އަޅުގަނޑަކީ މިއަދު ނޫހުގެ ހަގީގީ ސެގްމެންޓްގައި ގެނެސްދޭ ވާހަކަ ވަރަށް ކިޔާ ހިތުން ކިޔާ މީހަކީމެވެ. އަޅުގަނޑު ކިޔައި ދޭން މިއުޅެނީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެއްގެ ހަޔާތުގައި ހިނގާފައިވާ ކަމެއްގެ ވާހަކައެވެ. ރާއްޖޭގައި ވެސް ނިސްބަތުން ގިނައިން ހިނގަމުންދާ ކަމެއްގެ ވާހަކަ އެވެ.
އެއީ މީގެ 10 އަހަރު ކުރި އެވެ. އެކުވެރިޔާ އޭނަގެ ދެވަނަ ފިރިމީހާއާއި އިންތާ މާކަ ގިނަ ދުވަހެއް ނުވަނީސް އޭނަގެ އޭރުގެ ފިރިމީހާގެ ކޮއްކޮވެސް މީހަކާއި އިނދެގެން ގެއަށް ގެނެއްސިއެވެ. ދެފަހަރިންނަށް ގެއަށް އާދެވުނީ އެކު އެކީގައެވެ.
އެކުވެރިޔާ އަކީ އުތުރުގެ ރަށެއްގެ މީހެކެވެ. އަނެއްފަހަރި އަކީވެސް އެރަށު ކުއްޖެކެވެ. ތަޢުލީމީ ކުއްޖެކެވެ. ނަމަވެސް ޢުމުރުގެ ބޮޑުބައި މާލޭގައި ހޭދަކުރުމުން ރަށުގެ ގޮތްގަނޑު ނެތް ކުއްޖެކެވެ.
ކޮންމެ އަކަސް ދެފަހަރިން އެކުގައި ގެއަށް އައުމުން އެގެއަށް ޢީދެއް އައިހެން ހީވިއެވެ. ބުނަންތޯއެވެ. 2 ނޯކަރުން ލިބުމުގެ ޢީދެވެ. އެންމެ ފުރަތަމަވެސް ގޮވައިގެން ގޮސް ދެފަހަރިން މިލީ އެގޭ ބަދިގެއަށެވެ. ދެފަހަރިން ވެސް އެކުވެރިވެ ގާތް ގުޅުމެއް އުފެދެން މާކަ ގިނަ ދުވަހެއް ނުނެގިއެވެ. އެކުވެރިޔާ ބުނި ގޮތުގައި ޅަފަހަރި ވީ ވަރަށްވެސް ވިސްނޭ ކުއްޖަކަށެވެ. މަޑުމައިތިރި އޭނައަށް ވެސް އަޅާލާ ކުއްޖަކަށެވެ. އެހިސާބުން އެކުއްޖާ އާއި ދޭތެރެ ދެކެވެން ފެށުނީ އެއްބަނޑު އެއްބަފާ ކޮއްކޮއެއްގެ ގޮތަށެވެ.
ދެތިންމަސް ވީ ތަނާ މައްސަލަ ޖެހެން ފަށައިފިއެވެ. މައްސަލަ ޖެހެންފެށީ ގޭގެ މަސައްކަތް ތަކުން ފަހަރިމެންނަށް ނުކުޅަދާނަ ވުމުންނެވެ. ދެ ފިރިހެނުންގެ އެއްބަނޑަށް 5 އަންހެނުން ތިބެއެވެ. 3 ފިރިހެނުން ތިބެއެވެ. 4 އަންހެނުންގެ ދަރިންތިބެއެވެ. މައިދައިތަ އާއި ބަފައިބެ އާއި އެކުވެރިޔާ ގެ ފިރިމީހާއާއި އެންމެން އެއްކޮއްލުމުން ދެން އެގޭގެ ކާނެ އަނގަތަށް ޚިޔާލަށް ގެންނާށެވެ.
ދެތިންމަސްވީތަނާ ކުޑަ ފަހަރި އޭނަގެ އާއިލާ ކައިރިއަށް މާލެ ގޮސްލިއެވެ. ފިރިމީހާގެ ވަޒީފާގެ ގޮތުން ގިނަގިނައިން ނާދެވޭތީ އާއި އެކުގައެވެ. އެހިސާބުން މައިދަތަ އާއި ފިރިމީހާގެ އެއްބަނޑު މީހުންގެ ޒީލަ ގަދަކަން ފެއްޓުނެވެ. އެކުވެރިޔާ އާއިލާ ކައިރިއަށް ދިއުން ގޯސްވިއެވެ. އެއްވެސް ތަނަކަށް ފޮނުވަންޖެހޭނީ މައިދައިތަގެ ހުއްދަ ލިބުމުންކަން މައިދައިތަ ކުޑަ ފަހަރީގެ ފިރިމީހާ އަށް އަންގައިފިއެވެ. ކުޑަ ފަހަރި ޖަވާބަކަށް ބުނީ މިއީ އިންޑިއާ ނޫންކަމަށާއި ފުލުފުލުގަ ތިބަލާ ޑްރާމާތައް ބަލައިގެން އޭނަގެ މަށްޗަށް އޯޑަރު ނުނެރެވޭނެ ކަމަށެވެ.
އެކުވެރިޔާ އަށް މަސައްކަތް ބުރަވެ ބަލިވެ އުޅެން ޖެހިއްޖެއެވެ. ފަތިހު ނަމާދު ކޮށްގެން 5 ޖަހާއިރު ވަނަށް ގޮތަށް ބްރޭކް ލިބެނީ ކޮންމެ ނަމާދު ގަޑިއަކަށް ކަމަށް އެކުވެރިޔާ ބުންޏެވެ. އެވެސް ވަރަށް ހާލުން އެ ގަޑި ހޯދައިގެންނެވެ. މުޅިގޭގެ ހުރިހާ ކަމެއް ނިމޭނީ ރެނގަޑު 12 ޖަހާއިރަށެވެ. އެކުވެރިޔާ އަށް ނުތެދުވި ހެދުނު ބަދިގެއަށް ނުވަދެވިއްޖެނަމަ ދޮރުގައި ތަޅާ ހަޅޭލަވައެވެ. ގޭގައި ކާނެ އެއްޗެއް ނެތް ކަމާއި ދެން ތިބެންވީ ނުކައި ބަނޑަށް ތޯ އޭ ކިޔައި ހަޅޭލަވާނެއެވެ.
އެހިސާބުން އެކުވެރިޔާގެ ފިރިމީހާވެސް ޕްރެޝާ ކުރަނީ މަންމަމެންނާއި އެއްބަނޑު މީހުންނަށް ކައްކަން ބަދިގެއަށްދާށޭކިޔާފައެވެ. ނުގޮއްސިއްޔާ ވަރިކޮށްފަ ފޮނުވާލާށޭ ކިޔާފައި ހަޅޭ ލަވަނީ އެކުވެރިޔާގެ ކުރިމަތީގައި ކަމަށްވެއެވެ. އޭރު އެއްބަނޑު އަންހެނުންތައް ގޯތިތެރޭގައި މަލާމަތްކޮށްފައި ހޭންތިބެއެވެ. އަދި އަވައްޓެރިންގެ ގޭގައި ހުންނަ މަސައްކަތްތައް ކުރަން ވެސް އެކުވެރިޔާ ފޮނުވާނެ ކަމަށް މައިދައިތަގެ އަރިސް މީހުންގެ ކައިރީގައި މައިދައިތަ ބުނެލަނީ އެކުވެރިޔާގެ ކުރިމަތީގައި ކަމަށް ވެއެވެ.
ކުޑަ ފަހަރި މާލެއިން އައިސް ދާންފެށީ ވަޒީފާއަށެވެ. އެއްވެސް ގޮތަކަށް ބަދިގެ އަށް ނުވަނަން ފަށައިފިއެވެ. އަމިއްލަ ރަށްކަމުން ދާނެ ގެތައްވެސް ހުންނާނެތާއެވެ. ރަށުތެރެއިން މައިދައިތަގެ އަރިސްމީހަކު އެއްޗެއް ބުންޏަސް އެއަށް ރައްދުވެސް ދޭންފެށިއެވެ. އެގޭގެ ނޯކަރެއް ނޫންކަމާއި އެގެ އަށް އެގޭ ފިރިހެންދަރިއަކާއި އިނދެގެން އައީ އެމީހުންނަށް ގުލާނު ކުރަން ނޫންކަމަށެވެ.
ދެން ހަދަން ފެށި ގޮތަކީ ކުޑަ ފަހަރި ގެއަށް ރޭގަނޑު އޮފީސް ކަމެއްގައި އުޅެފައި އަންނަ ރޭރޭ ގެއަށް ނުވައްދަން ފެށީއެވެ. އެކުވެރިޔާ އަށް ގުޅުމުން ގޭދޮރު ހުޅުވާކަމަށް ބުންޏެވެ. އެހިސާބުން ކުޑަ ފަހަރި އޭ ކިޔާފައި މުޅި ރަށުގައި ވާހަކަ ހަދަމުން ދުވަން ފެށީ މައިދައިތައެވެ. ކަންނެތް އަންހެނެކޯލައެވެ. އަތުންފައިން އެއްވެސް ކަމެއް ކުރާ އަންހެނެއް ނޫނޭ ކިޔާފައި އަހަރެންގެ ގެއަކު އެހެން ނޫޅެވޭނެ އޭ ކިޔައި ކުޑަ ފަހަރި އާއި ދިމާލަށް ހަޅޭވެސް ލަވަން ފެށީއެވެ. އަދި އޭނަގެ ފިރިމީހާ ޗުއްޓީއަށް އައީމަ ވަކިން ކޮއްލާ ވަރު ބޮޑުވާންފެށީއެވެ.
ކުޑަ ފަހަރިގެ ފިރިމީހާވެސް އޭނަގެ ދިފާއުގައި އެއްވެސް އެއްޗެއް ބުނެނުލާ ކަމަށް ވެއެވެ. ބައެއް ދުވަސް ދުވަހު ކޮށްލާ ވަރުން އެ ކުއްޖާގެ ގައިގައި ޖަހާފާނެއޭ ހީވާފަހަރުވެސް އަންނަ ކަމަށް އެކުވެރިޔާ ބުންޏެވެ. ވަރަށް ހިތްވަރު ގަދަ ކުއްޖެކަމަށް އެކުވެރިޔާ ބުންޏެވެ. އެ ގޮތުގައި ވަރަށް ހާލުގައި އެގޭގައި އުޅޭތާ 3 އަހަރުވުމުން ދެ ފަހަރިންނަށް ވެސް ދަރިން ނުލިބިގެން މުޅި ރަށުގައި އެވާހަކަ ދައްކަމުން މައިދައިތަ ހިނގަން ފެށީއެވެ. ކުޑަފަހަރިއަށް އެމީހުން ބޭނުން ގޮތެއް ނުހެދުމުން އެކަމާ ވަރަށް ރުޅިއައިސް ގެން އެގޭގެ އަންހެނުންތައް ވެސް އެކި އެކި ގޮތުން ފުރައްސާރައާއި ދުއްތުރާ ކުރަން ފެށީއެވެ. ދެ ފިރިހެން ކޮށްކޮމެންގެ ބޮލަށް ވަދެގެން ވެސް އެމީހުންނަކަށް ކުޑަފަހަރި ނޯކަރަކަށް ނުހެދުނެއެވެ.
ދެން ފެށި ހަމަ ގެއަށް ވަންނަ އިރަށް ހެއްދެވި ނެހެދެވި އަށް ގޮވާށެވެ. ދުވަހަކުވެސް އުފަލެއް ނުލިބޭނެ ކަމަށް ބަދު ދުޢާ ކުރަން މައިދައިތަ ފެށީ އެކުވެރިޔާގެ ކުރި މަތީގައި ކަމަށް ބުންނެވެ. އެކަމާ ކުޑަފަހރި އެގެއިން ނިކުމެގެން އެހެންގެއަކަށް ބަދަލުވީ ފިރިމީހާގެ ނުގަބޫލުގައެވެ. އެންމެ ފަހުން އެ ފަހަރިގެ ފިރިމީހާވެސް އޭނަ އާއި އެކު އެގެއަށް ބަދަލުވީ އެ ފަހަރި ބަނޑުބޮނޑުކަން އެގުމާއި އެކު ކައިވެނި ރޫޅަން ބޭނުން ނުވާތީއެވެ. މަންމަ އާއި ދައްތަމެންގެ ބަހަށް ފުރަތަމަ ކައިވެނިވެސް ރޫޅިފައިވާތީއެވެ.
އޭގެ ދުވަސް ކޮޅެއްފަހުން އެކުވެރިޔާ ބުނީ އޭނަވެސް ކެތް ނުވެގެން ރަށަށް ދިޔައީކަމަށެވެ. ދާން އުޅުމުންވެސް މަންމަ މެންގެ ނުގަބޫލުގައި ގޮސްގެން ނުވާނެ ކަމަށް ފިރިމީހާ ބުނިކަމަށްވެއެވެ. މިގޭގައި މަސައްކަތް ކުރާނެ މީހަކު ނުވާނެ ކަމާއި ދައްތަމެން ވަޒީފާއަށް ދާވާހަކަ އާއި ދަރިން ބަލާފަ ކައްކާނެ މީހަކު ނުވާ ވާހަކަ ދައްކަން ފެށިކަމަށްވެއެވ. ނަމަވެސް އެކުވެރިޔާ ރަށަށް ދިއުމުން ފިރިމީހާ ގުޅާފައި އެކުވެރިޔާ ވަރި ކުރިއެވެ. މަންމަ ނުރުހޭ މީހަކާއި އެކު އުޅެން ބޭނުން ނުވާ ކަމަށް ބުންޏެވެ. އަދި އޭނަގެ އާއިލާއިން އޭނައަށް ރަނގަޅު ކުއްޖަކު ރަށުން ހޯދައިދޭންކަމަށް ވެސް ބުންޏެވެ.
ޢިއްދަ ހަމަކޮށް އެކުވެރިޔާ މީހަކާއި އިނދެގެން މިހާރު އުޅެނީ ވަރަށް އުފަލުގައެވެ. ﷲ ގެ އިރާދަފުޅުން ލިބުނީ އެކުވެރިޔާ އަށް ހެޔޮފިރިއެކެވެ. އެކުވެރިޔާގެ ކުރީގެ ފިރިމީހާ އެފަހުން މީހަކާއި އިންތާ އަހަރު ނުވަނީސް ، ފަހުން އިން އަނބިމީހާވެސް އެގެއިން ނިކުމެގެން ގޮސްސި ކަމަށް ވެއެވެ. މިހާރު ހުންނަނީ ހުއްސަރިބަޔަށް ކަމަށް ވެއެވެ.
ކުޑަ ފަހަރިގެ ދެމަފިރިންނަށް 2 ދަރިން ލިބި ވަކިން އުޅުނަސް އަދިވެސް މައިދައިތަގެ ހިތް ހެޔޮ ނޫންކަމަށް އެކުވެރިޔާ ބުންޏެވެ. އަދި އެގޭގައި ބާކީ ތިބި ފިރިހެން ކުދިންވެސް މީހުންނާއި އިނދެ ދިރިއުޅެނީ އަނބިންގެ ރަށުގައި ކަމަށްވެއެވެ. އެމީހުންގެ ކުރިމަތީގައި 4 ފަހަރިންނަށް އެގޭގައި ކަންތައްކޮށްފައިވާ ގޮތް ފެނުމުންނެވެ. އެގޭގައި އެއްވެސް ޅީދަރިއަކށް ނޫޅެވޭނެކަން މުޅި ރަށަށް އެނގި ހާމަވެއްޖެ ކަމަށް އެކުވެރިޔާ ބުންޏެވެ. އަދި ކުޑަ ފަހަރިއަށް ކުރިވަރު އޭނައަށް ނުކުރިއަސް އެފަހަރީގެ ފަރާތުން ހިތް ހަލާލު ހޯދަން އެމީހުންޖެހޭނެ ކަމަށް ކުޑަ ފަހަރި ބުނިކަމަށް އެކުވެރިޔާ ބުންޏެވެ.
އެތައް ދުވަހެއްގެ މަތިން މައިދައިތަ ކުރި ބަދު ދުޢާތައް އެގޭ ހުރިހާ އަންހެނުނަށް އަނބުރާ ދޭތޯ ދުއާ ކުރި ކަމަށް ކުޑަ ފަހަރި ބުނި ކަމަށްވެއެވެ. މިއަދު އެގޭ އެއް އަންހެނަކަށާއި އެއްފިރިހެން ދަރި އަކަށް ދަރިން ނުލިބިގެން އެއުޅެނީ ހަމަ މި ދުއާއިން ކަމަށްވެސް ވެދާނެ ނޫންތޯއެވެ.
މިވާހަކަ ކިޔާފައި ތިބާއީ މިކަހަލަ މައިދައިތައެއް ނަމަ އަވަހަށް މާފަށް އެދޭށެވެ. އަދި މިކަހަލަކަމެއް ފަހަރިންނަށް ކުރިވިފައި ވާނަމަ މާފަށް އެދޭށެވެ. މާފު ހޯދާށެވެ. އަބަދުވެސް ފރިހެނުން ވިސްނާށެވެ. އަންބެއްގެ ގޮތުގައި ތިގެންދަނީ މީހެއްގެ ލޯބިލޯބި ދަރި އެކެވެ.
- މިއަދު ނޫހުގެ ކިޔުންތެރިއެއް.