ދުނިޔޭގެ ވިޔަފާރިއާބެހޭ ޖަމުޢިއްޔާ، ޑަބްލިޔުޓީއޯގެ ޑިރެކްޓަރ ޖެނެރަލް އޮކޮންޖޯ އިވެއެލާ ދިވެހިރާއްޖޭގައި ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމްކުރެއްވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފް ކުރައްވައިފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން މިއަދު ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ޑަބްލިޔުޓީއޯގެ ޑިރެކްޓަރ ޖެނެރަލް މިފަދައިން ވިދާޅުވެފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދުއާއެކު ބޭއްވި ވަރޗުއަލް ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ޑަބްލިޔުޓީއޯގެ އެންމެ އިސްވެރިޔާ ވަނީ ރާއްޖެއިން ބައިވެރިވެފައިވާ ޑަބްލިޔުޓީއޯގެ ޓްރޭޑް ފެސިލިޓޭޝަން އެގްރިމަންޓްގެ ދަށުން ކުރަންޖެހޭ މަސައްކަތުގައި ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ސިންގަލް ވިންޑޯ ކާމިޔާބުކަމާއެކު އިފްތިތާހުކުރެވުން ހިމެނެއެވެ.
ޑަބްލިޔުޓީއޯގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވި ގޮތުގައި މިފަދަ ކަންކަމުން ދޭހަވަނީ ރާއްޖޭގައި ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމްކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކެވެ.
މިއަދު އިފްތިތާހުކުރެވުނު މޯލްޑިވްސް ނެޝަނަލް ސިންގަލް ވިންޑޯއަކީ 2014 ވަނަ އަހަރު ސަރުކާރުން ފެއްޓެވި މަސައްކަތެކެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ވިޔަފާރި މާހައުލަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.