ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމަށް ފުލް ޕްރޮޕޯސަލް ޕޭޕަލްއަށް ހުށައަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމަށް ފުލް ޕްރޮޕޯސަލް ޕޭޕަލްއަށް ހުށައަޅައިފި

ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމަށް ފުލް ޕްރޮޕޯސަލެއް ޕޭޕަލްއަށް ހުށައަޅާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތަކީ ދިވެހި ޒުވާނުންނާއި އީ-ކޮމާސްގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކުން އިންތިޒާރުކުރަމުންދާ ޚިދުމަތެއް ކަމަށެވެ. ނަމަވެސް މިހާތަނަށް މި ޚިދުމަތް ރާއްްޖޭގައި ތަޢާރަފުކޮށް ލިބެން ފަށާފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މީގެ ދެ ދުވަސް ކުރިން އަޅުގަނޑުމެންވާނީ ރާއްޖޭގެ ފުލް ޕްރޮޕޯސަލް ޕޭޕަލްއަށް ހުށައަޅާފައި. އަޅުގަނޑުމެން އިންތިޒާރު މި ކުރަނީ ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެކަމަށް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށޭނެ ވަކި ތާރީޚެއް މިވަގުތު ކަނޑައެޅިފައި ނެތްނަމަވެސް، މި ޚިދުމަތް ރާއްޖެއަށް ގެނެވޭނެކަމުގެ ޔަޤީންކަން އޮތްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒުވާނުންނަށް ތަފާތު އެކި ޚިދުމަތްތައް ތަޢާރަފްކޮށް، ޒުވާނުންގެ ކުރިމަގަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ޕޭޕަލްއަކީ އޮންލައިންކޮށް ފައިސާ ފޮނުވާ ލިބިގަތުމަށް ފަހިކޮށްދިނުމުގެ ގޮތުން ހަދާފައިވާ އެޕްލިކޭޝަނެއް ނުވަތަ އީ-ވޮލެޓެކެވެ. މި ޚިދުމަތް ރާއްޖެއަށް ތަޢާރަފުވުމުން ޒުވާނުންނާއި އީ-ކޮމާސްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން