ކުށްކުރާ ފަރާތްތަކުގެ މިލްކަކަށް މި ފަސްގަނޑު ވިޔަނުދިނުމަށް ފުލުހުންގެ ލެޔާއި ފުރާނައިން ވަނީ އަގު ދައްކާފައިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެންބުނެފައިވަނީ ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ޚިދުމަތްދޭން ފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުނެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން، ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ފުލުހުންގެ އިތުރުން އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ދިވެހި ފުލުހުން ރެޔާއި ދުވާލު ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ދިވެހި ރައްޔިތުން ގަބޫލުކުރައްވާނެކަން ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ކުށްކުރާ ފަރާތްތަކުގެ މިލްކަކަށް މި ފަސްގަނޑު ވިޔަނުދިނުމަށްޓަކައި ދިވެހި ފުލުހުންގެ ލެޔާއި ފުރާނައިން އަގު ދައްކާފައިވާކަމަން ދިވެހިރައްޔިތުން ވެސް ހެކިވާނެ ކަމުގައި ވިދާޅުވިއެވެ.
އެގޮތުން ޝަހީދު އާދަމް ޙަލީމް، ޝަހީދު ޢަލީ ނާޒިމް، ޝަހީދު މިސްބާޙް ޢަބްދުﷲ އަދި ޑިއުޓީ އަދާކުރުމުގައި ބޮޑެތި އަނިޔާތައް ލިބިފައިވާ އެތައް ފުލުހުންނެއް ރައްޔިތުންގެ ފުރާނައާއި މުދާ ހިމާޔަތްކުރުމަށްޓަކައި ގުރުބާންވެފައިވާކަން މި ކުރު މާޒީގައި ފެންނަންހުރި ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ޚިދުމަތުގެ މި ވިހި އަހަރުގެ މާޒީގެ ހަގީގީ ބަޠަލުންނަކީ އެއީ ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިތުރަށް ވިދާޅުވީ ފުލުހުންނަކީ، ފުލުހުންގެ މަސައްކަތްތައް އަދާކުރުމުގައި ރިސްކު އޮތް ބައެއް ކަމަށާއި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގާދިޔަ ހާދިސާގައި، ވަޅީގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ވިކްޓިމް އާއި ސަސްޕެކްޓް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް ލިބުނު އަނިޔާއިން ވެސް ދައްކުވައިދެނީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންކުރާ ހިތްވަރުކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ އަގުހުރި އެ މަސައްކަތަށް އެތައް ބައެއްގެ ތައުރީފާއި ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު އެ ހުރިހާ ތައުރީފުތަކާއި ފާޑުކިޔުންތައް ވެސް ފުލުހުން ބަލައިގަނެ އެކަން ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށް ހަނދާނީ ފިލާ ދީފައިވެއެވެ.
އޭގެ އިތުުރުން، ފުލުހުންގެ ޚިދުމަތް މަދަނީ ހިދުމަތަކަށް ބަދަލުވެގެން މި ޚިދުމަތަށް މިއަދާ ހަމައަށް އައިސްފައިވާ ބަދަލުތަކާއި ކުރިއެރުންތައް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ.
1933 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ފިޔަވަތީގައި ފޯރުކޮށްދެމުންދިޔަ ފުލުހުންގެ ޚިދުމަތް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ގާއިމުވެގެންދިޔައެވެ. އޭގެ ފަހުން ފާއިތުވި 20 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތަށް އެކި ބަދަލުތައް ގެނެސް ޒަމާނާ އެއްގޮތަށް ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.