މިއަދުގެ ފުރަތަމަ ޚުޠުބާގެ އެންމެ ފަހުބައި ވިދާޅުވެލައްވާށެވެ!
ޝިރުކުކުރުމަކީ ހަމަ އެކަނި ބުދަށް އަޅުކަންކުރުމެއް ނޫނެވެ. އަދި އެ ނޫން ވެސް އެ ފަދަ ތަކެއްޗަށް ސަޖިދަކުރުމެއް ވެސް ނޫނެވެ. އަހަރެމެންނަށް ނޭނގި އަހަރެމެން ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ޝިރުކުކުރެވެއެވެ. އަންނަނިވި ޙަދީޘުން މި ކަން ވަރަށް ރަނގަޅަށް ސާބިތުވެއެވެ.
ޢަދިއްޔު ބުން ޙާތިމުގެ އަރިހުން ރިވާވެގެންވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ރަން ޞަލީބެއް އަޅައިގެން އަހުރެން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް އައީމެވެ. އެ ހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭ ޢަދިއްޔުއެވެ! އަޅުކަންކުރުމަށް ބޭނުންކުރެވޭ ތިޔަ ޞަލީބު އެއްލައިލާށެވެ! އެއަށް ފަހު މި އާޔަތް އެކަލޭގެފާނު ކިޔަވައިވިދާޅުވިއެވެ. --- މާނައީ: "އެއުރެންގެ ޢިލްމުވެރިންނާއި، ފާދިރީންނަކީ ﷲ ފިޔަވައި އިލާހުންކަމުގައި އެއުރެން ހެދޫއެވެ."
ތިމަން ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ! މީސްތަކުން އެބައިމީހުންނަކަށް އަޅުކަމެއް ނުކުރެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ރަނގަޅެވެ. އެހެންނަމަވެސް الله سبحانه وتعالى ޙަރާމްކުރައްވައިފައިވާ ކަންތައްތައް އެ މީހުން ޙަލާލުކޮށްދެއެވެ. ދެން ފަހެ، މީސްތަކުން ވެސް އެ ކަންކަން ޙަލާލުކަމުގައި ބަލައިގަނެއެވެ. އަދި الله سبحانه وتعالى ޙަލާލު ކުރައްވައިފައިވާ ކަންތައްތައް، އެ މީހުން ޙަރާމްކުރެއެވެ. ދެން ފަހެ، މީސްތަކުން ވެސް އެ ކަންކަން ޙަރާމުކަމުގައި ބަލައިގަނެއެވެ. ފަހެ، އެއީ އެ މީހުންނަށް އަޅުކަންކުރުމެވެ."
މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކަމަށް ދީނުގެ ޢިލްމްވެރިން ކަނޑައަޅުއްވަވައި އެކަންކަމަށް ކީރިތި ޤުރްއާނާއި ސުންނަތުން ދަލީލު ދައްކަވަމުން ގެންދަވާ ކަންކަންވެސް ތިމަންމެނަކީވެސް ހަމަ ޢިލްމުވެރިން ކަމަށް ބުނާ ބައަކު ދޮގުކޮށް އެކަންކަން ކުރަންހިތްވަރުދީ ފަތުރަން މަސައްކަތްކުރާ ތަނެވެ. އެފަދަ މީހުންގެ ވާހަކަ އާއި އެމީހުން އެކުރަނީ ކޮންކަމެއްކަން ޚުޠުބާގައިވާ މިޙަދީޘްފުޅުން ވަރަށް ސާފެވެ!
ޝިރުކުކުރުމުގެ ނުބައިކަމުން ސަލާމަތްކަން އެދޭނަމަ މިފަދަ މީސްމީހުންގެ ވަސްވާސްތަކުން ސަލާމަތްވެތިބެން މަސައްކަތްކުރަން އެބަޖެހެއެވެ.