ރައީސުލްޖުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަކީ ދިވެހިން އަލުން އައު ހަޤީޤަތްތަކުގެ މައްޗަށް ހޭލައްވާލުމުގެ ބާނީ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ނަސީރު ވިދާޅުވީ ތާރީޚުގެ އެކި ހިސާބުތަކުގައި މުސްލިހުން އުފެދޭ ކަމަށާއި، ޒަމާންތަކެއް ކުރިން ރާއްޖޭގައިވެސް މުސްލިހުން އުފެދުނު ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަން ގެއްލި އަޅުވެތިވެފައިވުމުން ދިވެހި ދައުލަތެއް އަލުން އިޔާދަކޮށް އިސްލާހުކުރަން މުހައްމަދު ތަކުރުފާން ކުރެއްވި މަތިވެރި ޖިހާދުގެ ސަބަބުން ރާއްޖެއަށް ލިބުނީ އައު މުސްލިހެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އާދަމް ނަސީރު އިތުރަށް ވިދާޅުވީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުވެސް ފައްޓަވާފައިވަނީ އެފަދަ އިސްލާހީ މަސައްކަތެއްކަމަށެވެ. މިގޮތުން ރައީސް މުއިއްޒު ވަނީ ރާއްޖޭގެ އަޚްލާޤު އިސްލާހު ކުރެއްވުމާއި، ރާއްޖޭގެ މިނިވަންކަން ބާރުގަދަ ކުރައްވާ އިސްލާހު ކުރެއްވުމާއި، ރާއްޖޭގެ މަސައްކަތްތެރިކަން އިސްލާހު ކުރެއްވުމާއި، ޒުވާނުންގެ ހުނަރާ ފަންނުވެރިކަން އިޔާދަކޮށް އިސްލާހު ކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ދިވެހީންގެ ތާރީޚާ ތަރިކަތައް ދިވެހިންގެ ހިތްތަކާ ދިރިއުޅުމުގެ ބަޔެއްކަމަށް ގެންނަވާ ދިވެހިންގެ ރޫހު ގެނެސް އިސްލާހުކުރުމުގެ މަސައްކަތް ރައީސް ފެއްޓެވީ. ރައީސް އަކީ އަދުގެ ތާރީޚުގެ މުސްލިހު، ރައީސް ޑރ. މުއިއްޒަކީ ދިވެހިން އަލުން އައު ހަޤީޤަތްތަކުގެ މައްޗަށް ހޭލައްވާލުމުގެ ބާނީ" ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.
މި ޖަލްސާގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، ޤައުމީ ޚިދުމަތުގައި ދެމިތިބި ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.