މިހާރުގެ ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ހުންނެވީ ކުށްކުރާ މީހުން ވީއްލެން ފުރުޞަތު ދެއްވާ ގޮތަކަށް ނޫނެވެ.
މިކަން ހާމަކޮށްދޭ އެއްކަމަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތުހުމަތުވާ މީހުންގެ ތެރެއިން މ. ލޭންޑް އޮފް ގަރޑްންގެ އިބްރާހިމް އިކްރާމް، ހައިކޯޓުން މިއަދު ދޫކޮށްލި ނަމަވެސް ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވުމެވެ.
ވަޒީރު އަލީ އިޙްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކަން ހިނގިގޮތް ތަހުގީގުކޮށް އިހުމާލުވެފައިވާނަމަ އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށެވެ. އަދި ދޫކޮށްލި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ކުރަމުންދާ ކަމަށެވެ.
މި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ކޮންޓްރޯލްނުވެ ގޮސް ޖެހިފައިވަނީ މަގުމަތީގައި ސައިކަލުގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައެވެ. މި އެކްސިޑެންޓުގައި ސައިކަލާއި އޭގައި އިން މީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.
ވަޒީރުގެ މި ބަސްފުޅުތަކުން ދޭހަވަނީ، ކުށްކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމާއި، ޤާނޫނު ތަންފީޒުކުރުމުގައި އެއްވެސް ފަރާތަކަށް ލުއި ނުދޭނެކަމެވެ.