ކިތަންމެ ގާތް އެކުވެރިއަކަށްނަމަވެސް ތިމާގެ ފިރިމީހާގެ ހުންނަ ރަނގަޅު ސިފަތައް ކިޔައިދެވޭނަމަ ޖަހައިގަތުމަކީ ހިނގަމުން އަންނަ ކަމެއްކަން އެނގޭ އިބްރަތްތެރި ވާހަކައެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 35ސ
ކިތަންމެ ގާތް އެކުވެރިއަކަށްނަމަވެސް ތިމާގެ ފިރިމީހާގެ ހުންނަ ރަނގަޅު ސިފަތައް ކިޔައިދެވޭނަމަ ޖަހައިގަތުމަކީ ހިނގަމުން އަންނަ ކަމެއްކަން އެނގޭ އިބްރަތްތެރި ވާހަކައެއް-

އެމީހެއްގެ ކިބައިން ކުށެއް ނުފެންނަހައި ހިނދަކު ކޮންމެ މީހަކަށްވެސް އިތުބާރުކުރަންވާނެއެވެ. އެކުވެރިންނަށް ބޮޑަށް އިތުބާރުކުރަންވނެއެވެ. ނަމަވެސް މިއަދުގެ ޙާލަތުހުރި ގޮތުން އިތުބާރުކުރަންވާނީ ވަކިމިންވަރަކަށެވެ. ދެމަފިރިންގެ މެދުގައި އޮންނަ ގުޅުމާއި ބައިވެރިޔާގެ ހުންނަ ހުރިހާ ރަނގަޅު ސިފަތަކެއް ކިޔައިދިނުމުގައި ސަމާލުވާންވާނެއެވެ.  

އެފަދަ ކަންކަމަށް ސަމާލުކަން ނުދީ ކިތަންމެ ގާތް އެކުވެރިއަކަށް ނަމަވެސް ހުރިހާ ކަމެއް ކިޔައިދެވޭނަމަ މެދުވެރިވާ ދެރަ ގޮތް ތިރީގައިވާ ވާހަކައިން ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ.  

އަޅުގަނޑު ފުރަތަމަ ކައިވެނި ކުރި މީހާއަކީ ވަރަށް ގިނަ ރަނގަޅު ސިފތަކެއް ހުރި މީހެކެވެ. އެއިގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވާ ސިފައަކީ ބަލިވީމާ އަޅައިލުމާއި އެހީތެރިވުމެވެ. އެހެންވެ އަބަދުވެސް ހުރެވެނީ ވަރަށް އުފަލުންނެވެ.  

އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައި ބަލަމުން އަންނަ އެކުވެރިއަކު ހުރެއެވެ. އެއީ ސްކޫލް ދައުރުންފެށިގެންވެސް އެންމެ ގާތް އެކުވެރިޔާއެވެ. އޭނާގެ ފިރިމީހާގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތައް އަޅުގަނޑަށް ޙިއްޞާކުރެއެވެ. އެހެންވެ އަޅުގަނޑުވެސް އައީ ބައެއް ކަންކަން ޙިއްޞާކުރަމުންނެވެ. އެގޮތުން އަޅުގަނޑު ބަލިވެއްޖެނަމަ ފިރިމީހާގެ އެހީތެރިކަން ވަރަށް ބިޑަށް ލިބޭ ވާހަކަވެސް ބުނެވުނެވެ.  

އެވާހަކަ ބުނި ދުވަހު އެކުވެރިޔާ ބުނީ އޭނާގެ ފިރިމީހާއަކީ ބަލިވުމުން ވަރަށް ބޮޑަށް ފަރުވާކުޑަކުރާ މީހަކު ކަމަށެވެ. އެހެން ބުނުމުން އޭނާއަކީ އަނބިމީހާއަށް ހެޔޮކޮށް ކަންކަންކުރާ މީހަކު ކަމުގައި ލެއްވެވުން އެދި ވަގުތުން ދުޢާކުރީމެވެ.  

ދުވަސްކޮޅެއް ފަހުން ފިރިމީހާގެ މިޒާޖަށް ބަދަލުތަކެއް އަންނަން ފެށިއެވެ. މަޑުމަޑުން ދުރުހެލިވާން ފެށިއެވެ. އެކަން އެގޮތަށް އެވާ ސަބަބާއިމެދު ވިސްނަމުން ދަނިކޮށް އެކުވެރިޔާގެ ފިރިމީހާ އަޅުގަނޑަށް ފޮނުވި ވީޑިއޯ ކްލިޕަކުން ފެނުނީ އަޅުގަނޑުގެ ފިރިމީހާ އާއި އޭނާގެ އަނބިމީހާ (އަޅުގަނޑުގެ އެކުވެރިޔާ) އާއި ދެމީހުން ލޯބިކުރާތަނެވެ. އޭނާ މެސެޖުކޮށްފައި ބުނީ އަނބިމީހާ ވަރިއަށް އެދެމުން އަންނަ ކަމަށާއި ރާވަމުންދަނީ ދެއަންތބަށް ކައިވެނިކުރަން ކަމެވެ.  

އަޅުގަނޑު އެ ވީޑިއޯކޮޅު އެކުވެރިޔާއަށާއި ފިރިމީހާއަށް ފޮނުވައިލީމެވެ. އިތުރު އެއްޗެއް ނުބުނަމެވެ. އެކަންކުރީ އެނގުނުކަން ދެމީހުންނަށްވެސް އަންގައިލުމުގެ ގޮތުންނެވެ.  

އެއްވެސް އެއްޗެއް ނުބުނެ ކެތްތެރިވެގެން ހުއްޓައި ވީޑިއޯކޮޅު ފޮނުވިތާ ހަފްތާއެއްވެސް ނުވަނީސް އަޅުގަނޑު ވަރިކޮށްލާފައި ގެއިން ފޮނުވާލައިފިއެވެ. ވީމާ ކަންކަން ވެގެންދިއައީ ހީކުރެވިފައި އޮތް ގޮތަކަށްވެސް ނޫނެވެ. އުންމީދުކޮށްގެން ހުރީ ކައިވެނިކުރާނީ ދެއަންތބަށް ކަމަށެވެ.

ހުރީ އެކަމަށްވެސް ރުހިގެން ފިރިމީހާ އާއިއެކުގައި އުޅެން ތައްޔާރުވެގެންނެވެ. އެއީ ކޮންމެވެސް ދުވަހަކުން ފިރިމީހާއަށް ވިސްނި ކަންކަން ބަދަލުވާނެ ކަމުގެ އުންމީދުގައެވެ. އެހައިވެސް ފިރިމީހާދެކެ ލޯބިވާތީއެވެ.  

ވަރިކުރުމުން އަޅުގަނޑު ގެންދިއައީ ދޮށީ ބޭބެއެވެ. ބޭބެ ކައިވެނިކޮށްގެން އުޅޭ ފަހަރި އަޅުގަނޑަށް ވަރަށް ހެޔޮކޮށް ކަންކަން ކުރިއެވެ. ވަރަށް ހެޔޮކޮށް ހިތައި ހިތްވަރުދިނެވެ. މައަކު ފަދައިން ނަޞޭޙަތްދީ ހިތްވަރު އެލުވައި ނުލުމަށް ބުނަމުން ގެންދިއައެވެ.  

އަޅުގަނޑަކީވެސް ވަޒީފާ އަދާކުރާ އަންހެނަކަށްވުމުން އަތްމަތި ދަތިވެގެން އުޅޭކަށް ނުޖެހެއެވެ. ކައިވެނީގައި 5 އަހަރުވީއިރުވެސް ދަރިއަކު ލިބިފައި ނެތުމުން އެއިރު ވަރަށް ދެރަވިއެވެ. ނަމަވެސް ކައިވެނި ރޫޅުމުން އެއީވެސް ރަނގަޅަކަށް މެދުވެރިވި ކަމެއްކަމަށް ޤަބޫލުކުރެވުނެވެ.  

ކޮންމެއަކަސް ކައިވެނި ރޫޅުނުތާ 8 މަސްވީދުވަހު ފަހަރި ފިރިހެނަކު ދެއްކިއެވެ. އއޭނާގެ ވާހަކަތައް ކިޔައިދިނެވެ. އަދި އެއީ ކައިވެނިކުރަން ރަނގަޅު މީހެއް ކަމަށާއި އޭނާ އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވާކަމަށްވެސް ބުންޏެވެ.  

މަންމައަކަށް ފެންނަން އިން މީހާ ކަމަށްވުމުން އޭނާގެ ބަސް ޤަބޫލުކޮށް ކައިވެނިކުރީމެވެ. ﷲ ގެ ރަޙްމަތްފުޅުން އޭނާވީ ކުރީގެ ފިރިމީހާއަށްވުރެވެސް ރަނގަޅު މީހަކަށެވެ. ކައިވެނިކޮށްގެން ހިތި ތަޖުރިބާތަކެއް ކުރަންޖެހިފައިވާ މީހަކަށްވެފައި އަޅުގަނޑުގެ ކިބައިން ފެނުނު ކަންކަން ތަފާތުވުމުން އެކަންކަމަށް އޭނާ ވަރަށް ބޮޑަށް ޝުކުރުވެރިވިއެވެ.  

ކައިވެނިކޮށްގެން ފުރަތަމަ އުޅުނީ ކުއްޔަށް ތަނެއް ހިފައިގެންނެވެ. އެތަނުގައި އުޅެނިކޮށް ލިބުނު ފުރުޞަތެއްގައި ރޭންބޯއިން ވިއްކި ފްލެޓެއް ގަނެގެން އެތަނަށް ބަދަލުވީއެވެ. ކައިވެންޏަށް 2 އަހަރުވީއިރު ދަރިއަކުވެސް ލިބިއްޖެއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމަކީ ހަމަ ވަރަށް އުފާވެރި ދިރިއުލުމެކެވެ. އިން ޝާ ﷲ  

އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލީ އެންމެ ގާތް އެކުވެރިންނާއިމެދު ސަމާލުވުމަށް "ޙަޤީޤީ ޙާދިސާ"ގެ ވާހަކަތަކުގައި ބުނެ އިލްތިމާސްކޮށްފައި ހުންނާތީ އެއީ ހަމަ ކުރަންޖެހިފައިވާ ކަމެއްކަމަށް ބުނެލުމަށެވެ. އެއްވެސް ކަމެއްގައި އެންމެން އެއްގޮތްކުރާކަށް ނުވާނެއެވެ. ރަނގަޅު އެކުވެރިންވެސް ތިބޭނެއެވެ. ނަމަވެސް ރަނގަޅު އެކުވެރިން މިހާރު ވަރަށް މަދެވެ.

 

- ޒޫނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން