الله سبحانه وتعالى ހައްދަވައިފައިވާ މަޚުލޫޤުންކުރެ، އިންސާނާ ކުރާ އެންމެ ބޮޑު ފާފައަކީ އެ އިންސާނާ ހައްދަވައި ބޮޑުކުރައްވައި އޭނާއަށް ބޭނުންވާ އެންމެހައި ކަމެއް ފުރިހަމަ ކޮށްދެއްވި الله سبحانه وتعالىއަށް ޝަރީކު ކުރުމެވެ. ނުވަތަ އެކަލާނގެއާ، އެކަލާނގެ މަޚުލޫޤުންނާ ހަމަހަމަކުރުމެވެ. ނުވަތަ އަޅުކަމުގައި ބައިވެރިކުރުމެވެ. الله سبحانه وتعالى އިންސާނުންގެ ގާތަށް ފޮނުއްވި އެންމެހައި ރަސޫލުން ވެސް ގޮވައިލައްވައިފައި ވަނީ އެކަލާނގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށާއި، އެކަލާނގެއަށް ޝަރީކު ނުކުރުމަށެވެ.
މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ހަމަކަށަވަރުން ތިމަންރަސްކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރީން ވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަން ރަސްކަލާނގެއަށް އަޅުކަންކުރާށެވެ." ކަން މިހެން ހުރިކަމުގައި ވިޔަސް އެކި ގޮތްގޮތުން ﷲއާ ޝަރީކުކުރާ މީހުން މި ދުނިޔޭގައި މަދެއްނޫނެވެ. އެއް ބަޔަކު ޝަރީކުކުރަނީ އެބައިމީހުންނާއި އެކަލާނގެއާ ދެމެދު ގުޅުންބެހެއްޓުމަށް ޓަކައި ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައެވެ. އަނެއް ބަޔަކު އެކަލާނގެއަށް ޝަރީކުކުރަނީ އެކަލާނގެ ހެއްދެވި ބައެއް މަޚްލޫޤުންނަކީ އެކަލާނގެއަށް ލިބިވޮޑިގެންވާ ފަދަ ބާރުތަކަކާއި ކުޅަދާނަކަމަކާއި، އިޚުތިޔާރުތަކެއް، ލިބިގެންވާ ފަރާތްތަކެއްކަމަށް ޤަބޫލުކޮށްގެންނެވެ. މި ހުރިހައި ކަމަކީ ވެސް އެބައިމީހުން ކުރާ ދޮގު ދަޢުވާތަކެއްކަން ބަޔާންކުރައްވައި މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---މާނައީ: "އެއުރެން الله ފިޔަވައި އަޅުކަން ކުރަނީ، އެއުރެންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެއުރެންނަށް މަންފާއެއް ވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެއުރެން ބުނެތެވެ. މި ތަކެއްޗަކީ، الله ގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާޢަތްތެރިވާނޭ ތަކެއްޗެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުގައި ވެސް އަދި ބިމުގައި ވެސް الله ދެނެވޮޑިގެންނުވާ ކަމެއްގެ ވާހަކައިން ތިޔަބައިމީހުން އެކަލާނގެއަށް ޚަބަރު ދެނީހެއްޔެވެ؟ އެއުރެން އެ ޝަރީކުކުރާ ތަކެތިން އެކަލާނގެ ހުސްޠާހިރުވެ މަތިވެރިވެ ވޮޑިގެންވެއެވެ." މަރުވުމުގެކުރިން ތައުބާނުވާ ނަމަ الله سبحانه وتعالى ނުފުއްސަވާނެކަމަށް އަންގަވައިފައިވާ ހަމަ އެކަނި ފާފައަކީ އެކަލާނގެއަށް ޝަރީކުކުރުމެވެ. މި ކަން ބަޔާންކުރައްވައި މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ހަމަކަށަވަރުން الله، އެކަލާނގެއަށް ޝަރީކުކުރުންމަތީ މަރުވާ މީހާގެ ފާފަ ނުފުއްސަވާނެތެވެ. އެ ނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللهއަށް ޝަރީކުކުރާ މީހާ (ދަންނާށެވެ!) ފަހެ، އެ މީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ."
ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ zގެ ޙަދީޘްފުޅުތަކުގެ މައްޗަށް ބުރަވެ ޢިލްމުވެރީން އެއްބަސްވެ ވަޑައިގެންފައިވަނީ، ކުރާ ހެޔޮ ޢަމަލުތައް ޤަބޫލުކުރެއްވުމުގައި ދެ ޝަރުޠެއް ފުރިހަމަވާން ޖެހޭކަމަށެވެ. އެ ދެ ޝަރުޠު ފުރިހަމަ ނުވާކަމުގައި ވަނީ ނަމަ އެ ޢަމަލެއް ޤަބޫލު ނުކުރެއްވޭނެ ކަމަށެވެ. ފުރަތަމަ ޝަރުޠަކީ، ނިޔަތް الله سبحانه وتعالىއަށް ޚާލިޞްކުރުމެވެ. އެހެން ޢިބާރާތަކުން ބުނާ ނަމަ މާތް ﷲއަށް އިޚުލާޞްތެރިވުމެވެ. އެކަމުގައި އެއްވެސް ކަހަލަ ކަންދެއްކުމެއް އަމިއްލަ އެދުމެއް ނެތުމެވެ. ދެވަނަ ޝަރުޠަކީ، އެ ކަމަކީ ޝަރުޢީ ދަލީލަކުން ޘާބިތުވާ ކަމަކަށްވުމެވެ. މީހަކު ކުރާ ޢަމަލެއްގައި ޝަރީކުކުރުމާއި، ކަންދެއްކުމާއި، އަދި އެނޫން ވެސް އެފަދަ އެހެން ކަންތައް ވާ ނަމަ އެ ޢަމަލެއް الله سبحانه وتعالى ޤަބޫލުނުކުރައްވާނޭކަން ބަޔާންކުރައްވައި އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---[1] މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަން ކަށަވަރީ ތިޔަބައިމީހުން ކަހަލަ އާދަމުގެ ދަރިޔަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް ވަޙީ އިއްވަވަނީ ތިޔަބައިމީހުންގެ އިލާހަކީ އެއް އިލާހެއް ކަމުގައެވެ. ފަހެ އެމީހެއްގެ ވެރި ރަސްކަލާނގެއާއި ބައްދަލުވުމަށް އެދޭ މީހާ ދަންނާށެވެ. ފަހެ އެ މީހާ ޞާލިޙު ޢަމަލުން ޢަމަލުކުރާހުށިކަމެވެ. އަދި އެ މީހާގެ ވެރި ރަސްކަލާނގެއަށް އަޅުކަންކުރުމުގައި އެކަކުވެސް ބައިވެރި ނުކުރާހުށިކަމެވެ."
ޝިރުކުކުރުމަކީ ހަމަ އެކަނި ބުދަށް އަޅުކަންކުރުމެއް ނޫނެވެ. އަދި އެ ނޫން ވެސް އެ ފަދަ ތަކެއްޗަށް ސަޖިދަކުރުމެއް ވެސް ނޫނެވެ. އަހަރެމެންނަށް ނޭނގި އަހަރެމެން ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ޝިރުކުކުރެވެއެވެ. އަންނަނިވި ޙަދީޘުން މި ކަން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. ޢަދިއްޔު ބުން ޙާތިމުގެ އަރިހުން ރިވާވެގެންވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ރަން ޞަލީބެއް އަޅައިގެން އަހުރެން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް އައީމެވެ. އެ ހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭ ޢަދިއްޔުއެވެ! އަޅުކަންކުރުމަށް ބޭނުންކުރެވޭ ތިޔަ ޞަލީބު އެއްލައިލާށެވެ! އެއަށް ފަހު މި އާޔަތް އެކަލޭގެފާނު ކިޔަވައިވިދާޅުވިއެވެ. --- މާނައީ: "އެއުރެންގެ ޢިލްމުވެރިންނާއި، ފާދިރީންނަކީ ﷲ ފިޔަވައި އިލާހުންކަމުގައި އެއުރެން ހެދޫއެވެ." ތިމަން ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ! މީސްތަކުން އެބައިމީހުންނަކަށް އަޅުކަމެއް ނުކުރެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ރަނގަޅެވެ. އެހެންނަމަވެސް الله سبحانه وتعالى ޙަރާމްކުރައްވައިފައިވާ ކަންތައްތައް އެ މީހުން ޙަލާލުކޮށްދެއެވެ. ދެން ފަހެ، މީސްތަކުން ވެސް އެ ކަންކަން ޙަލާލުކަމުގައި ބަލައިގަނެއެވެ. އަދި الله سبحانه وتعالى ޙަލާލު ކުރައްވައިފައިވާ ކަންތައްތައް، އެ މީހުން ޙަރާމްކުރެއެވެ. ދެން ފަހެ، މީސްތަކުން ވެސް އެ ކަންކަން ޙަރާމުކަމުގައި ބަލައިގަނެއެވެ. ފަހެ، އެއީ އެ މީހުންނަށް އަޅުކަންކުރުމެވެ."[2]
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔެއަށް ވަޑައިގަތީ ދުނިޔޭގައި ޝިރުކުގެ ޢަމަލުތައް އިންތިހާއަށް ގޮސްފައިވި ދުވަސްވަރެއްގައެވެ. އިންސާނުން ދިޔައީ އެ މީހުންގެ ވެރި ރަސްކަލާނގެއަށް އަޅުކަންކުރުމުގެ ބަދަލުގައި، އެ މީހުންގެ އަމިއްލަ އަތުން ކޮށައި މަށައިގެން ހަދައިފައިވާ ހިލަތަކަށާއި އެނޫންވެސް ތަކެއްޗަށް އަޅުކަންކުރަމުންނެވެ. އިންސާނުން އެންމެހައި މަޚްލޫޤުންގެ މައްޗަށް މާތްކުރައްވައި ހެޔޮނުބައި ވަކިކޮށް ދެނެގަތުމަށް ޓަކައި ދެއްވި ސިކުނޑީގެ ބޭނުންކުރަމުން ދިޔައީ އެ ތަކެއްޗަށް ސިކުނޑި ދެއްވައިފައި ނުވާ، އެތައް ދަރަޖައެއް ދަށް، ޙައިވާނުންނެކޭ އެއްފަދައިންނެވެ. މާތްވެގެންވާ ކަޢުބާގެ ވަށައިގެން ޠަވާފުކުރަމުން ދިޔައީ ތިމާމެން ދުނިޔެއަށް އުފަންވި އިރު ތިބި ފަދައިން އުނުއޮރިޔާން ނިވައިނުކޮށެވެ. ޢަދުލު އިންސާފަކީ ބާރާއި ނުފޫޒެވެ. ޙައްޤު އޮތީ މުއްސަނދިމީހާގެ އެކަނި އެއްޗެއްކަމުގައި ވެފައެވެ. މި ނޫނަސް ދުނިޔެވަނީ މި ފަދަ ލާއިންސާނިއްޔަތުގެ ކަންތައްތަކުގެ ސަބަބުން އުޅޭން އުނދަގޫ ތަނަކަށް ވެފައެވެ. މިފަދަ ޙާލަތަކަށް ދުނިޔެގޮސްފައި ވަނިކޮށް الله سبحانه وتعالى އިންސާނުންގެ މައްޗަށް އިޙުސާންތެރިވެވޮޑިގެން އެ މީހުންގެ ތެރެއިން ރަސޫލަކު އެ މީހުންގެ ތެރެއަށް ފޮނުއްވިއެވެ. އެ ކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. -- މާނައީ: "ހަމަކަށަވަރުން މުއުމިނުންގެ މައްޗަށް ﷲ ދަރުމަވަންތަވެ ވޮޑިގެންފިއެވެ. (އެއީ) އެއުރެންގެ ތެރެއަށް ހަމަ އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވި ހިނދުގައެވެ. އެކަލާނގެ އާޔަތްތައް އެއުރެންނަށް ކިޔަވައިދެއްވައި އަދި، އެއުރެން ޠާހިރުކުރައްވައި، އަދި ފޮތާއި ޙިކުމަތް، އެއުރެންނަށް އުނގަންނަވައި ދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އޭގެ ކުރީން އެއުރެންވީ ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ."
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ރަސޫލުކަމާއިގެން ފޮނުއްވުމުން އެކަލޭގެފާނުގެ އެންމެ ފުރަތަމަ މަސައްކަތްޕުޅަކަށްވީ الله سبحانه وتعالى ފިޔަވައި މީސްތަކުން އަޅުކަންކުރަމުން ދިޔަ ފަރާތްތަކަކީ ބާޠިލު ފަރާތްތަކެއްކަން އަންގަވައިދެއްވުމާއި، ޙައްޤުވެގެން އަޅުކަންކުރާން ޖެހެނީ ހަމައެކަނި الله سبحانه وتعالىއަށްކަން މީސްތަކުންނަށް އަންގަވައިދެއްވުމެވެ. އެހެންކަމުން ކީރިތި ރަސޫލާ z މައްކާގައި ހޭދަކުރެއްވި ތޭރަ އަހަރު އެކަލޭގެފާނު ހޭދަކުރައްވައިފައި ވަނީ ހަމައެކަނި މާތް ﷲގެ އެއްކައުވަންތަކަމަށް ހެކިވުމަށާއި، އެކަލާނގެ ރުބޫބިއްޔަތަށް އީމާންވުމަށާއި، އެކަލާނގެ އުލޫހިއްޔަތަށް އީމާންވުމުގެ މައްޗަށް ގޮވައިލެއްވުމުގައެވެ. މި ކަމުން އަންގައިދެނީ ޢަޤީދާގެ މާތްކަމާއި، މި ޢަޤީދާ ވާންޖެހޭނީ ހަރުދަނާ ޢަޤީދާއަކަށްކަމެވެ. އިންސާނުން އަޅުކަން ކުރާންޖެހޭނީ ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗަކާއި، އެންމެހައި މަޚުލޫޤުން ވެސް ހެއްދެވި الله سبحانه وتعالىއަށްކަމެވެ.
އަހަރެމެން މުސްލިމުން ކަންތައްކުރަންވާ ގޮތް އަހަރެމެންގެ ދީނުގައިވަނީ ވަރަށް ފުރިހަމައަށް ބަޔާންކުރައްވައި އަންގަވައިފައެވެ. އަހަރެމެން މުސްލިމުން އެކި ފަރާތްތައް މާތްކުރާން ވާނީ މާތްވެގެންވާ އިސްލާމް ދީނުގައި ހުއްދަކުރައްވައިފައިވާ މިންވަރަށެވެ. ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ zގެ ޙަދީޘްތަކާ ޚިލާފުވާ ގޮތަކަށް އެކި ފަރާތްތައް މާތްކުރުމަކީ ޝިރުކުކުރުމަށް މަގުފަހިވެދާނެ ކަމެކެވެ. އެހެންކަމުން ހެޔޮ ޢަމަލު ކުރުމުގެ ނަމުގައި އެ ފަދަ ވިޔާނުދާ ޢަމަލުތަކަށް އަރައިނުގަތުމަށް ތިޔަ އެންމެ ތަކުންނަށް ނަސޭޙަތްތެރިވެ ވަޞިއްޔަތްކުރަމެވެ.