ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދިއުމާ ގުޅިގެން، ކުޅުދުއްފުއްޓަށް ދިޔަ ބޯޓެއްގައި ތިބި ބިދޭސީން ވަނީ ބަލައި ފާސްކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންނެވެ. މި ބޯޓުގައި ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް ތިބި 09 މީހުނަށް ނޯޓިސްދީ، އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، ބޯޓުގެ ކެޕްޓަނަށް ވަނީ ލިޔުމުން ނަސޭހަތްދީފައެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވިގޮތުގައި، އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އިމިގްރޭޝަން ޤާނޫނުގެ ދަށުން މިފަރާތްތަކާ މެދު ފިޔަވަޅު އެޅިގެންދާނެއެވެ.
މި ޙަރަކާތަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު އެއް ޙަރަކާތެވެ. އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ދިރިއުޅޭ އެންމެހައި ބިދޭސީން ގަވާއިދަށް ތަބާވުމަށް އިލްތިމާސްކޮށްފައެވެ.