ދިވެހިރާއްޖޭގައި އިންވެސްޓަރ ރެސިޑެންސް ޕްރޮގްރާމް ތަޢާރަފުކުރުމުން 6 ބިލިޔަން ޑޮލަރާ ހަމައަށް އިންވެސްޓްމަންޓް ގެނެވޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ކެބިނެޓް ބައްދަލުވުމުގެ ނިންމުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މި ޕްރޮގްރާމް ފެށުމާއެކު އެންމެ ފުރަތަމަ މަރުޙަލާގައިވެސް 2000 އާ ގާތްކުރާ އަދަދަކަށް އިންވެސްޓަރ ރެސިޑެންސް ވިސާއަށް އެދި ހުށަހަޅާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި އަދަދު ފަސް އަހަރު ދުވަހުގެ ތެރޭގައި 4000 އަށް އިތުރުވާނެކަމަށާއި މިއާއެކު 6 ބިލިޔަން ޑޮލަރާހަމައަށް އިންވެސްޓްމަންޓް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބަލަނީ ދުބާއީ އަދި މެލޭޝިއާ ފަދަ ޤައުމުތަކަށް ލާޖް ސްކޭލެއްގައި އިންވެސްޓަރ ރެޒިޑެންސީ ޕްރޮގްރާމްތައް ހިންގާފައިހުރި ޤައުމުތަކުގެ މޮޑެލް ބޭނުންކޮށްގެން ރާއްޖޭގައި އިންވެސްޓަރ ރެޒިޑެންސީ ޕްރޮގްރާމް ހިންގޭތޯ،" ވަޒީރު ވިދާޅުވިއެވެ.
އިންވެސްޓަރ ރެސިޑެންސް ޕްރޮގްރާމަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ވަރަށް ފުޅާކޮށް ހިންގާ ޕްރޮގްރާމެއްކަމަށާއި، އެ ޤައުމުތައް ކުރިއަރައިގެން ދިއުމުގައި އިންވެސްޓަރ ރެސިޑެންސް މުހިންމު ދައުރެއް އަދާކުރާކަމަށްވެސް ވަޒީރު އިޙްސާން ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމްގެ ސަބަބުން ރާއްޖެއަށް ލިބޭނެކަމަށް ލަފާކުރެވޭ 6 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓަކީ ޤައުމުގެ އިޤްތިޞާދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.