ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ބަލިވެއިނުމުން ލޯތްބާ އަޅައިލުން އިތުރުކުރުމުގެ ބަދަލުގައި އަނިޔާވެރިވެ ބާކީކޮށްލި ފިރިއަކަށް ޖެހުނު ހިތްދަތި ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 38ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ބަލިވެއިނުމުން ލޯތްބާ އަޅައިލުން އިތުރުކުރުމުގެ ބަދަލުގައި އަނިޔާވެރިވެ ބާކީކޮށްލި ފިރިއަކަށް ޖެހުނު ހިތްދަތި ޙާލުގެ ވާހަކަ-

އަނބިމީހާ ބަލިވެ އިނުމުން އޮތީ އޭނާއަށް ލޯތްބާއި އަޅައިލުން އިތުރުކުރުމެވެ. އެހީތެރިކަން އިތުރުކުރުމެވެ. ހެޔޮލަފާ ފިރިން އެކަންކަން ކުރެއެވެ. ނަމަވެސް ބައެއް ފިރިން ކަންކަން ކުރަނީ އެއިގެ އިދިކޮޅަށެވެ. ބަލިވެ އިނުމުން އަނބިންނަށް ނިކަމެތިކަންދޭ ގިނަ ބައަކަށް އެކަމުގެ ޝަޒާ ދުނިޔޭގައިވެސް ލިބެއެވެ. ތިރީގައި އެވަނީ އެފަދަ ނިކަމެތި ޙާލަތެއް ކުރިމަތިވި ފިރިއެއްގެ ވާހަކައެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ! 

އަޅުގަނޑުވެސް ކައިވެނިކުރީ ލޯބިން އެކުގައި އަހަރަކަށްވުރެވެސް ގިނަ ދުވަހު އެކުގައި އުޅެފައެވެ. އެއިރު އޭނާގެ ކިބައިން ފެނުނީ ވަރަށް ރަނގަޅު ސިފަތަކެވެ. ދެމީހުން ޢާންމުކޮށް ބައްދަލުކޮށް އުޅުނީ އަޅުގަނޑުމެންގެ ގޭގައެވެ. ޢާއިލާގެ މީހުންނާއިއެކުގައެވެ. އެއިރު އަޅުގަނޑުގެ އިތުރުން ޢާއިލާ4ގެ މީހުންނަށްވެސް ވަރަށް އިޙްތިރާމް ކުރެއެވެ. ވާހަކަދައްކަނީވެސް ރިވެތި ބަހުރުވައިން މަޑުމައިތިރިކަމާއިއެކުގައެވެ.  

ކައިވެންޏަށްފަހު ދިރިއުޅުނީ ފިރިމީހާގެ ޢާއިލާއާއެކު އެގޭގައެވެ. އެގޭގައި ދިރިއުޅެން ފެށުމާއިއެކު މަޑުމަޑުން ކަންކަން ބަދަލުވަމުން ގޮސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި މުޅިން އެހެން މީހަކަށް ބަދަލުވެއްޖެއެވެ. ބަސްމަގު ހަރުކަށިވެއްޖެއެވެ. ލޯބިން ވާހަކަ ދެއްކުމުގެ ބަދަލުގައި ރުޅި އައިސްގެން އަމުރުކުރާ ރާގަށް ވާހަކަދައްކަން ފަށައިފިއެވެ.  

އެކަންކަންވީ އަޅުގަނޑަށް ވަރަށް ބޮޑު ކަމަކަށެވެ. އެންމެ ބޮޑު ސަބަބަކީ އަޅުގަނޑަކީ ވަރަށް ލޯބިން އެކުވެރިކަމާއިއެކު ދިރިއުޅެން ބޭނުންވާ އަންހެނެކެވެ. ތަނަވަސްކަން ކިތަންމެ މުހިންމު ނަމަވެސް އަޅުގަނޑަކީ އެހައި ބޮޑަށް ތަނަވަސްކަމަށް ލޯބިކުރާ އަންހެނެއް ނޫނެވެ. އަޅުގަނޑަށް އެންމެ މުހިންމީ ލޯތްބެވެ.  

ފިރިމީހށާއަށް އެކަން ވަރަށް ރަނގަޅަށް އެނގެންވެސް އެނގޭނެއެވެ. އެނގިހުރެވެސް އޭނާ ބޭނުންވީ އޭނާގެ ޢާއިލާގެ ތަނަވަސްކަން ކުރިއަށް ނެރެގެން ހުރިހާ ކަމަކީވެސް ތަނަވަސްކަން ކަމަށް ހަދައިގެން އަޅުގަނޑަކީ އަޅަކަށް ހަދައިގެން ގެންގުޅޭށެވެ. އެކަން އިޞްލާޙްކުރަން ނަޞޭޙަތްދިނުމުގެ ނަތީޖާއަކަށްވީ ބަނޑަށް ހަތަރުމަހުގައި ވަރިކޮށްފައި ފޮނުވާލުމެވެ.   

ވަރިކުރުމުގެ ކުރިން ހިލޭ އަންހެނުން ގެއަށް ގެނެސް އަޅުގަނޑުގެ ކުރިމަތީގައި ގެންގުޅެ އަޅުގަނޑުގެ ހިތުގައި ޖައްސުވަން ވަރަށް ގިނަ ކަންކަންވެސް ކުރިއެވެ. އެއިރު އަޅުގަނޑަށް ލިބުނު ހިތްދަތިކަމާއި ރުއި ރުއިން ބުނެދޭނެ ގޮތެއްވެސް ނުއެނގެއެވެ. ގިސްލާ ރޯން އިންދާ ފެނުނަސް އެކަންވަނީ އޭނާއަށް އުފާލިބޭ ކަމަކަށެވެ.   

ފުރަތަމަ ކައިވެނި އެފަދަ ގޮތަކަށް ރޫޅިގެންދިއުމުން ވަރަށް ދެރަވިއެވެ. ނަމަވެސް އެކަމުގައި އަޅުގަނޑުގެ އެއްވެސް އެއްވެސް ކުށެއް ނެތުމުން އަޅުގަނޑަށް މާއުފާވެރި ދިރިއުޅުމެއް ދެއްވަވާނެކަން ޔަޤީންކޮށްގެން ދުޢާކުރުންމަތީގައި ހުރީއެވެ.  

އަޅުގަނޑުގެ ޢާއިލާއިން އަޅުގަނޑަށް އެހީތެރިވިއެވެ. އެއްވެސް ކަމަކަށް ދަތިވެގެން ހުންނާކަށް ނުޖެހުނެވެ. އެންމެންގެ އެހީތެރިކަމާއިއެކު ހުރިހާ ބޭނުންތަކެއްވެސް ދިއައީ ފުދެމުންނެވެ. އިން ޝާ ﷲ  

އަޅުގަނޑު ވިހައި ގަދަވިތަނާހެން އޮފީހުގައި އަޅުގަނޑާއިއެކު މަސައްކަތްކުރަމުން އައި މީހަކު އަޅުގަނޑުގެ ކައިވެންޏަށް އެދުނެވެ. އޭނާއަކީ އަނބިމީހާ ނިޔާވެފައި ހުރި މީހެކެވެ. ފެންނަ ފެނުމުގައި އަޚްލާޤް ރަނގަޅު ހެޔޮލަފާ މީހެކެވެ. ދަރިފުޅާއިއެކު އަޅުގަނޑު ބަލައިގަތުމުން ކައިވެނިކުރީމެވެ.   

އޭނާ އާއި ކައިވެނިކޮށްގެން ދިރިއުޅެން ފެށީ އޭނާގެ ގޭގައެވެ. އޭނާވީ މުޅިންތަފާތު މީހަކަށެވެ. ވަރަށް ހިތްހެޔޮ އޯގާތެރި މީހަކަށެވެ. ވާހަކަ ދައްކާނީވެސް ވަރަށް މަޑުމަޑުންނެވެ. ކަމަކަށް ބޭނުންވިއަސް ދުވަހަކުވެސް އަމުރެއް ނުކުރެއެވެ. ކޮށްދީފާނަންތޯ އަހައިލާނީއެވެ. ނުގަނޑިއަކު ކާން ބޭނުންވި ނަމަވެސް ފުރަތަމަވެސް އަހައިލާނީ ކާނެ އެއްޗެއް އެބަހުރިތޯއެވެ؟ ބުނާނީ އުނދަގޫ ނޫނިއްޔާ ކާންހަދައިލަދީބަލާށެވެ! ފަދަ ޢިބާރާތަކުންނެވެ. އެހެންވެ ހުރެވެނީ ވަރަށް އުފަލުންނެވެ.  

އެއީ ދަރިފުޅުގެ އުމުރުން އަހަރުވުމުން ޖަހަންޖެހޭ ވެކްސިން ޖަހަން ދެމަފިރިން އެކުގައި އޭޑީކޭ ހޮސްޕިޓަލަށް ގޮސްއުޅުނު ދުވަހެކެވެ. ވަރަށް ބަލިޙާލުގައި އިން މީހަކު ފުރޮޅުލީ ގޮނޑިއަކަށް ލައިގެން ގެންދާތީ ބަލައިލިއިރު ކުރިގެ ފިރިމީހާއެވެ. ފިރިމީހާގެ އިޒުނަ ހޯދައިގެން ޙާލު އަހައިލީމެވެ. ފަހުން ކައިވެކުރި އަނބިމީހާ ކޮބައިތޯވެސް ސުވާލުކޮށްލީމެވެ.  

އޭނާ ބުނީ ކެންސަރުޖެހިފައިވާ ކަމަށެވެ. ކެންސަރު ޖެހުމާއިއެކު ވަރިވެގެން ހިނގައްޖެ ކަމަށާއި ޢާއިލާގެ މީހުންގެ އެހީތެރިކަންވެސް ނުލިބުނު ކަމަށެވެ. އެހެންވެ މިހާރު ބަލަހައްޓައި އެހީތެރިވެދެނީ އެކަމަށް މުސާރަދީގެން ގެންގުޅޭ މީހަކު ކަމަށެވެ. އެވާހަކަތައް ކިޔައިދިނުމުން ހިތްވަރުކުރަން ބުނީމެވެ. އަދި ވަރަށް ދެރަވެއްޖެ ކަމަށާއި ހެޔޮދުޢާކޮށްދޭނެ ކަމަށްވެސް ބުނީމެވެ.  

އެވަގުތު ފިރިމީހާ ވާހަކަ ދެއްކިއެވެ. "ޢަލީއެވެ! ޢަލީ މިހާރު ހަނދާން ނެތިދާނެއެވެ، ނަމަވެސް ޢަލީ އަކީ އެކުގައި އުޅުނު އަހަރެންގެ ކްލާސްމޭޓެކެވެ. ދެރަނުވާށެވެ! އަހަރެމެން ކަލެއަށް އެހީތެރިވާނަމެވެ. ވީވަރަކުން ހެޔޮ ކަންކަންކޮށް ދުޢާކުރަމުން ގެންދާށެވެ. ފަހުން އަހަރެމެން ބައްދަލުކުރާނަމެވެ."  

ފިރިމީހާ ބޭނުންވީ އޭނާއަށް އެހީތެރިވުމަށެވެ. އެހެންވެ ދެމަފިރިން އޭނާއަށް އެހީތެރިވީމެވެ. އޭނާގެ ޢާއިލާއިން ޚަރަދުނުކުރާތީ ފިރިމީހާ އޭނާއަށް ޚަރަދުވެސް ކުރިއެވެ. ބަލިން ގަދަވެސްވިއެވެ. ގަދަވުމުން ފިރިމީހާގެ އެހީތެރިކަމާއިއެކު އިތުރު ކައިވެންޏެއް ކުރިއެވެ. މިހާރުވެސް ފިރިމީހާ އޭނާ އާއި ގުޅުން ބާއްވައެވެ. ނަމަވެސް ގަދަވިފަހުން އަޅުގަނޑު އޭނާ އާއި ބައްދަލެއް ނުކުރަމެވެ. އޭނާއަށް މާފުކުރި ނަމަވެސް އެއިރު އަޅަންޖެހުނު ކަރުނަތަކާއި އޭނާ ކަންކަންކުރި ގޮތް ހަނދާންވުމުން ވަރަށް ނުބައި ގޮތްތަކެއްވާތީއެވެ. މަސައްކަތްކޮށްކޮށްވެސް އެކަން ބަދަލުނުކުރެވުނީތީއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކުރަންޖެހުނު ތަޖުރިބާތަކެވެ. ބުނެލަން ބޭނުންވަނީ އެއްވެސް ކުށެއް ނެތި އަނބިންގެ ހިތުގައި ޖައްސުވައި ކަރުނައަޅުވާ ފިރިންނަށް މިވާހަކައިން ޢިބްރަތެއް ލިބޭނެ ކަމަށް އުންމީދުކުރަމެވެ. ވަކިވާން ބޭނުންވި ނަމަވެސް ފަހުން ކުރިމަތިލާން އުނދަގޫވާނެ ގޮތަށް ކަންކަން ނުކުރަންވީ ތަޤްދީރުގައި ކަންކަން ލިޔެވިގެންވާ ގޮތް އެކަކަށްވެސް ނުއެނގޭނެތީއެވެ.  

އަޅުގަނޑުގެ ހިތުގައި މިހާރު އޭނާގެ މައްޗަށް އެއްވެސް ޝަކުވާއެއް ނެތެވެ. އަދި އޭނާއަށް އިންސާނެއްގެ މަޤާމުވެސް ނެތެވެ. އަޅަންޖެހުނު ކަރުތަކާއިއެކު އެކަންކަން ވަނީ ހިތުން ފުހެވިގެން ގޮސްފައެވެ. ނިންމާލަން ބޭނުންވަނީ ދެވަނަ ފިރިމީހާގެ ހެޔޮކަމާއި ރަނގަޅުކަމަށް ތަޢްރީފްކުރަމުންނެވެ.  

- ޒުލްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން