ބިދޭސީންނާ ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ސެޕްޓެމްބަރު 16 ވަނަ ދުވަހުގެ ކުރިން ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނިންމައިފިކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން މިއަދު ހާމަކޮށްފިއެވެ.
މިނިސްޓްރީން ދައުލަތުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު 100،000 ރުފިޔާއަށްވުރެ މަދުން ދައްކަންޖެހޭ ފަރާތްތަކުން، މި އަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ދައްކައި ޚަލާސްކުރަންވާނެއެވެ.
މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު އާންމުކޮށް އިޢުލާންކުރެވޭނެ ކަމަށާއި، އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަދަ ފަރާތްތައް ސަސްޕެންޑްކޮށް، އައު ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން އެއްފަހަރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް ދަތިވާކަމުގެ ޝަކުވާ ހުށަހަޅަމުންދާތީ، 02 ސެޕްޓެމްބަރ 2024 ވަނަ ދުވަހުން ފެށިގެން، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމަށް ސަރުކާރާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުޞަތު ލިބޭނެ ކަމަށާއި މި އެއްބަސްވުމުގެ މުއްދަތާއި އިތުރު މަޢުލޫމާތު އެކްސްޕެޓް ސިސްޓަމުން ލިބެން ހުންނާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
އިތުރު މަޢުލޫމާތު 1500 ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.