މިހާތަނަށް މަސްވެރިންނަށް 1.1 ބިލިޔަން ރުފިޔާ ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
މިހާތަނަށް މަސްވެރިންނަށް 1.1 ބިލިޔަން ރުފިޔާ ދީފި

މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 1.1 ބިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ) އިން ހާމަކޮށްފިއެވެ. 

މިފްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި، 17 ނޮވެމްބަރ 2023 އިން ފެށިގެން 3 ސެޕްޓެމްބަރ 2024 އާ ހަމައަށް މަސްވެރިންނަށް މިހާތަނަށް 1.1 ބިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ ޖުމްލަ 45،262 މެޓްރިކް ޓަނުގެ މަހަށް ދޫކޮށްފައިވާ ފައިސާއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު މަސްވެރިންނަށް ދިވެހި ސަރުކާރުން ދައްކަންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ހުރިކަމަށާއި، އެ ފައިސާ މިހާރު ވަނީ ދައްކައި ޚަލާސްކޮށްފައިވާކަމަށް މިފްކޯއިން ބުނެއެވެ.

މަސްވެރިން މިފްކޯއަށް ކިރުވާ މަހަށް އެންމެ ލަސްވެގެން 2 ހަފްތާގެ ތެރޭގައި ފައިސާ ދޫކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން އޮގަސްޓް މަހުގެ 9 އިން 23 އަށް މަސްވެރިން ކިރާފައިވާ 445 ޓަނަށްވާ 5.4 މިލިޔަން ރުފިޔާ މިއަދު ވަނީ ޖަމާކޮށްފައެވެ.

މިފްކޯއިން އިތުރަށް ހާމަކުރިގޮތުގައި، މިހާރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން ޕެންޑިންގައި ހުރީ 24 އޮގަސްޓް އިން ފެށިގެން 2 ސެޕްޓެމްބަރ އަށް ދޫކުރަންޖެހޭ 6.1 މިލިޔަން ރުފިޔާއެވެ.

މި ފައިސާ ދޫކުރުމުގައި ސަރުކާރުން ދެމުންގެންދާ އަހައްމިއްޔަތުކަން މިފްކޯއިން ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް އެމީހުންގެ މަސައްކަތުގެ އަގު އަވަހަށް ލިބި، އިތުރު ހިތްވަރަކާއެކު މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން