ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނައި އިސްލާހަކީ މިނިވަންކަން ޙަޤީޤީ މާނައިގައި ބާ ކައުންސިލަށް ލިބިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ޤާނޫނީ ފަންނުގެ ޤާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ތަސްދީގުކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ މިއީ ޙަޤީޤީ މާނައިގައި ޤާނޫނީ ވަކީލުންގެ ކަންކަން ބެލެހެއްޓުމުގެ މިނިވަންކަމާއި ބާރު، ޤާނޫނީ ވަކީލުން ޢައްޔަންކުރާ ބަޔަކަށް ލިބިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
ބަންޑާރަ ނައިބު ބާ ކައުންސިލްގެ އެކްސްކޯގައި އިންނެވުމުން ކައުންސިލްގެ މިނިވަންކަން ގެއްލޭކަމަށް މެންބަރުން ދެކެވަޑައިގަންނަވާ ކަމަށް ބާ ކައުންސިލުންވެސް ވަނީ ވިދާޅުވެފައެވެ.
ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނައި އިސްލާހާއެކު ޤާނޫނީ ވަކީލުންގެ ކަންކަން ހަމަޖައްސާނީ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމުގައި ހަމަޖައްސާ، ބާކައުންސިލު ފުރިހަމަ މިނިވަންކަމާއިއެކު ހިންގުމުގެ ފުރުސަތު ލިބެއެވެ.