މާލޭގައި އިއްޔެ ހިންގުނު ޚާއްޞަ ހަރަކާތެއްގައި ވިސާ ފުރިހަމަނޫން 273 ބިދޭސީންނަށް ނޯޓިސް ދީފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި އިއްޔެ ހަވީރު 4 އިން 6 އަށް މާލޭގައި ހިންގުނު މި ހަރަކާތުގައި، ގަވާއިދާ ޚިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ 120 ދިވެހިންނަށްވެސް ވަނީ ލިޔުމުން ނަސޭހަތް ދީފައެވެ. މީގެ އިތުރުން، ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ 10 ބިދޭސީން ހޯދައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މި އޮޕަރޭޝަންގައި ޖުމުލަ 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވިއެވެ. އެ އޮފިސަރުން 52 ގްރޫޕަކަށް ބަހާލައިގެން މާލޭގެ 26 ތަނެއް ބަލައި ފާސްކުރިއެވެ.
ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ދަނީ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. މިފަދަ ހަރަކާތްތައް ކުރިއަށް އޮތް ތަނުގައިވެސް ހިންގާނެކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.