އެގްރޯނެޓްގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯންގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާންކުރައްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މިބަދަލާއެކު ދަނޑުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ވަޒީރު ސަޢީދު ވިދާޅުވިގޮތުގައި މި މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އުތުރު ތިލަފަޅުގައި ތަރައްޤީކުރާ މި ދަނޑުވެރިކަމުގެ އިޤްތިޞާދީ ޒޯނަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އިޤްތިޞާދަށް ފައިދާވާ ސިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ކުރިއަރުވަން ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫޢު ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.
މި ތަން ތަރައްޤީކުރުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނީގެ ފަރާތުން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާ ޙަވާލުކޮށްގެންނެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 28 ވަނަ ދުވަހުއެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ދަނޑުވެރިކަމުގެ ޚާއްސަ ޒޯންތަކެއް ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް އައު ކުރިއެރުންތަކެއް ލިބި، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.