ސަރުކާރުން ހުޅުވައިލާ ފުރުޞަތުތަކާއި ގުޅިގެން ކިތަންމެ ބޮޑު އިންވެސްތްމަންޓެއް ހިފައިގެން ރާއްޖެއަށް އައިނަމަވެސް އެމީހަކަށް މަރުޙަބާކިޔާނީ ޤައުމުގެ ސަލާމަތާ ރައްކައުތެރިކަމަށް އިސްކަންދީގެން ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްޞާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޙްޞާން ވިދާޅުވީ ޤައުމީ ސަލާމަތާއިބެހޭ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއްވެސް މިންވަރަކަށް ޤުރްބާން ނުކުރައްވަވާނެ ކަމަށެވެ.
ވަޒީރު އިޙްޞާން ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ 16 ބިލިއަން ރުފިޔާގެ ދެބައިކުޅަކަމަށްވާ 8 ބިލިއަން ރުފިޔާ އަނބުރައި ހޯދުނަސް ސަރުކާރުން އެކިފަރާތްތަކަށް ދައްކަންޖެހޭ ދަރަނިތައް އަދާކުރެވޭނެ ކަމަށެވެ. "އަޅުގަނޑުގެ މިނިސްޓްރީގެ ދާއިރާތަކުން މިހާރުވެސް ވަނީ 186 މިލިއަނެއްހައި ރުފިޔާ އަނބުރާ ހޯދިފައި، ޚާއްޞަ ކޮމިޓީއެއްގެ ބެލުމުގެ ދަށުން އެހެން ދާއިރާތަކުން ލިބެންހުރި ފައިސާތައް ހޯދުމުގެ މަސައްކަތްތައްވެސް ވަރަށް އަވަހަށް ފެށިގެންދާނެ" ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.