ވަޒީފާގެ ބާޒާރަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް ރިޒާވް ކޯޓާއެއް ހަމަޖައްސަންޖެހޭ: އިޖުތިމާޢީ ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
ވަޒީފާގެ ބާޒާރަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް ރިޒާވް ކޯޓާއެއް ހަމަޖައްސަންޖެހޭ: އިޖުތިމާޢީ ވުޒާރާ

ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް ރިޒާވް ކޯޓާއެއް ހަމަޖައްސަންޖެހޭކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހްމަދް އާތިފް ވިދާޅުވެއްޖެ އެވެ.

އެބޭފުޅާ މިފަދައިން ޕީއެސްއެމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ނެވެ.

ސްޓޭޓް މިނިސްޓަރ އާތިފް ވިދާޅުވީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އަށް ބަލާއިރު، ނުވަތަ ބައިނަލްއަޤުވާމީ އެންމެ ރަނގަޅު ނިޒާމުތަކަށް ބަލާއިރު ކުންފުނިތަކުގައި ވަކި އިންސައްތައެއްގެ ވަޒީފާ ހުންނަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ވަޒީފާގެ ގޮތުގައި ކަނޑައަޅާ ކަމަށެވެ. އެ ނޫން ނަމަ އެ ވަޒީފާތަކަށް ޚަރަދުވާ މިންވަރު، ވަކި ފަންޑަކަށް ޖަމާވާހެން، އެ ޤައުމުތަކުގައި "އެމްޕަވަމަންޓް ފަންޑުގެ" ނަމުގައި ފަންޑެއް ކަނޑައަޅާކަމަށެވެ.

މިފަދަ ނިޒާމުތަކަކީ ރާއްޖޭގައި ޤާއިމުކުރެވިދާނެ ނިޒާމުތަކެއް ކަމަށާއި، މި ނިޒާމުތަކުގެ ތެރެއިން ދެމެހެއްޓެނިވި ފައިދާތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިއްބައިދިނުން މުހިންމުކަމަށް ސްޓޭޓް މިނިސްޓަރ އާތިފް ވިދާޅުވި އެވެ.

މީގެ އިތުރުން، ސްޓޭޓް މިނިސްޓަރ އާތިފް ފާހަގަކުރެއްވި ގޮތުގައި ޓެކްސް ނިޒާމުގެ ތެރެއިން ޑަބަލް ޑިޑަކްޝަން ތަޢާރަފުކުރުމަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދޭ ފަރާތްތައް އެކަމަށް ޝައުގުވެރިވާނެ، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް އެކި ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ވެސް ވަރަށް ބޮޑަށް މަންފާ ކުރާނެ ކަމެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މަސައްކަތް ކުރަމުންދާއިރު، އެމްޕަވަމެންޓް ފަންޑު ޤާއިމްކުރުމާއި، ޓެކްސް ނިޒާމަށް ބަދަލުތައް ގެނައުމާ ގުޅޭ ގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރަމުންދާކަމަށް ސްޓޭޓް މިނިސްޓަރ އާތިފް ވަނީ ވިދާޅުވެފަ އެވެ.

މިގޮތަށް މަސައްކަތް ކުރެވިއްޖެނަމަ، މިހާރު ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ދަފްތަރުގެ ވެއިޓްލިސްޓްގައި ތިބި ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ، މުޖުތަމަޢުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިވެގެންދާނެކަން ވެސް އާތިފްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން