ސިނަމާލެ ބްރިޖުގެ ލޭނުތަކުގެ އަދަދަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި، ބްރިޖުގައި އޮތީ ޖުމްލަ 6 ލޭން ކަމަށް އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު މުއްޠަލިބު ވިދާޅުވީ ބްރިޖުގެ ލޭނުތަކުގެ އަދަދަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި ބްރިޖުގައި އޮތީ ޖުމްލަ 6 ލޭން ކަމަށާއި، ލޭނުތައް ބޭނުން ކުރާނެ ގޮތް ކަނޑައަޅުމުގެ އިޚްތިޔާރު އޮތީ ސަރުކާރަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މުއްޠަލިބު މިހެން ވިދާޅުވެފައިވަނީ ބްރިޖުގެ ލޭނެއް މަދުކަމަށް ބުނެ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ދެކެވެމުން ދާތީއެވެ. އެގޮތުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު 2015 ވަނަ އަހަރު ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ދެއްކެވި ވާހަކަތަކުގެ އަސްލު އޮޅޭގޮތަށް ސޯޝަލް މީޑިއާގައި ދަނީ ދައުރު ކުރަމުންނެވެ.
ސިނަމާލެ ބްރިޖަކީ މާލެއާއި ހުޅުމާލެ ގުޅުވާލުމަށް ޗައިނާގެ އެހީއާއެކު ސަރުކާރުން ހަދާފައިވާ ބްރިޖެކެވެ. މި ބްރިޖު ހުޅުވާލެވުނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ.