ބިދޭސީ މީހާ އުޅެނީ ޤަވާއިދުގެ ތެރެއިންތޯ އިމިގްރޭޝަންގެ އޮފިސަރުންނަށް ފަސޭހައިން ބަލާލެވޭނެ އެޕްލިކޭޝަނެއް ތަޢާރަފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޝަމްޢާން ވިދާޅުވީ، "މަސައްކަތްތައް ކުރިއަށްދަނީ ކޮންމެ އޮފިސަރަކަށްވެސް ގޮސް ބަލާލެވޭނެފަދަ އެޕްލިކޭޝަނެއް ތަޢާރަފުކުރަން. އެމީހާ ހުރީ ޤަވާއިދުގަތޯ ނުވަތަ ޤަވާއިދާ ޚިލާފަށްތޯ. މިއީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމެއް އަޅް އަޅުގަނޑުމެންގެ މަސައްކަތްތަކަށް" ކަމަށެވެ.
މި އެޕްލިކޭޝަން ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ އިމިގްރޭޝަން އޮފިސަރުންގެ މަސައްކަތް ހަލުވިކޮށް، ފަސޭހަކުރުމެވެ. މީގެކުރިން އިމިގްރޭޝަންގައި މަސައްކަތްތައް ކުރެވެމުންދިޔައީ މެނުއަލްކޮށް ކަމަށް ޝަމްޢާން ފާހަގަކުރެއްވިއެވެ.
މި އެޕްލިކޭޝަން ތަޢާރަފުކުރުމާއެކު، އިމިގްރޭޝަން އޮފިސަރުންނަށް ބިދޭސީއެއްގެ ޤާނޫނީ ހާލަތު ވަގުތުން ބެލޭނެއެވެ. މިއީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
އިތުރު މަޢުލޫމާތު ދެއްވަމުން ޝަމްޢާން ވިދާޅުވީ، މިދިޔަ ޖުލައި 17 ގައި "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ތަޢާރަފުކޮށްފައިވާ ކަމަށެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް އާންމުންނަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓްކުރެވޭނެއެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ބަލައި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަނުން ދަނީ ޑިޕޯޓްކުރަމުންނެވެ.
މި އައު އެޕްލިކޭޝަނާއި "އިމިގްރޭޝަން ވޮޗް" ޕްލެޓްފޯމް މެދުވެރިކޮށް، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އިމިގްރޭޝަނުން އުންމީދުކުރެއެވެ.