ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރުގެ ކުންފުނިތަކަށް މުސާރައާއި އިނާޔަތް ޑޮލަރުން ދިނުން ހުއްޓާލުމަށް އަންގައިފިއެވެ.
މިކަން އެންގީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ އަދި މާލީ ހާލަތުން އަރައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ދައުލަތުގެ ޚަރަދުތައް ހަމަމަގަށް އެޅުވުމުގެ މަސައްކަތުގެ ތެރެއިންނެވެ.
ޕީސީބީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަނުގެ ޚަރަދު ވީހާވެސް ކުޑަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރުން، ކުންފުނިތަކުގެ އޮޕަރޭޝަންސް ހިންގުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން ނުނެގުމަށާއި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު އަންނާނެ ފަދަ އެއްވެސް ބަދަލެއް ނުގެނައުމަށްވެސް އަންގާފައިވެއެވެ.
އިތުރުގަޑީގެ މަސައްކަތްތައްވެސް ވަރަށް ބޮޑަށް މަދުކުރުމަށް އަންގާފައިވާއިރު، ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ކުރާ ކޮންމެހެން ކުރަންނުޖެހޭ ރަސްމީ ދަތުރުތައް މި ވަގުތަށް ހުއްޓާލުމަށްވެސް ޕީސީބީން ވަނީ އަންގާފައެވެ.
މި ފިޔަވަޅުތައް އަޅަނީ ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރުގެ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުވެ، ޤައުމުގެ އިޤްތިސާދަށް އެހީތެރިވެދޭނެ ކަމަށް އުންމީދު ކުރެވެއެވެ.