ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައެޅުއްވި އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައެޅުއްވި އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނަޑައެޅުއްވި އައު ސަފީރު، އަލްފާޟިލާ ޝިއުނީން ރަޝީދު އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހަބުއްދީން އަށް އަރުވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ރިޔާސީ ގަނޑުވަރު "ބޮންގަބަބަން" ގައި އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ބަންގްލަދޭޝްގެ ރައީސް ޝަހަބުއްދީން ވަނީ ސަފީރު ޝިއުނީންއަށް ހޫނު މަރުހަބާއެއް ދަންނަވައި ތަހުނިޔާ ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި ސަފީރު ޝިއުނީންވަނީ ބަންގްލަދޭޝްގެ ރައީސްއަށާއި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ހެޔޮއެދުންތަކާއި ތަހުނިޔާ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ސަފީރު ޝިއުނީން ވަނީ ބަންގްލަދޭޝް ސަރުކާރާއެކު އެކި ދާއިރާތަކުން މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކޮށް، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުން ދަމަހައްޓައި އިތުރަށް ވަރުގަދަ ކުރުމަށް އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1978 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ. ސަފީރު ޝިއުނީން އަކީ ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައެޅުއްވި ހަތްވަން ސަފީރެވެ.

މިއަދު އޮންލައިން