ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އޭގެ ފައިދާ ދަނީ ފެންނަމުން ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މަތީން ވިދާޅުވީ ޕްރޮކިއުމަންޓްގެ ތެރޭގައި މެނުފެކްޗަރާއާއެކު ވާދަވެރި އަގަކަށް ދިޔުމުގެ މަސައްކަތް ފަށައި، ބައެއް ތަކެތި ގަތުމަށް އަގު ހެޔޮކުރެވުނު ކަމަށެވެ. އަދި މިއަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރުގައިވެސް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ނޫން އެހެން ޚަރަދުތައް ނުކުރާކަމަށް އެމްޑީ ވިދާޅުވިއެވެ.
"ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނުކުރުމާ، ބޮޑެތި އިވެންޓްތައް އިންތިޒާމު ނުކުރުމާ، ސީއެސްއާރް އާއި މާކެޓިން މަސައްކަތްތައް ވެސް ކޮންޓްރޯލްކޮށްގެން އުޅެނީ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޑަބްލިޔުއެސްސީއަށް ބޮޑު ފައިދާއެއް ލިބުނީ މުވައްޒަފުންގެ ބުރަ މަސައްކަތުން" މަތީން ވިދާޅުވިއެވެ.
އެމްޑީ ވިދާޅުވީ ކުންފުންޏަށް އާމްދަނީ ހަތަރު ބަޔަކުން ލިބެމުންދާކަމަށެވެ. އެގޮތުން ކުންފުނީގެ 70 ވަރަކަށް އައިޓަމް ބާޒާރަށް ނެރެވޭ ކަމަށާއި، އެއީ މުޅި ކުންފުނީގެ އާމްދަނީގެ 9 އިންސައްތަކަމަށް މަތީން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވިޔަފާރިންވެސް ކުންފުންޏަށް އާމްދަނީ ލިބެމުންދާކަމަށް އެމްޑީ ވިދާޅުވިއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޑަބްލިޔުއެސްސީއަށް ވަނީ ބޮޑު ފައިދާއެއް ލިބިފައެވެ. ކުއާޓަރު ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 35.9 މިލިޔަން ރުފިޔާ އެމްޑަބްލިއުއެސްސީއަށް ލިބިފައިވާކަން ފާހަގަކުރެވެއެވެ.