އެއަރޕޯޓްސްއާއި އެމްއޭސީއެލް އެއްކޮށްލުމުން ޚަރަދު ކުޑަކުރެވި، ދެ ކުންފުންޏަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އެއަރޕޯޓްސްއާއި އެމްއޭސީއެލް އެއްކޮށްލުމުން ޚަރަދު ކުޑަކުރެވި، ދެ ކުންފުންޏަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ: ވަޒީރު ސަޢީދު

އެއަރޕޯޓްސްއާއި އެމްއޭސީއެލް އެއްކޮށްލުމުން ޚަރަދު ކުޑަކުރެވި، ދެ ކުންފުންޏަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ކެބިނެޓް ބައްދަލުވުމުގެ ނިންމުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމަކީ ރީޖަނަލް އެއަރޕޯޓްސްއާއި އެމްއޭސީއެލް އެއްކޮށްލުން ނުވަތަ މާޖްކޮށްލުންކަމަށެވެ. މި ދެ ކުންފުނި އެއްކޮށްލުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ބެލެވެނީ 31 ޖެނުއަރީ 2025 އަށް ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، މި ދެ ކުންފުނި މާޖްކޮށްލުމުގެ މަސައްކަތް ކުރިއަށްދާނީ ކޯރޕަރޭޓް ގަވަރނަންސް އުޞޫލުގެ ތެރެއިންކަމަށެވެ. އަދި ސަރުކާރުގެ މި ނިންމެވުމާއެކު އެތައް ގުނައަކުން ޚަރަދު ކުޑަކުރެވި، ދެ ކުންފުންޏަށްވެސް އޭގެ ހެޔޮ އަސަރުކުރާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ހަމައެކަނި ރެންޓަށް ވިސްނާލިޔަސްވެސް ހިންގުމުގެ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވެގެންދިޔައީ. އެމްއޭސީއެލްއަކީ ވަރަށް ބޮޑަށް ފައިދާވެސްވާ ކުންފުންޏެއް، ހަމައެއާއެކު ވަރަށް ބޮޑު ޒިންމާއެއްވެސް ނަގާ ކުންފުންޏެއް. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރާށި," ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އެމްއޭސީއެލްގައި ހުރި ގިނަ ޓެލެންޓްތައް ރީޖަނަލް އެއަރޕޯޓްސްތަކަށް އިތުރު ރެކްރޫޓްސް ނުހަދާ ބޭނުންކުރެވޭނެ ޓެކްނިކަލް ލެވެލްއެއްގައި ކަމަށެވެ. މިއީ ދެ ކުންފުނި އެއްކޮށްލުމުން ލިބޭނެ އިތުރު ފައިދާއެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން