އަޅުގަނޑަކީވެސް ކުށެއް ކުރެވުނު އަންހެނަކީމެވެ. އަޅުގަނޑަށް ކުށެއް ކުރެވުނީ 3 އަހަރު ވަންދެން ލޯބިވެގެން އެކުގައި އުޅުނު ލޯބިވެރިޔާއަށް އިތުބާރުކުރެވުނީތީއެވެ. އަދި އެކަމުގައި ހައްދުފަހަނައަޅައި ދެވުނީތީއެވެ. ވިސްނާ ނުލައި ﷲ އާއި ދުރަށް ޖެހިލެވުނީތީއެވެ.
އެކަމުގެ ސަބަބުން އަޅުގަނޑު މިވަނީ ދުނިޔެއަށް ފަޟީޙަތްވެފައެވެ. ބަދުނާމުވެސްވެފައެވެ. އެކަމަކާ މިހާރު އަޅުގަނޑު ދެރައެއްވެސް ނުވަމެވެ. އަޅުގަނޑު މިހުރީ ތައުބާވެގެންނެވެ. އެފަދަ ކުށެއް ތަކުރާރުނުކުރަން ޢަޒުމް ކަނޑައަޅައިގެންނެވެ. އެހެންވެ މީހުން ފުރައްސާރަކުރިނަމަވެސް އަޅުގަނޑު ދެރައެއްވެސް ނުވަމެވެ. އެމީހުން ކުރާ ފުރައްސާރަ ވާނީ އަޅުގަނޑަށް ލައްވަވާ ރަޙްމަތަކަށްކަމަށް ޢިލްމުވެރިން ވިދާޅުވާތީއެވެ.
އަޅުގަނޑު މަސައްކަތްކުރަނީ ވިޔަފާރި ކުންފުންޏެއްގެ އޮފީހުގައެވެ. އޮފީހުގައި އަޅުގަނޑާއި ދާދި އެއް އުމުރުގެ 5 އަންހެންކުދިން މަސައްކަތްކުރެއެވެ. ހުރިހާ ކުދިންވެސް ސަމާލުކަންދޭ ވަރަށް ޚާއްޞަ 3 ކަސްޓަމަރަކު ތިބެއެވެ. ސަބަބުތަކުގެ ތެރޭގައި ތަނަވަސްކަމާއި ރީތިކަމާއި ހިތްހެޔޮކަން އަދި ސަމާސާ މިޒާޖު ހިމެނެއެވެ.
އަޅުގަނޑުގެ ހިތުގައިވެސް އެކަންކަން ހަމަ އެގޮތަށް އޮވެއެވެ. ނަމަވެސް އަމިއްލަ ގޮތުން ވާހަކަދެއްކުމުގައި އަޅުގަނޑު ހުންނަނީ އެންމެ ފަހަތުގައެވެ. އެއީ އަޅުގަނޑަށް ކުރެވިފައިވާ ކުށުގެ ސަބަބުން ބަދުނާމުވެފައިވާތީއެވެ. އެހެންވެ ތައުބާވެގެން ހުރިނަމަވެސް އަމިއްލަ ނަފްސަށް ލަދުވެތިވެވޭތީއެވެ.
ކޮންމެއަކަސް އެތަނުން އެކަކު، ހުރިހާ ކުދިން އެންމެ ބޮޑަށް އަޅައިގަންނަ މީހާ އަޅުގަނޑަށް މެސެޖެއް ކުރިއެވެ. ކެއުމަކަށް ދައުވަތުދީފައެވެ. ޖަވާބުގައި އަޅުގަނޑު ބުނީ ދައުވަތު ޤަބޫލުކުރާ ކަމަށާއި ނަމަވެސް ކާންވާނީ އަޅުގަނޑުމެންގެ ގެގޭގައި ކަމަށެވެ. އަޅުގަނޑު ހީކުރީ އެހެން ބުނުމުން އޭނާ ފޫހިވެ އެގޮތް ޤަބޫލުނުކުރާނެ ކަމަށެވެ.
ނަމަވެސް ކަންތައްވީ އެހެންނަކުން ނޫނެވެ. ދުވަސް ކަނޑައަޅައި އެއްރޭ އަޅުގަނޑުމެންގެ ގެއަށް ދިއުމުން މަރުޙަބާކީމެވެ. މައިންބަފައިންވެސް މަރުޙަބާ ކިޔެވެ. ކައިނިމިގެން ދެމީހުން އެކަނިވުމުން ފުރަތަމަވެސް ސުވާލުކުރީ ރެސްޓޯރަންޓަކަށް ދާން އެއްބަސްނުވީ ކީއްވެގެންތޯއެވެ.
ޖަވާބުގައި ރޮމުން އަޅުގަނޑުގެ ކަޅުމާޒީ ކިޔައިދިނީމެވެ. ކައިވެނީގެ ބޭރުން ލިބިފައި އޮތް ދަރިފުޅު ގެނެސް ދެއްކީމެވެ. އެއިރު ދަރިފުޅަށް ކިރިޔާ އަހަރު ފުރުނީއެވެ. ބުނީމެވެ. "3 އަހަރު އެކުގައި އުޅެވުނު ލޯބިވެރިޔާއަށް އިތުބާރުކުރެވުމުގެ ނަތީޖާ މިއޮތީ ފެންނާށެވެ. މިއަދު އަޅުގަނޑު މިވަނީ މުޅި ދުނިޔެއަށް ފަޟީޙަތްވެފައެވެ. ދަންނަ އެންމެން މަލާމާތް ކުރެއެވެ. ވީމާ އަޅުގަނޑުފަދަ އަގުވެއްޓިފައިވާ އަންހެނަކާއިއެކު ތިއަފަދަ ބޮޑެތި ޤަދަރުވެރިން ފެނުމުން މީހުން ކިހާބޮޑަކަށް މަލާމާތްކުރާނެތޯއެވެ؟ ލޯބި ހުށަހަޅާ މީހުންނަށްވެސް އަޅުގަނޑުގެ މި ހިތްދަތި ޙާލަތު އެނގުމުން ދެވަނަ ފަހަރަށް ވާހަކައެއް ނުދައްކައެވެ. އެހެންވެ ލޯބިހުށަހަޅާ މީހުންނާއި ވާހަކަދެއްކުންވެސް މިހާރު މިހުރީ ހުއްޓާލައިގެންނެވެ. މިއީ ހަމަ ތަޤްދީރެވެ! ދެން ޖުނައިދުވެސް އަޅުގަނޑާއި ބައްދަލުކުރައްވާނެ ކަމެއް ނުއެނގެއެވެ."
އެހެން ބުނެފައި ވަކިން ބޮޑަށް ރޮވުނެވެ. އެއީ އެންމެން އެހެންހަދާތީ ކުރިއަސަރުންނެވެ. ކޮންމެހެން ޖުނައިދު ބައްދަލުނުކޮށްފާނެތީއެއް ނޫނެވެ. އެވަގުތު ކަންތައްވީ ހީވެސް ނުކުރެވޭ ފަދަ ގޮތަކަށެވެ. ޖުނައިދު ތެދުވެގެން އައިސް އަޅުގަނޑުގެ އުނގުން ދަރިފުޅު ނެގިއެވެ. ވަރަށް ލޯބިން އުރާލާފައި ބުންޏެވެ. "ދެން ނުރޯށެވެ! މިހާރު މިއީ އަހަރެންގެ ދަރިއެކެވެ. މަންމަގެ މިލްކުވެރިކަން ނުލިބުނަސް މިދަރުފުޅުގެ މިލްކުވެރިކަން ހޯދާނަމެވެ. މިދަރިފުޅުގެ ހުރިހާ ޚަރަދެއް ދެން ކުރާނީ ޖުނައިދެވެ."
އެހެން ބުނެފައި ދަރިފުޅު ގޮވައިގެން އިނދެ ކިޔައިދިނެވެ. "ޝަޒީއަށް ކެހިދިން ނިޒާރަކީ އަހަރެންގެ މުވައްޒިފެކެވެ. އަހަރެމެން ދެމީހުން އުޅެނީ ވަރަށް ގާތް ދެއެކުވެރިންގެ ގޮތުގައެވެ. ވީމާ އޭނާއަށް ކުރެވުނު ކުށް ވަނީ ކިޔައިދީފައެވެ. އަހަރެން މިގެއަށް ގެނުވީ ވިޔަފާރީގެ އެކުވެރިކަމެއް ނޫނެވެ. ނިޒާރު ޝަޒީ އާއި ބެހޭ ގޮތުން ކިޔައިދީފައިވާ ވާހަކަތަކެވެ.
ޝަޒީއެވެ. ކޮންމެ ގޮތަކުން ނަމަވެސް ޝަޒީއަށް ކުށެއް ކުރެވުމުން އެކަން ތިއަހުރީ ޤަބޫލުކޮށްގެންތާއެވެ. ތައުބާވެސް ވެއްޖައިންތާއެވެ! އަހަރެންގެ އަނބިމީހާ ވަރިކުރަން ޖެހުނީ އަހަރެންނާއި ކައިވެނިކޮށްގެން ހުރެ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ދަރިއަކު ވިހެއުމުންނެވެ. އެކަން ސާބިތުވުމުން އެއްބަސްވެސް ނުވިއެވެ. އަނގަ ބަންދުކުރުވަން ކުރުވަންޖެހުނީ ޑީއެންއޭ ރިޕޯޓް ދައްކައިގެންނެވެ.
އަހަރެން މިގެއަށް މިއައީ ޝަޒީގެ ހުރިހާ ކަމެއް ވަރަށް ގާތުން އެނގިހުރެއެވެ. އަހަރެން ބޭނުމީ ޝަޒީ ކުރަންހުރިނަމަ ޝަޒީ އާއި ކައިވެނިކުރާށެވެ. ޝަޒީ އަހަރެންނާއި ކައިވެނިކޮށްފިނަމަ ދެން އޮތްބައި ކިޔައިދޭނަމެވެ. އެއީ އަދި މާ މުހިންމު ބައެކެވެ."
އަޅުގަނޑުގެ ހުރިހާ ކަންކަން އެނގިހުރެ އެގޮތަށް އެދުމުން ކައިވެނިކުރީމެވެ. ކައިވެނިކޮށް 3 ވަނަ ރޭ ނިދަން އޮވެފައި ބުނީމެވެ. "ވައުދެއްގެ މަތިން ހަނދާން އެބަހުރި ހެއްޔެވެ؟ ފަހުން ކިޔައިދޭން ބުނި މުހިންމު ބައި ކިޔައިދިނުން އޮތީ ކިހައި ފަހަކުން ހެއްޔެވެ؟"
ޖުނައިދު ކިޔައިދިނެވެ. "ފުރަތަމަ އަނބިމީހާ އަހަރެންނަށް ދަރިއަކު ވިހެއުމުގެކުރިން އެހެން މީހެއްގެ ދަރިއަކު ވިހެއުމުން ވަރިކުރި ހިސާބުން ދެވަނަ ކައިވެންޏަކަށް ވިސްނަން ފެށީމެވެ. މިހައިތަނަށް 11 އަންހެންކުދިންގެ މައްސަލައިގައި އިސްތިޚާރާކޮށްފީމެވެ. ޝަޒީއަކީ 11 ވަނަ އެވެ. ޝަޒީ އާއި ކައިވެނިކުރަން ނިންމީ އަހަރެންނެއް ނޫނެވެ. އަހަރެން ކުރި އިސްތިޚާރާއެވެ. އަދި ބުނަން ހެއްޔެވެ؟ އަހަރެންނަށް ފުލުފުލުގައި ހުވަފެނުން ޝަޒީ ފެނިފައިވަނީ ބޮޑު ދޮޅިއެއް އަޅައިގެން ދުޢާކުރަން ދެއަތް އުފުލައިގެން އިނދެ ރޯތަނެވެ."
އެހިސާބުން އަޅުގަނޑަށް ބުނެވުނެވެ. "ހެއްލުމެއްގެ ތެރެއިން ނަމަވެސް ކުށެއް ކުރެވުމުން ތައުބާވެ ދަމުނަމާދުކޮށް ދުޢާކުރުމުގައި ރޭތައް ދުއްވާލި ކަމުން ހެޔޮ ރަޙްމަތް ލައްވަވައިފިތާއެވެ! އިރާދަކުރެއްވިއްޔާ ދެން މާގިނަ ރަކްޢަތް ކުރާނަމެވެ. މާގިނައިން ދުޢާވެސް ކުރާނަމެވެ. ދެން ދުޢާކުރާނީ ޖުނައިދާއިއެކުގައި ސުވަރުގެ ވައްދަވައިދެއްވެވުން އެދިގެންނެވެ."
މިހިސާބުން ކުރުކޮށްލާނަމެވެ. އެކައިވެންޏަށް މިހާރު މިއީ 22 އަހަރުފުރި 23 ވަނަ އަހަރެވެ. ދެމަފިރިން އެންމެ ބޮޑަށް ސަމާލުކަންދޭ އެއްކަމަކީ އެކުގައި ދަމުނަމާދުކޮށް ދުޢާކޮށްގެން ނޫނީ ނުނިދުމެވެ. އެކަމުން ލިބޭ އުފަލާއި ޙިތްހަމަޖެހުން މުޅި ޖައްވުގައި އުދުހެވުމަށްވުރެވެސް މާބޮޑެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ! އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. މުޅި ވާހަކައަކީ ވެސް ޙާޞިލުކުރަން ބޭނުންވާ ކޮންމެ މީހަކަށް ވެސް ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ.
- ޝަޒީ / މިއަދުނޫހުގެ ކިޔުންތެރިއެއް