ފިރިހެނަކު ރަހީނުކޮށް، އޭނާގެ ފޯނާއި ކޭޝް ކާޑު އަތުލައި، އެކައުންޓުން 53،000 ރުފިޔާ ފޭރިގަތުމުގެ ތުހުމަތުގައި 27 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ އައި.ޖީ.އެމް.އެޗް ކައިރިން ފިރިހެނަކު ހުއްޓުވާ އޭނާއަށް ރޫމަކަށް ދިއުމަށް ދަޢުވަތު ދިނުމަށްފަހު، މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓްހައުސްއަކަށް ގެންގޮސް އިތުރު ފިރިހެނަކާ ބައިވެރިވެގެން ދިވެހި ފިރިހެނަކު ރަހީނުކޮށް އޭނާގެ ފޯނާއި ކޭޝް ކާޑު އަތުލައި އޭނާގެ އެކައުންޓުން 53،000 ރުފިޔާ ފޭރިގަނެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ 26 އޯގަސްޓް 2024 ވަނަ ދުވަހުގެ ރޭ 21:30 ހާއިރުއެވެ.
މި މައްސަލައިގެ ތުހުމަތުގައި 27 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ގާޒީ ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.