ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައި މުރުންރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން ހައްޔަރުކުރެވުނު ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނީ ސ. ހިތަދޫ، ވައިލެޓްފެހި، 26 އަހަރުގެ މުޙައްމަދު ވިސާމު ޞިދުޤީއެވެ.
ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި މި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 02:48 ގައެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 23 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ. އޭނާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ވިސާމު ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައިވެއެވެ. ކޯޓުން ނިންމާފައިވަނީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށެވެ.
ފުލުހުން މަޢުލޫމާތު ދޭގޮތުގައި މި އެކްސިޑެންޓާ ގުޅޭ އިތުރު ތަޙުޤީޤުތައް ކުރިއަށްދާކަމަށް ބުނެފައިވެއެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.