ފެހުރިހި އުޅޭ ސަމްޕާ ސަރަހައްދު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ ފެހުރިހީގެ ދުވަސް ފާހަގަކުރުމަށް އދ. ދިގުރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ފެހުރިއްސަކީ ޙިމާޔަތްކޮށްފައިވާ މިޔަރަކަށްވާއިރު، އެ ބަލާލަންދާ މީހުންގެ ޢަމަލުތައް ހުންނަގޮތުގެ ސަބަބުން އެފަދަ މިޔަރުތަކަށް ގެއްލުންވާ ކަމަށެވެ. އެހެންކަމުން ފެހުރިހި އެއްވާ ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަކީ މުހިންމުކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ފެހުރިހި ގިނަ ޢަދަދަކަށް އެއްވާ އދ. އަތޮޅުގައި އޮންނަ ސައުތް އަރި މެރީން ޕްރޮޓެކްޓެޑް އޭރިޔާ، ސަމްޕާ ސަރަހައްދު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ގޮތުގެ ޕްލޭންތަކެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށްތަވާފައިވާ ކަމަށެވެ.
"ބައިނަލްއަޤުވާމީ ފެހުރިހީގެ ދުވަހާ ގުޅުވައިގެން މިހާރު ފެށިގެން މިދަނީ 47 މީހުން ހިމެނޭ ވަރކްޝޮޕެއް. ސަމްޕާ ސަރަހައްދު ބެލެހެއްޓުމަށް މިހާރުވަނީ 3 ރޭންޖާސް ނެގިފައި. ޑިސެންބަރު މަހުގެ ތެރޭގައި ސަމްޕާ ސަރަހައްދު ރަނގަޅު މެނޭޖްމެންޓް ޕްލޭނަކާއެކު ބެލެހެއްޓެން ފެށޭނެ." ތިމާވެށްޓާބެހޭ ވަޒީރު ވިދާޅުވިއެވެ.
ފެހުރިހި ފެންނަ ސަރަޙައްދުތަކުގެ ތެރޭގައި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ސަރަހައްދަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ އެންމެ ބޮޑު އެއް ސަރަހައްދެވެ.