ޢިބްރަތްތެރި ވާހަކަ: ދަރިފުޅުގެ އަނބިމީހާ ގެއިން ފޮނުވާލަން މަކަރުވެރި ރޭވުންތައް ރާވައި ހިންގި މަންމައަކު ނުކުޅެދޭ މީހަކަށްވެ ޢުމުރަށް ހިތާމަކުރަން ޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 39ސ
ޢިބްރަތްތެރި ވާހަކަ: ދަރިފުޅުގެ އަނބިމީހާ ގެއިން ފޮނުވާލަން މަކަރުވެރި ރޭވުންތައް ރާވައި ހިންގި މަންމައަކު ނުކުޅެދޭ މީހަކަށްވެ ޢުމުރަށް ހިތާމަކުރަން ޖެހުނު ގޮތުގެ ވާހަކަ-

ދަރިއަކު ކައިވެނިކޮށްފިނަމަ އަނބިމީހާއަކީވެސް ތިމާގެ އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލައިނުގަނެވޭކަން އެއީ ޢާންމުވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. ދަރިފުޅުގެ އަނބިމީހާގެ ކިބައިން ނުރަނގަޅު އެއްވެސް ކަމެއް ނުފެނި ތިމާއަށް ކޮށްދޭންޖެހޭ ޚިދުމަތް ކޮށްދޭނަމަ ދަރިއެއް ކަމަށް ބަލައިގަނެ ހެޔޮކޮށް ނުހިތަންވީ އެއްވެސް ސަބަބެއް ނެތްއިރުވެސް ބައެއް މައިންނަށް އެކަންކަން ބަލައިނުގަނެވޭކަން އެއީ ވަރަށްކޮށް މެދުވެރިވާ ކަމެކެވެ. 

ތިރީގައި އެވަނީ އެފަދަ މައިންނަށް ވަރަށް ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކައެވެ. 

އެދެމަފިރިންނަކީ ވަރަށް ލޯބިން އެކުގައި ދިރިއުޅެމުންދިއަ ދެމަފިރިންނެވެ. ނަމަވެސް މައިދައިތައަށް ދަރިފުޅުގެ އަނބިމީހާގެ ކިބައިން ރަނގަޅު އެއްވެސް ސިފައެއް ފެންނަ ކަމަކަށް ނުވިއެވެ. އޭނާއަށް އެއްވެސް ކަމެއް ރަނގަޅަށް ކުރެވޭ ކަމަކަށްވެސް ނުވެއެވެ. 

ދަރިފުޅަކީ މަންމަގެހުރި އެންމެ ދަރިފުޅުކަމަށްވުމުން މަންމަ ދޫކޮށްލާފައި އަނބިމީހާ ގޮވައިގެން ގެއިން ނުކުމެގެންދިއުމަކީ ކުރަން ރަނގަޅުކަމަކަށް ނުވާތީ ކެތްތެރިވެގެން ހުރީއެވެ. އަނބިމީހާވެސް އެކަން ޤަބޫލުކުރާތީ މައިދައިތަ ކިޔާ އެއްވެސް އެއްޗަކަށް އަޅައެއްވެސް ނުލައެވެ. މައިދައިތައަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދެއެވެ. 

އެވަރުންވެސް މައިދައިތަގެ ހިތްހަމަނުޖެހިގެން ދެމަފިރިންގެ ދެމެދަށް ވައްދުވަން ޒުވާން އަންހެންކުއްޖަކު ގެއަށް ގެނުވައި ދެމަފިރިން ދުރުކުރުވަން މަސައްކަތްފެށިއެވެ. އެކުއްޖާ ގެއަށް ނުވައްދަން އުޅުމުން ވެއްދީވެސް ދަރިފުޅާއި ދެކޮޅަށެވެ. 

އެއްދުވަހަކު ފެނުނީ ސިޓިންގރޫމްގައި ވެއްޓިފައި އޮއްވައެވެ. ދަރިފުޅު ގެއަށް އައުމުން ބުނީ އޭނާގެ އަނބިމީހާ ކޮއްޕައި ވައްޓައިލީ ކަމަށެވެ. ޑޮކްޓަރަށް ދާން ބުނުމުން ބުނީ އެއްވެސް ތަނަކަށް ދާން ބޭނުންނުވާކަމަށާއި ބޭނުމީ އެގޮތަށް އޮވެ މަރުވާން ކަމަށެވެ. ޑޮކްޓަރަށް ގެންދަން ބޭނުންނަމަ އަނބިމީހާ ވަރިކޮށް ފޮނުވައިލުމަށެވެ. 

އޭނާ އޭނާގެ އަނބިމީހާއަށް ފުރިހަމައަށް އިތުބާރުކުރެއެވެ. އެހެންވެ ޑޮކްޓަރަކަށް ގުޅައި ގެއަށް ވިޒިޓްކޮށްދޭން އެދުމުން ޑޮކްޓަރު އައިސް ބަލާފައި ބުނީ އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބިފައިވާކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން ދޭނެ ފަރުވާއެއް ނެތް ކަމަށެވެ. 

އެހިސާބުން ކިޔަންފެށި ބަނދިވަރަށް ކެތް ނުކުރެވުމުން ދަރިފުޅު ބުންޏެވެ. "މަންމާއެވެ. މަންމަ ތިއަ ބުނަނީ ހަމަތެދެކެވެ. ތިއައީ ބަނޑުއަޅައި ވިހޭ މައިމިހާއެވެ. އެހެންވެ މައިމީހާގެ ޙައްޤުތައް އަދާކުރަން އަހަރެން ކޮށްނުދެނީ ކޮންކަމެއް ހެއްޔެވެ؟ އަހަރެންގެ އަނބިމީހާ ކޮށްނުދެނީ ކޮންކަމެއް ހެއްޔެވެ؟ ނުބުނަން ހުރެފައިވެސް މިބުނަނީއެވެ. އަނބިމީހާ އިނީ ބަލިވެއެވެ. ވަރިއެއް ނުކުރާނަމެވެ. އަނބިމީހާ ގޮވައިގެން މިގެއިން މިދަނީއެވެ. މަންމަގެ ޚަރަދުތައް ބަލަހައްޓައިދޭނަމެވެ." 

ދެމަފިރިން ފޮށި ހިފައިގެން ނުކުންނަން އުޅޭއިރަށް "ތިއަހެން މިގެއަކުން ނުދެވޭނެއޭ" ކިޔާފައި ބަލިވެ ނުތެދުވެވިފައި އޮތް މަންމަ ފުންމައިގެން ތެދުވެއްޖެއެވެ. ދުވެފައި އައިސް ނުކުތަނުދޭން މަސައްކަތް ކުރަން ފަށައިފިއެވެ. މިފެނުނު ކަންތަކާއިއެކު ގޭގައި ހިނދުކޮޅަކުވެސް މަޑުކުރަން ބޭނުންނުވާތީ ދެމަފިރިން ތަނެއް ކުއްޔަށް ހިފައިގެން ނުކުމެގެން ދިއައީއެވެ. އެއީ އެވަރުގެ މަންމައަކު ދެން ޖައްސާނީ ކޮންފަދަ ޑްރާމާއެއްކަންވެސް ނުއެނގޭތީއެވެ. 

ދެމަފިރިން ގެއިން ނުކުތްތާ 3 ވަނަ މަހު ހޮސްޕިޓަލުން ގުޅާފައި ބުނީ މަންމަ ފައިކައްސާލައިގެން ފާޚާނާތެރެއަށް ވެއްޓުނުއިރު މައިބަދައަށް ލިބުނު ގެއްލުމަކުން އުނަގަނޑުން ތިރީގެ ވާގިގޮސްފައި ހޮސްޕިޓަލުގައި އެބައޮތް ކަމަށެވެ. ދެމަފިރިން އެކުގައި ހޮސްޕިޓަލަށް ގޮސް މަންމަގެ ޙާލު ބަލައި ހުރިހާ ކަންކަން ބެލެހެއްޓިއެވެ. ބޮޑުބަނޑާއި އެކުގައިވެސް މައިދައިތަ ގާތު ގިނައިން ހޭލާ އިނީވެސް އޭނާއެވެ. ހޮސްޕިޓަލުން ގެއަށް ގެންދެވެންންވާއިރަށް އަނެއްކާވެސް ދެމަފިރިން ގެއަށް ބަދަލުވީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިން ވިސްނައިލާށެވެ! ދަނބިދަރިފުޅު ކޮއްޕާ ވައްޓައިލީކަމަށް ބުނެ ބޮޑު ދޮގު އިލްޒާމް އަޅުވައިގެންވެސް ދެމަފިރިން ދުރުކުރުވަން މަސައްކަތްކުރި މަންމައަށް މިއަދު އެކަން އޮތީ ހަމަ ޙަޤީޤަތުގައިވެސް ކުރިމަތިވެފައެވެ. އެންމެ ހިތާމަވެރިގޮތުގައެވެ ތިރީކޮޅުގަ ވާގިވެސް ނެތުމުންނެވެ. 

މިއީ މީގެ 6 އަހަރުކުރިން ހަމަ މިމާލޭގައި ހިނގާފައިވާ ކަމެކެވެ. އެމަންމަ ކުރި އެއްވެސް ކަމަކަށް ހިތްބަރުނުކޮށް ދެމަފިރިން މިހާރުވެސް އެގެންދަނީ މަންމައަށް ޚިދުމަތްކުރަމުންނެވެ. 

އަޅުގަނޑު ބުނެލަން ބޭނުންވަނީ މަންމަ ވިޔަސް މައިދައިތަވިޔަސް މިފަދަ ނުބައި ފިތުނަ އުފައްދައި ދެމަފިރިންގެ ދިރިއުޅުން ހަލާކުކުރަން މަސައްކަތް ނުކުރާށެވެ! ކުރާ ކޮންމެ ޢަމަލެއް 7 އުޑުމަތިން ﷲ ބައްލަވައިވޮޑިގެންވެއެވެ! މިކިޔައިދިނީ އެއީ އަޅުގަނޑުގެ އަވަށްޓެރިން ކަމަށްވުމުން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގިފައި އޮތް ކަމެއްގެ ވާހަކައެވެ. އެދެމަފިރިންނަށް ހަމަ އައްސަރިބަހާ ސާބަހެވެ! އަދި އެ ދައިތައަށް ހެޔޮދުޢާވެސް ކުރަމެވެ!

 

- ޢާއިޝަތު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން