އޯލެވެލް އަދި އޭލެވެލްގެ ޞައްޙަ ނޫން ސަނަދު ބޭނުންކުރަމުންދާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ބުނެފިއެވެ. އަދި މިމައްސަލަ އެމްކިޔުއޭ އިން ވަނީ ފުލުހުން ނަށް ހުށަހަޅާފައެވެ.
އެމްކިޔުއޭއިން ބުނާގޮތުގައި، އޯލެވެލް އަދި އޭލެވެލްގެ ޞައްޙަ ނޫން ސަނަދު ބޭނުންކުރާކަމުގެ ދެ މައްސަލައެއް މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އަދި މިފަދަ އިތުރު މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެމްކިޔުއޭއިން ބުނެފައިވެއެވެ.
އެމްކިޔުއޭއިން ފާހަގަކުރާގޮތުގައި، އޯލެވެލް ނުވަތަ އޭލެވެލްގެ ސަނަދުތަކުގައި ހުންނަ ގުރޭޑު ބަދަލުކޮށް ޞައްޙަ ނޫން ސަނަދު ބޭނުންކޮށްގެން، މަންފާ ހޯދައި މީހުން ރާއްޖޭގައި އުޅެއެވެ. މިކަމާ ގުޅިގެން މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ދަރިވަރުންނަށް އެންރޯލްމެންޓް ނުވަތަ ޕްލޭސްމެންޓް ދިނުމުގައި އޯލެވެލް އަދި އޭލެވެލް ސަނަދުތަކަކީ ޞައްޙަ ސަނަދުތަކެއްކަން ކަށަވަރުކުރުމަށް އެމްކިޔުއޭއިން އެދިފައިވެއެވެ.
އެމްކިޔުއޭއިން އިތުރަށް ބުނެފައިވަނީ، ޞައްޙަ ނޫން ސަނަދުތައް ބޭނުންކުރުމާ ގުޅިގެން އެ އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަތައް ބަލައި ފުލުހުންނަށް ހުށަހަޅަމުން ގެންދާނެ ކަމަށެވެ.
މި މައްސަލައިގެ ސަބަބުން މަތީ ތަޢުލީމުގެ ދާއިރާއަށާއި ވަޒީފާގެ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ބެލެވެއެވެ. އަދި މިފަދަ ޢަމަލުތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރެވެއެވެ.