ޢިބްރަތްތެރި ވާހަކަ: މައިންބަފައިންނަށާ މާބަނޑު އަންހެނަކަށް އެހީތެރިވުމުގަ ނަމޫނާދެއްކި އަންހެނަކަށް އުންމީދުވެސް ނުކުރެވޭވަރުގެ ބޮޑު އުފާވެރިކަމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 30ސ
ޢިބްރަތްތެރި ވާހަކަ: މައިންބަފައިންނަށާ މާބަނޑު އަންހެނަކަށް އެހީތެރިވުމުގަ ނަމޫނާދެއްކި އަންހެނަކަށް އުންމީދުވެސް ނުކުރެވޭވަރުގެ ބޮޑު އުފާވެރިކަމެއް ލިބުނު ގޮތުގެ ވާހަކަ-

މިވާހަކަ ކިޔައިދީފައިވާ ޤަމަރުއްނިސާ ފާހަގަކޮށްފައިވަނީ މާބަނޑު އަންހެނުންނަށް ޚިދުމަތް ކުރުމުގެ މަތިވެރިކަމެވެ. އެކަންކަންވެސް ފާހަގަކުރަމުން އެއިގެ އިތުރުން މިއަދުނޫހުން ފާހަގަކުރަން ބޭނުންވަނީ ތިމާގެ މައިންބަފައިންނަށް އެހީތެރިވެދީ ބެލެހެއްޓުމުގެ މަތިވެރިކަމެވެ. މިދެބައިވެސް ހިމެނިފައިވާ މިވާހަކައަކީ ވަރަށް ޢިބްރަތްތެރި ވާހަކައެއްކަން ވާހަކަވިދާޅުވުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ 

އަހަރެން މަސައްކަތްކުރަނީ ރެސްޓޯރަންޓެއްގެ ވެއިޓަރަކަށެވެ. އެއްދުވަހެއްގެ މެންދުރު ވަގުތެވެ. އަހަރެން ހުރީ ޑިޔުޓީގައެވެ. އެކަނި އައި އަންހެނެކު އަހަރެން ބަލަހައްޓާ ސަރަހައްދުގެ މޭޒެއްގެ ދޮށުގައި އިށީނުމުން ޚިދުމަތްދިނީ އަހަރެންނެވެ. 

ކައިނިމިގެން ބިލް އަދާކޮށްފައި ނުކުމެ ހިނގައިގަނެފައި އޭނާގެ ބަނޑުގައި އަތް އެޅިއެވެ. އަދި އެއާއިއެކު މަޑުމަޑުން ފާރުބުޑުގައި އިށީނެވެ. މަންޒަރު ފެނުމުން ދުވެފައި ގޮސް އޭނާއަށް އެހީތެރިވެދިނީމެވެ. ޓެކްސީއެއް ހުއްޓުވައި ގޮވައިގެން ހޮސްޕިޓަލަށް ދިއައިމެވެ. 

އެކަން އަހަރެން ކުރީ ވަރަށް ބޮޑު ރިސްކެއް ނަގައިގެންނެވެ. އެއީ ޑިޔުޓީގައި ހުރެފައި ދިއުމަކީ ވަޒީފާއިން ވަކިކޮށްފާނެ ކަމަކަށްވާތީއެވެ. ޓެކްސީއަށް އެރިވަގުތުވެސް ނުދާން ސެކިޔުރިޓީވެސް ބުންޏެވެ. ނަމަވެސް އަހަރެންނަށް މުހިންމުވީ އޭނާގެ ފުރާނައެވެ. ބޭނުންވީ އޭނާއަށް އެހީތެރިވެދޭށެވެ! 

ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނީ އެއީ މާބަނޑު އަންހެނެއް ކަމަށާއި ލޭފައިބަމުން ދިއަވަރުން ދެމައިންގެ ފުރާނަ ސަލާމަތްކުރެވުނީ ހަމަ ކިރިޔާ ކަމަށެވެ. ވަޒީފާ ގެއްލުނަސް ދެމައިންގެ ފުރާނަ ސަލާމަތްކުރަން އެހީތެރިވެދެވުނީތީ ހުރީ ވަރަށް އުފަލުންނެވެ. 

ހޮސްޕިޓަލުން ގުޅުމުން އޭނާގެ ފިރިމީހާއަށް އާދެވުނީ ގަޑިއެއްހައިއިރު ފަހުންނެވެ. ފިރިމީހާ އައުމުން ކަންތައްތައް ވީގޮތް ކިޔައިދީފައި ދިއައީއެވެ. ރެސްޓޯރަންޓަށް ދިއުމުން ބުނީ ޑިޔުޓީގައި ހުރެފައި ދާން ނުޖެހޭނެ ކަމަށާއި ޓެކްސީއަކަށް އަރުވާފައި ފޮނުވާލިނަމަވެސް ފުދޭނެ ކަމަށްވާތީ ތިއަހުރީ ވަޒީފާއިން ވަކިކޮށްފައި ކަމަށެވެ. 

ވަރަށް ދެރަވިއެވެ. އެއިރު މަންމަ އާއި ބައްޕަވެސް އުޅެނީ ބަލިވެއެވެ. ވަޒީފާގައި އުޅެނީ އަހަރެން އެކަންޏެވެ. ހަގަށް ތިބި ކޮއްކޮމެން ހަގުކަމުން ތިބެނީ ގޭގައެވެ. އެހެންކަމާއިއެކުވެސް ދެރައެއް ނުވަމެވެ. އަހަރެންގެ ސަބަބުން ދެމައިންގެ ފުރާނަ ސަލާމަތްކުރެވިފައިވާއިރު ﷲ އަހަރެން ނިކަމެތި ނުކުރައްވަވާނެކަމުގެ ޔަޤީންކަން އޮތެވެ. 

މަންމަމެން ބަލިކަމުން ދޫކޮށްލާފައި ވަޒީފާއެއް ހޯދަން ހިނގާނެ ފުރުޞަތު ނުލިބޭތީ ގޭގައި ހުރީމެވެ. ހަފްތާއެއްވީތަނާ އަތުގައި ހުރި ފައިސާކޮޅު އެކުގައި ހުސްވުމުން އަތުގައި އޮތް ދެ އަނގޮޓި ވިއްކައިލެވޭތޯ ނުކުންނަން އުޅެނިކޮށް ގޭދޮރުމައްޗަށް ކާރެއް މަޑުކޮށްފައި ފޭބީ އަހަރެން އެހީތެރިވެ ހޮސްޕިޓަލަށް ގެންދިއަ އަންހެން މީހާ އާއި އޭނާގެ ފިރިމީހާއެވެ. 

އަހަރެންނާއި ސުވާލުކޮށްފައި ޙާލުގެވާހަކައިން ސުވާލުކުރުމުން ކަންކަންވީގޮތް ކިޔައިދިނުމުން ވަރަށް ދެރަވެފައި ފައިސާބޮނޑިއެއް އަތަށް ދީފައި ބުނީ ވަޒީފާއަކަށް ނުގޮސް ގޭގައި މަންމަމެންގާތު މަޑުކުރުމަށާއި އަހަރެމެންގެ ކަންކަން ވަރަށް ގާތުން ބަލަހައްޓައިދޭނެ ކަމަށެވެ. 

ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވެ މަންމަމެން ބަލަން ގޭގައި ހުއްޓައި މަންމަމެން ގަދަވިތަނާ އެދެމަފިރިން އަނެއްކާވެސް ގެއަށް އައެވެ. ގޭތެރެއަށް ވަދެ މަންމަމެންނާއިވެސް ބައްދަލުކޮށްފައި ބުނީ ބޭރަށްދާން ރީތިވުމަށެވެ. ރީތިވެގެން ނުކުތީމާ ގޮވައިގެން ދިއައީ ކުރިން މަސައްކަތްކުރި ރެސްޓޯރަންޓަށެވެ. 

މެނޭޖަރާއި ބައްދަލުކޮށް އަހަރެންނާއިމެދު ކަންކަން ހިނގިގޮތް އޮޅުން ފިލުވާފައި ފިރިމީހާ ބުނީ އެ ރެސްޓޯރަންޓަކީ އޭނާގެ ރެސްޓޯރަންޓެއް ކަމަށެވެ. ރެސްޓޯރަންޓް ހިންގާ ކުންފުންޏަކީ އޭނާގެ ކުންފުންޏެއް ކަމަށެވެ. އެހެން ބުނެފައި އެކުންފުނީގެ އެމްޑީ ގެނުވިއެވެ. އެއިރު ހުރިހާ މުވައްޒިފުން ތިބީ "އެލަރޓް"ގައެވެ. ބިރުން ވިރިވިރިއެވެ. ވަޒީފާއަށް ވާންއުޅޭ ގޮތެއް ނުއެނގޭތީކަމަށްވެދާނެއެވެ. 

އެމްޑީ އާއި ސުވާލުކުރީ އިންސާނުންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރީމާ ވަޒީފާ ގެއްލޭނެ ގޮތަށް ޤަވާއިދު ހަދާފައިވަނީ ކާކު ބުނެގެންތޯއެވެ؟ އެމްޑީ ބުނީ އެއީ އެގޮތަށް އޮންނަ ޤަވާއިދެއް ނޫން ކަމަށާއި މުވައްޒިފުން އެމީހުންގެ އަމިއްލަ ބޭނުމަށް ޑިޔުޓީ ގަޑީގައި ބޭރަށް ދިއުމުން ޢަމަލުކުރަން އޮންނަ ޤަވާއިދެއްކަމަށެވެ. އަދި މެނޭޖަރު މާނަ އޮޅުވައިލީ ކަމަށެވެ. 

ދެން އޭނާ ބުނީ މެނޭޖަރު ވަޒީފާއިން ވަކިކުރުމަށާއި މެނޭޖަރުކަން އަހަރެންނަށް ދިނުމަށެވެ. އެހެން ބުނެފައި ދެމަފިރިންގެ އެޑްރެސްކާޑު ދީފައި އެއްވެސް ކަމެއް މެދުވެރިވެއްޖެ ނަމަ ނުވަތަ އެއްވެސް ކަމަކަށް ބޭނުންވެއްޖެ ނަމަ ކޮންމެ ވަގުތަކުވެސް ސީދާ ގުޅުމަށް ބުންޏެވެ. އަދި ފަހުން ބައްދަލުކުރާނެ ކަމަށް ބުނެފައި ދިއައީއެވެ.

އަހަރެން ބޭނުން ކޮންމެ މީހަކު ވަޒީފާއިން ވަކިކުރަން ފުރުޞަތު ލިބުނެވެ. ނަމަވެސް އެއްވެސް އިތުރު މީހަކު ވަޒީފާއަކުން ވަތްކެއް ނުކުރަމެވެ. އެންމެން ގުޅިގެން މަސައްކަތްކުރަން ހިތްވަރުދިނީއެވެ. ނަތީޖާއެއްގެ ގޮތުން ވިޔަފާރި ރަނގަޅުވެ ލިބޭ ފައިދާ ބޮޑުވެގެންދިއައެވެ. 

މުސާރައިގެ އިތުރުންވެސް އެދެމަފިރިންގެ އެހީތެރިކަން ލިބެއެވެ. އަނބިމީހާ ވިހެއުންވެސް އަހަރެން ގެންގޮސްފައި މިދަރިފުޅު އުފަންވީ އަހަރެންގެ ސަބަބުން ކަމަށްވެސް ބުންޏެވެ. އެއިގެ އެއް އަހަރުފަހުން އަހަރެންނަށް ދިރިއުޅޭނެ އެޕާޓްމަންޓެއްދީފައި ހެޔޮލަފާ މީހަކާއި ކައިވެނިކޮށްގެން އެކުގައި ދިރިއުޅެން ބުންޏެވެ. 

އަހަރެން މިވާހަކަ ޙިއްޞާ މިކުރީ އެދުވަހު އަހަރެންނަށް ކުރިމަތިލާން ޖެހުނު ފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ހުރިހާ ކަމެއްގެ ކުރިއަށް އަނެކާގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރުން އިސްކުރަން ބުނުމަށެވެ. އެކަމުގެ އަގު ދުނިޔޭގައި ނުލިބުނަސް އާޚިރަތްދުވަހު ލިބޭނެ ކަމަށާއި ވަޒީފާއަކީވެސް ﷲ ދެއްވެވީމާ ލިބޭ އެއްޗެއްކަމަށް ބުނުމަށެވެ. މީހުންނަށް ކަންކަން ކޮށްދޭންވީ މީހާއަށް ބަލައިގެނެއް ނޫނެވެ. ﷲ ބައްލަވައިވޮޑިގެންވާކަން ދަނެގެންނެވެ.

 

- ޤަމަރުއްނިސާ ޚާން / ކަރާޗީ، ޕާކިސްތާން

 

މިއަދު އޮންލައިން