ޓްރެފިކް ގަވާއިދުތަކާއި، ޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރާނަން: ވަޒީރު އަމީން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޓްރެފިކް ގަވާއިދުތަކާއި، ޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރާނަން: ވަޒީރު އަމީން

ޓްރެފިކް ގަވާއިދުތަކާއި ޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމަށް ވަޒީރު އަމީން އަޒުމު ކަނޑައަޅުއްވައިފި

ރައީސް މުޙައްމަދު މުއިއްޒު ދެއްވި އިރުޝާދާ އެއްގޮތަށް، ޓްރެފިކް ގަވާއިދުތަކާއި ޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރައްވާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު އަމީން މިފަދައިން ވިދާޅުވެފައިވަނީ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ވަޒީރު އަމީން ވަނީ މަގުތަކަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި، ނުރައްކާތެރި ގޮތްގޮތަށް އުޅަނދު ދުއްވުމުގެ މައްސަލަ ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް، ތަންފީޒީ އިދާރާތަކާ ގުޅިގެން އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ވަޒީރު އަމީން ވިދާޅުވެފައިވަނީ، "ޓްރެފިކް ގަވާއިދުތަކާއި، ޤާނޫނު ތަންފީޒުކުރުން ހަރުދަނާކޮށް، މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް ލޮބުވެތި ރައްޔިތުންނަށް އަރުވަން" ކަމަށެވެ.

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި ޒުވާނާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ވަޒީރު ވަނީ ދުޢާކުރައްވާފައެވެ. 

ވަޒީރު އަމީން އެ ޕޯސްޓުގައި ނިންމާލައްވާފައިވަނީ "މަގުތަކަކީ، އަޅުގަނޑުމެން އެންމެނަށް ރައްކާތެރި އަމާންތަނަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކުރަމާ ހިންގަވާ!" މި ޢިބާރާތުންނެވެ. 

 

 

މިއަދު އޮންލައިން