އަނބިމީހާގެ ކެތްތެރިކަން ކޮޅުންލީމާ ތިމާގެ ޙާލަތު ވިސްނި ފައިބުޑަށް ވެއްޓި، ތެދުވެރިވެ ލޯބިދޭން އުޅުނު ފިރިއަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 40ސ
އަނބިމީހާގެ ކެތްތެރިކަން ކޮޅުންލީމާ ތިމާގެ ޙާލަތު ވިސްނި ފައިބުޑަށް ވެއްޓި، ތެދުވެރިވެ ލޯބިދޭން އުޅުނު ފިރިއަކަށް ޖެހުނު ޙާލުގެ ވާހަކަ-

ބައިވެރިޔާގެ ކިބައިގައި ކެތްތެރިކަމާއި އެހެންވެސް ރަނގަޅު ސިފަތައް ހުރިނަމަ އޮތީ އެކަންކަމުގެ ނާޖާއިޒު ފައިޑާ ނެގުމެއް ނޫނެވެ. ލޯބިން އެކުގައި ދިރިއުޅެން މަސައްކަތްކުރުމެވެ. ހިތާމައަކީ އެކަން ޤަބޫލުނުކުރެވޭ ބައަކު އުޅޭކަމެވެ. އެފަދަ މީހުންނަށް ޙަޤީޤަތް ވިސްނެނީ ވަޤުތު ފާއިތުވާފަހުންނެވެ. ތިރީގައި އެވަނީ އެފަދަ ޙާލަތެއް ކުރިމަތިވެ ޢުމުރަށް ހިތާމަކުރަންޖެހުނު ފިރިއެއްގެ ވާހަކައެވެ. 

އެއީވެސް ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ކައިވެންޏަށް 3 ވަނަ އަހަރު ދަރިއަކު ލިބުމާއި ގުޅިގެން ފިރިމީހާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އަނބިމީހާއާއި ދުރުހެލިވާން ފެށިއެވެ. ދުވަސްކޮޅަކުން ވަރަށް ބޮޑަށް ދުރުހެލިވިއެވެ. 

އެގޮތަށް އެކަން ނުކޮށް ދެމަފިރިން ކުރިންވެސް އުޅެމުން އައިގޮތަށް ލޯބިން އެކުގައި އުޅުން އެދި އަނބިމީހާ އާދޭސްކުރިއެވެ. ރޮމުންގޮސް ބާލީސް ފޯވަންދެން ކަރުނަ ފައިބާއިރުވެސް ފިރިމީހާއަށް އެއްވެސް އަސަރެއް ނުކުރެއެވެ. ފިރިމީހާ އޭނާގެ ލޯބީގެ ޙަޔާތް ވޭތިކުރަމުން ދިއައީ އަލަށް ހޯދި ލޯބިވެރިޔާއާއިއެކުގައެވެ. 

ދުވަސްތައް މާޒީވަމުން ގޮސް ކައިވެންޏަށް 8 އަހަރުފުރި ދަރިފުޅަށް 5 އަހަރު ފުރިއްޖެއެވެ. ވީމާ ހިތާމައާއި ހިތްދަތިކަމުގައި އަނބިމީހާ އުޅޭތާ 5 އަހަރުވީއެވެ. އެހިސާބުން އަނބިމީހާ އާދޭސްކުރުން ހުއްޓައިލިއެވެ. އަދި އެހެން ދިރިއުޅުމެއް ހޯދަން ވިސްނަން ފެށިއެވެ. އަނބިމީހާގެ އުމުރަކީ އެންމެ 32 އަހަރުކަމަށްވުމުން ފިރިއެއްގެ ލޯތްބާއި ނުލައި މުޅި ޙަޔާތް ދުއްވައިލުމަކީ ކުރެވޭނެ ވަރުގެ ކަމެއްކަމަށް ނުވާތީއެވެ. 

އަނބިމީހާ ހިލޭ ފިރިހެނަކާ ވާހަކަދައްކާކަން އެނގުމުން ފިރިމީހާއަށް ވަރަށް އުނދަގޫވިއެވެ. ވަރިވާން އުޅޭކަން އެނގުމުން ދެރަވިއެވެ. ހުރި އެންމެ ދަރިފުޅު އެކުގައި ގެއްލެނީކަންވެސް ވިސްނުނެވެ. ދިރިއުޅެމުން މިއައީ އަނބިމީހާގެ ތަނަވަސްކަމާއި އޭނާގެ ގެދޮރުގައިކަން ވިސްނެން ފެށިއެވެ. 

އެހިސާބުން ފިރިމީހާ އޭނާގެ ލޯބިވެރިޔާ އާއި ވަކިވިއެވެ. އަދި އަނބިމީހާގެ ކިބައިން މާފަށް އެދި އަލުން ލޯބިން އެކުގައި ދިރިއުޅެން ފެށުމަށް އެދުނެވެ. ނަމަވެސް އަނބިމީހާ ބުނަމުން އައީ ފުދިއްޖެ ކަމަށާއި ދެން ދެމީހުންނަށް ލޯބިން އެކުގައި ދިރިނުއުޅެވޭނެ ކަމަށެވެ. އޭނާގެ ގައިގައި އެހާ ހިތްވަރު ނެތް ކަމަށެވެ. 

ފިރިމީހާގެ އާދޭސްތައް ހުއްޓައިނުލުމުން އަނބިމީހާ ބުންޏެވެ. "5 އަހަރުވަންދެން މެދު ނުކެނޑި ކުރި އާދޭހުގެ އަޑު ނުއިވުމުން އަހަރެން އިންނާނެ މީހަކު ހޯދައިފީމެވެ. އަހުރެމެން ދެމީހުންގެ ލޯތްބަކީ ޠޯހިރު ލޯތްބެކެވެ. އޭނާ އާއި ވަކިވެއްޖެނަމަ އޭނާ ވަރަށް ދެރަވާނެއެވެ. އެއްވެސް މީހަކު ހިތުގައި ޖައްސުވާކަށް ބޭނުމެއް ނޫނެވެ. ދެން އެންމެ ރަނގަޅު ގޮތަކީ އަވަހަށް އަހަރެން ވަރިކޮށްދިނުމެވެ." 

ފިރިމީހާއަށް މަޖުބޫރުވުމުން ވަރިކޮށްދިނުމުން އަނބިމީހާ ބުންޏެވެ. "ﷲ ގަންދީ ބުނަމެވެ. އަހަރެންގެ އެއްވެސް ލޯބިވެރިއަކު ނުހުންނާނެއެވެ. އަހަރެން ކުޅުނީ ޑްރާމާއެކެވެ. ރޭގަނޑު ކަލޭ ނިދަން އޮންނައިރު އަހަރެން ވާހަކަ ދެއްކީ އަހަރެންގެ ބޭބެއާއިއެވެ. އެއީ ކަލޭގެ ކިބައިން ވަރިވާންވެގެން ކުރި ކަންކަމެވެ. އެކަން ވެނިމުނީއެވެ. ދެން އަވަހަށް ގޮސް ލޯބިވެގެން 5 އަހަރު އުޅުނު އަންހެނާ އާއި ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅޭށެވެ. ޢިއްދަ ހަމަވީމާ އަހަރެންވެސް ފިރިއަކު ލިބޭތޯ މަސައްކަތްކުރަން ފަށާނަމެވެ. އަހަރެން ބޭނުންވަނީ ކައިވެނިކޮށްގެން އަހަރެންނަށް ލޯބިދީގެން އަހަރެން ގޮވައިގެން ދިރިއުޅޭނެ މީހެކެވެ." 

ބުނާނެ އެއްޗެއް ނުއެނގި ހުއްޓުން އަރާފައި އެތައް އިރަކު ހުރެފައި ފިރިމީހާ ގެއިން ނުކުމެގެންދިއައީ ރޮމުންނެވެ. ލިބުނު ބޮޑު ދެރައަށް ހިތާމަކުރަމުންނެވެ. 

އަނބިމީހާ އޭނާގެ ޢިއްދަ ހަމަވުމާއިއެކު ދެވަނަ ކައިވެނިކޮށް އުފަލުގައި ދިރިއުޅެން ފެށިއެވެ. ދަރިފުޅާއި ބައްދަލުކުރަން އަންނަ ދުވަސްދުވަހު ފެންނަ މަންޒަރުތަކުން ކޮންމެ ދުވަހަކު ހިތްހަލާކުވެއެވެ. ދެމަފިރިން އެކުގައި ލޯބިން އުޅޭގޮތް ފެނުމުން ހިތަށް ވަރަށް އަސަރުކުރެއެވެ. ކޮންމެ ދުވަހަކުވެސް ގެއިން ނުކުމެގެންދަނީ ކަރުނަ އަޅަމުންނެވެ. 

މިވާހަކަ ކިޔާފައި އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. އަޅުގަނޑުގެ ފުރަތަމަ ކައިވެނީގެ ކަންކަންވެސް ނިމިގެން ދިއައީ ހަމަ މިފަދަ ގޮތަކަށެވެ. އަޅުގަނޑު ކޯޓަށް ގޮސްގެން ވަރިވީ އެއް އެނދުގައި ނިދިނަމަވެސް އަޅުގަނޑާއެކު އެއްދާން ނުކުރާތާ ބަރާބަރު 4 އަހަރުވީފަހުންނެވެ. އެއްދާންކުރިއިރު 2 ދަރިންވެސް ލިބިފައިވަނިކޮށެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މިހާ އަނިޔާވެރިކޮށް އަނބިންނަށް ކަންކަންކުރާ ފިރިން، އަނބިން އެމީހުންނަށް ހަމަ އެޙާލަތު ޖައްސައިފިނަމަ ކުރާނެ އަސަރަށް ވިސްނައިލާނަމަވެސް ކަންކަން ތަންކޮޅެއް ރަނގަޅުވީހެވެ. އެއިރު އަޅުގަނޑަށް އުފުލަންޖެހުނު ވޭންތަކުގެ ސަބަބުން ޞިއްޙަތަށް ލިބުނު ގެއްލުންތައް އަދިވެސް މިއުޅެނީ ފޫނުބެއްދިގެންނެވެ. ދެވަނަ ފިރިމީހާއަކީ ވިސްނުންތެރި، ތަޤްވާވެރި، ކެތްތެރިއެއް ނޫންނަމަ ވަރިކުރާނެތާ ކިތަންމެ ދުވަހެކެވެ. 

އަނިޔާއަކަށް ވަނީ ހަމައެކަނި ގައިގައި ތަޅައިހެދީމަހެއްޔެވެ؟ މިފަދަ ކަންކަމަކީ އަނިޔާއަށް ނުވާނަމަ އަނިޔާއަކީ ކޮބައިހެއްޔެވެ؟ 

- ރިޝްމާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން