެދުރާސްތާއަށް ދަރަނި ނަގަންޖެހޭ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރުމަށް ތައްޔާރުވަމުންދާކަމަށް މާލީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

އަދި ސަރުކާރުން މާލީ ދާއިރާ ހަރުދަނާކުރުމަށް ތަންފީޒުކުރުމަށް ނިންމަވާފައިވާ ކަންކަމާއެކު، މިއަހަރާއި މެދުރާސްތާގައި ފަތުރުވެރިކަމުގެ ދާއިރާއަށާއި އިޤްތިޞާދަށް އަންނާނެކަމަށް ބެލެވޭ ކުރިއެރުމާއެކު، ދައުލަތުގެ މާލީ ޙާލަތު ރަނގަޅުވެ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް މާލީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

 

މިއަދު އޮންލައިން