ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ޚިޔާނާތްތެރިވުމުން ވަކިވެފައި ކެތްތެރިވި އަންހެނަކަށް ހީވެސްނުކުރެވޭވަރުގެ އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ޥާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 34ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ޚިޔާނާތްތެރިވުމުން ވަކިވެފައި ކެތްތެރިވި އަންހެނަކަށް ހީވެސްނުކުރެވޭވަރުގެ އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ޥާހަކަ-

އަޅުގަނޑުމެން ދެމަފަރިންވެސް ވަޒީފާ އަދާކުރަމެވެ. ދިރިއުޅެމުން ދިއައީ އަޅުގަނޑުގެ މައިންބަފައިންގެ ކިބައިން ލިބިފައިވާ އެޕާޓްމަންޓެއްގައެވެ. ދެމީހުންނަށްވެސް ރަނގަޅު މުސާރައެއް ލިބޭތީ އާއި ފިރިމީހާއަކީ އަބަދުވެސް މީރުކޮށް ކާން ބޭނުންވާ މީހަކަށްވުމުން ބޭރުގެ ތަފާތު ރަހަތަކަށް ފައްތައިގެން ކައްކަން ދަންނަ ނޯކަރަކުވެސް ގޭގައި ގެންގުޅެމެވެ.  

ކައިވެނީގައި 8 އަހަރުވީއިރު 3 ދަރިންވެސް ވަނީ ލިބިފައެވެ. ދިރިއުޅެމުން ދިއައީ ހަމަ އުފަލުގައެވެ. ނަމަވެސް އެއް ރޭ ފެނުނު މަންޒަރުން ހުރިހާ ކަމެއް ބަދަލުވެގެންދިއައެވެ. އެއީ އެކުވެރިންނާއިއެކު ބާޒާރަށްދާން އުޅުނު ރެއަކު 2 އެކުވެރިއަކަށް ދެވޭނެ ގޮތް ނުވުމުން އެހެންރެއަކަށް ފަސްކޮށްފައި ތަންކޮޅެއް އަވަހަށް ގެއަށް ދެވުނު ރެއެކެވެ.  

ގެއިން ފިރިމީހާވެސް ނޯކަރުވެސް ނުފެނުމުން ކޮޓަރިބެލިއިރު ކޮޓަރީގައިވެސް މީހަކު ނެތެވެ. ނޯކަރު ހުންނަ ކޮޓަރި ބެލިއިރު އެކޮޓަރީގައިވެސް މީހަކު ނެތެވެ. ފްލެޓުގައި ހުހަށް ހުރި ކޮޓަރި ހުޅުވައިލިއިރު ދެމީހުން ތިބިގޮތް ކިޔައިދޭކަށް ނެތީމެވެ. މަންޒަރު ފެނުމުން ވީޑިއޯކޮޅެއްކޮށްލާފައި ދޮރުލައްޕާފައި ސިޓިންގރޫމަށް ދިއައީމެވެ.  

ސިޓިންގ ރޫމްގައި އިންނަތާ އިރުކޮޅެއްވީތަނާ ދެމީހުން އެކުގައި އައިސް މާފަށް އެދުމުން ބުނީމެވެ. "ދެމީހުންނަށްވެސް މާފުކޮށްފީމެވެ. ނަމަވެސް ފިރިމީހާއަށް ޖެހޭނީ ވަރިކޮށްފައި މިހާރުން މިހާރަށް ނުކުމެގެންދާށެވެ. ނޯކަރާއިމެދު ޢަމަލުކުރަންވީ ގޮތް ފަހުން ނިންމާނަމެވެ."  

ފިރިމީހާ ތަފާތު ގޮތްގޮތަށް ވާހަކަދެއްކުމުންވެސް އަޅުގަނޑުގެ ނިންމުން ބަދަލެއް ނުކުރުމުން އޭނާއަށް ޖެހުނީ ގެއިން ނުކުމެގެންދާށެވެ. ލިބުނު ހިތްދަތިކަން ބޮޑުކަމުން އަނެއްދުވަހު އޮފީހަކަށް ނުދަމެވެ. ގޭގައި އިނީއެވެ. ގޭގައި އިންދާ އެރޭ ބޮސް ގެއަށް އައެވެ. މެހްމާންދާރީ އަދާކުރުމުން ބުނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކޮންމެހެންވެސް ނިންމަންޖެހޭ ކަމަށާއި އެހެންކަމުން މާދަމާވެސް ސަލާމްބުނެފާނެތީ ވީގޮތެއް ބަލާލަން އައީ ކަމަށެވެ. ބަލިވެ އުޅޭނަމަ ނުނިކުމެވިދާނެތީ ކަންބޮޑުވީވަރުން ޚަބަރުބަލަން ޖެހުނީ ކަމަށެވެ.  

އެއްވެސް ދޮގެއް ނުހަދައި ކަންކަންވީގޮތް ކިޔައިދިނުމުން ބޮސް ބުންޏެވެ. "ތިއަ ދައްކަނީ ހަމަ މިހުރިހާ ދުވަހު އެމީހެއްގެ ރަނގަޅު ކަމުގެ ވާހަކަ އަބަދު ދައްކަމުން އައި ފިރިމީހާގެ ވާހަކަހެއްޔެވެ؟ އަޑުއަހަން ހާދަ އުނދަގުލެވެ."  

އަޅުގަނޑަށް ބުނެވުނެވެ. "މިޒަމާނުގައި ގިނައީ ބޭރުފުށުގެ ޢަމަލުތައް ވަރަށް ރީތި ނަމަވެސް ފަސްބައި ވަރަށް ކިލާ މީހުންވީމާ އޭނާގެ ހުރި ނުބައިކަން ފަޅާނާރައި ދުވަސްތަކެއް ފާއިތުވީއެވެ. އިރާދަކުރެއްވިއްޔާ މާދަމާ މަސައްކަތު ނުކުންނާނަމެވެ. އެކަމަކު ރަނގަޅީ މިރޭވެސް މަސައްކަތް ހަވާލުކުރިއްޔާއެވެ. އެއީ މިރޭ އަވަހަކަށް ނުނިދޭނެހެން ހީވާވަރުންނެވެ."  

ބޮސްބުނީ މަސައްކަތް އަޅުގަނޑުގެ ފޯލްޑަރުގައި ހުންނާނެ ކަމަށާއި ފޯލްޑަރަށް އެކްސެސްވެލީމާ ފެންނާނެ ކަމަށެވެ. އެހެންބުނެފައި ދެރަވެ ހިތާމަނުކުރަން ބުންޏެވެ. އަދި ޢިއްދަ ހަމަނުވަނީސް އެއްވެސް މީހަކާއި ލޯބީގެ ގޮތުން ނުގުޅި ކެތްތެރިވުމަށްވެސް ނަޞޭޙަތްދީފައި ދިއައީއެވެ.  

އަޅުގަނޑު ނޯކަރު ފޮނުވައެއް ނުލަމެވެ. އެއީ ފިރިމީހާ އޭނާ އާއި ގުޅުން ހިންގަމުން އައީ އެކަމަށް އެއްބަސްނުވެއްޖެނަމަ ވިސާ ކެންސަލްކޮށްފައި ފުރުވާލާނެ ކަމުގެ ބިރުދައްކައިގެން ކަމަށްވާތީއެވެ. އޭނާ ރާއްޖެ އައީ އެޖެންސީ ފީ ދައްކަން ދަރަނިވެރިވެގެންނެވެ. ވީމާ ފައިސާ ހަމަނުވަނީސް ފޮނުވާލައިފިނަމަ ލިބޭނެ ގެއްލުން ފޫނުބެއްދޭނެތީ އެއްބަސްވީއެވެ. ފޮނުވާލާފައި އެހެން އަންހެނަކު ގެނައި ނަމަވެސް ދެން ހޯދާ ފިރިއަކުވެސް ޚިޔާނާތްތެރިވާންހުރިނަމަ އެކަން ނުހުއްޓުވޭނެތީއެވެ. އަދި އޭނާއަށް މާފުކުރުމުން އޭނާގެ އިޚްލާޞްތެރިކަން އިތުރުވާނެތީއެވެ.  

އެކަންވީވެސް އެހެންނެވެ. ފިރިމީހާ ނެތުމުން ލިބޭ އާމްދަނީ މަދުވުމުން މުސާރަކުޑަކުރަންވެސް އެއްބަސްވިއެވެ. އަދި އިޚްލާޞްތެރިކަން އެތައް ގުނައަކަށް އިތުރުވިއެވެ.  

އާދައިގެ މަތިން ކަންކަން ހިނގަމުން ގޮސް އެއްދުވަހަކު ބޮސް ބުނީ އޭނާގެ 2، 3 އެކުވެރިއަކާއިއެކު އެރޭ ކާން އަޅުގަނޑުގެ އެޕާޓްމަންޓަށް އަންނަން ބޭނުންވާ ކަމަށެވެ. މާބޮޑަކަށް ނުވެސް ވިސްނައި އެކަން އަޅުގަނޑު ޤަބޫލުކޮށް މަރުޙަބާ ކިޔައި ދަޢުވަތުދިނީމެވެ. ނުވިސްނީ އަންނަނީ އެކަނިކަމަށް ނުވެފައި އެހެން ބައަކާއިއެކުގައި ކަމަށްވުމުން އެއްވެސް ނުބައި ނިޔަތެއް އެކަމުގައި ނެތްކަން ޔަޤީންވާތީއެވެ.  

އެރޭ ބޮސް އައީ 2 މީހަކާއިއެކުގައެވެ. ކައިނިމިގެން ހަމަޖެހިލުމަށްފަހު ކޮފީބޯން އިނދެފައި ބޮސް ސުވާލުކުރީ މިއަދަކީ ކޮން ދުވަހެއްކަން އެނގޭތޯއެވެ؟ ޖަވާބުގައި މޭމަހުގެ 15 ވަނަ ދުވަސްކަމަށާއި އާދީއްތަ ދުވަސްކަމަށް ބުނުމުން ބޮސް ބުނީ އެގޮތް ރަނގަޅު ނޫން ކަމަށެވެ. މިއަދަކީ ޢިއްދަ ހަމަވެ ފުރަތަމަ ދުވަސް ކަމަށެވެ. އަދި މިތިބަ 2 އެކުވެރިންނަކީ ހެކިވެރިން ކަމަށާއި އަޅުގަނޑު ރުހޭނަމަ ބޭނުމީ މިރެއިން މިރެއަށް ރަންކިޔައި ވީހާ އަވަހަކަށް ކައިވެނިކުރަން ކަމަށެވެ.  

އަޅުގަނޑު ވިސްނައިލީމެވެ. ބޮސްއަކީ ހެޔޮލަފާ މީހެކެވެ. އަނބިމީހާ ވަރިވެގެން ދިއުމުން އެކަނިވެރިވެފައިހުރި މީހެކެވެ. އަދި އަންތބަކު ގޮވައިގެން ދިރިއުޅެވޭވަރުގެ ތަނަވަސްކަންހުރި މީހެކެވެ. ވަގުތު ޖެހުމުން އޮފީހުގައިވެސް ނަމާދުކުރާ ތަޤްވާވެރިއެކެވެ. ވީމާ އޮތީ އަވަހަށް ރުހުމެވެ.  

އެ ހުރިހާ ކަންކަމަށް ވިސްނުމަށްފަހު ރުހުނީމެވެ. އެމީހުން ދިއައީ ރަންކިޔުއްވައި ފޯމުފުރައިގެންނެވެ. 3 ވަނަ ދުވަހު އެންމެ އާދައިގެ ފެންވަރުގައި ކައިވެނިވެސް ކުރިއެވެ. އެއީ އަޅުގަނޑު ބޭނުންވި ގޮތެވެ. ކައިވެންޏަށް މިހާރު 12 އަހަރުވީއެވެ. ކައިވެނީގައި ލިބުނު 2 ދަރިންނާއި އަޅުގަނޑުގެ ކުރިން ތިބި 3 ދަރިންނާއި ފިރިމީހާއަށް ކުރިން ލިބިފައިވާ 2 ދަރިންނާއިއެކު 7 ދަރިން އެބަތިއްބެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ އުފަލުގައެވެ. އިން ޝާ ﷲ  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވި ގޮތެވެ. ބުނެލަން ބޭނުންވަނީ ގިނަ ކިޔުންތެރިން މީގެ ކުރިންވެސް ބުނަމުން އަންނަ ބަހެވެ. ތިމާ ﷲ ގެ މަގުގައި ސާބިތުވެ އިނދެ ފިރިމީހާއަށް އިޚްލާޞްތެރިވަމުން ދަނިކޮށް ޚިޔާނާތްތެރިވެ ޚާއްޞަކޮށް ޒިނޭ ކޮށްފި މީހަކާއިއެކުގައި ނުއުޅޭށެވެ! އަވަހަށް ވަކިވާށެވެ! އެމީހަކަށް ﷲ ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ.  

- ލީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން