މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އިއްޔެ ނައިފަރު މަސްވެރިންނާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވިއެވެ. މި ބައްދަލުވުމުގައި މަސްވެރިން އެމީހުންގެ ބައެއް ކަންބޮޑުވުންތައް ވަޒީރާ ހިއްސާކުރިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނިގޮތުގައި، މަސްވެރިން ޚާއްޞަގޮތެއްގައި ފާހަގަކުރެއްވީ ތެލުގެ އަގު ބޮޑުވުމުގެ ކަންބޮޑުވުމެވެ. މިކަމާ ގުޅިގެން މަސްވެރިން އެދިފައިވަނީ އެސްޓީއޯ އާއި އެކުންފުނީގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމްއާ ވާހަކަދައްކައިގެން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށެވެ.
ވަޒީރު ޝިޔާމް ވަނީ މަސްވެރިންނަށް މިކަމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މި ބައްދަލުވުމަކީ މަސްވެރިންގެ ދަތިތަކާއި ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކޮށް، އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމުގައި ބެލެވެއެވެ.