ރާއްޖެއިން އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަޤްވާމީ އިދާރާ، އިންޓަރނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އާ ގުޅުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ކެބިނެޓް ބައްދަލުވުމުގެ ނިންމުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއިން މި އިދާރާއާ ގުޅެނީ އެކަމުގެ ސަބަބުން ރާއްޖެއަށް ފައިދާތަކެއް ލިބެން އޮތުމުންނެވެ. އެގޮތުން އެ ޖަމިއްޔާއާ ގުޅުމުން ނިއުކްލިއަރ މެޑިސިންގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ރައީސްގެ އެޖެންޑާގައި އެބައޮތް ކެންސަރ ހޮސްޕިޓަލް ވަރަށް އަވަހަށް ޚިދުމަތްދިނުން. އެކަމަށް ޒަމާނީ ބޭސްފަރުވާގައި ބޭނުންވޭ އެޓޮމިކް އެޖެންސީގެ އެހީތެރިކަން. މިކަމަށް ބޭނުންވާ ބައެއް ވަސީލަތް ހޯދުމާއި ވެސްޓްމެނޭޖުމަންޓް. މިއީ އައިއޭއީއޭގެ މެންޑޭޓްގައި ހިމެނޭކަމެއް." ޒަމީރު ވިދާޅުވިއެވެ.
އައިއޭއީއޭއާ ގުޅުމުން ނިއުކްލިއަރ މެޑިސިންގެ ދާއިރާގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންވެސް ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ބެލެވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށާއި ހަކަތައިގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.