ސިވިލް އޭވިއޭޝަން އޮތޯރިޓީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ދިވެހިރާއްޖެއާއި ސަޢޫދީ އަރަބިއްޔާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެކުލަވާލާފައިވާ ފަހުމުނާމާއެއްގައި ސޮއިކުރެވިއްޖެއެވެ.
މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގޮސްފައިވަނީ ސަޢޫދީ އަރަބިއްޔާގެ ރަތް ކަނޑުގެ ސަރަހައްދުގައި އޮންނަ އުމްލުޖް ސިޓީގައެވެ.
މި ފަހުމުނާމާއަކީ ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި ސަޢުދީ އަރަބިއްޔާގެ ގެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންއާ ދެމެދު ވެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން އޭވިއޭޝަންގެ ސަބަބުން ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން، ސީޕްލޭން އޮޕަރޭޝަން އަދި ވޯޓަރ އެއަރޮޑްރޯމްއާއި ގުޅޭ ދާއިރާއިން ވެސް ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް މި ފަހުމުނާމާގައި ހިމެނިފައިވެއެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީނެވެ. އަދި ސަޢުދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ހިސް އެކްސެލެންސީ ސާލޭ ބިން ނާސަރު އަލް ޖަސަރެވެ.
މި ރަސްމިއްޔާތުގައި ސަޢުދީ އަރަބިއްޔާގެ ގެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންގެ ރައީސް ހިސް އެކްސެލެންސީ އަބްދުލް އަޒީޒް އަލް ދުޢައިލެޖް އަދި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސްވެރިންނާއި، ސަޢުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.