ޢިބްރަތްތެރި ވާހަކަ: ލޯފަން އަންހެންކުއްޖަކަށް ނިކަމެތި ބަސްތައް ބުނެފަ ގެއަށް ނުދެވެނީސް ދެލޯ އަނދިރިވި ތަނަވަސް މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ޢިބްރަތްތެރި ވާހަކަ: ލޯފަން އަންހެންކުއްޖަކަށް ނިކަމެތި ބަސްތައް ބުނެފަ ގެއަށް ނުދެވެނީސް ދެލޯ އަނދިރިވި ތަނަވަސް މީހެއްގެ ވާހަކަ-

އެއްވެސް ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ހުރި މީހެއްގެ ކިބައިން އުނދަގުލެއް ފޯރިޔަސް އޮތީ އޭނާއަށް ހެޔޮކޮށް ހިތުމެވެ. އުނިސިފައެއް ނެތި ތިމާ އުފައްދަވާފައިވަނީވެސް ނުކުޅެދުންތެރިކަމާއިއެކު އޭނާ އުފެއްދެވި ﷲ ތަޢާލާ ކަމަށްވާތީއެވެ. އަދި އެހީތެރިކަމަށް ބޭނުންވެގެން ތިބޭ މީހުންނަށް ހެޔޮކޮށް ހިތައި އެހީތެރިވުމަކީ މަތިވެރި ޞަދަޤާތެއް ކަމުގައި ލައްވަވާފައިވާތީއެވެ. 

ނަމަވެސް ބައެއް މީހުންނަށް އެކަންކަން ނުވިސްނި ބޮޑާވެ އިހާނެތިކޮށް ކަންކަން ކުރެވެނީއެވެ. މިއީ އިޞްލާޙްކުރަންޖެހޭނެ ކަމެކެވެ. ތިރީގައިވާ ވާހަކައަކީ ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ. 

އެއީ ތަނަވަސް މީހެކެވެ. ބޮޑާ ކިބުރުވެރި މީހެކެވެ. އޭނާގެ ކުރިމަތީގައި ނިކަމެތިންނަކީ އެއްވެސް ބައެއް ނޫނެވެ. 

އެއްދުވަހަކު ސްޕަރމާކެޓަކުން ނުކުމެ ސިޑިން ފައިބަނިކޮށް އަރިމަތީގައި ހުރި ޒުވާން އަންހެންކުއްޖެއްގެ ގައިގައި ޖެހުނެވެ. އެކަން މެދުވެރިވީ އޭނާ ނުބެލުމުން ނަމަވެސް ކުށްވެރިކުރީ އެޒުވާނާއެވެ. އެއީ ލައިގެންހުރި ހެދުމުން އެއީ ފަޤީރު ކުއްޖަކުކަން އެނގޭތީއެވެ. އަތްދަމާފައި ކުއްޖާގެ ބުރަކަށީގައި ޖަހާފައި ބުނީ ބަލައިގެން ހިނގަން ނުއެނގޭ މީހުން ތިބެންޖެހޭނީ ގޭގައި ކަމަށެވެ. 

އެޒުވާނާއަކީ އެތަން ސާފުކޮށް ބަލަހައްޓާ މަސައްކަތު އަންހެނެއްގެ ދަރިއެކެވެ. ލޯފަން ކުއްޖެކެވެ. އެމަންޒަރު ފެނުމުން ދުވެފައި އައިސް ކުއްޖާކުރީ ކޮން ކުށެއްތޯ ސުވާލުކޮށް އެއީ ލޯފަން ކުއްޖެކަމަށް ބުނުމުން ބުނީ ކަނުމީހުން ތިބެންޖެހޭނީ ގޭގައި ކަމަށެވެ. އެވަގުތު މަންމައަށް ކުރި އަސަރުން ބުނެވުނެވެ. "ކަލޭގެ އަނިޔާވެރިކަމަށް ޙައްޤުޖަޒާ ﷲ ދެއްވަވާނެތެވެ. އިން ޝާ ﷲ" 

އެހެން ބުނެފައި ދަރިފުޅު ގޮވައިގެން ދިއައީއެވެ. 

މަންމަ އެބުނި ބަހުން އެތަނަވަސްމީހާއަށް އެއްވެސް އަސަރެއް ނުކުރިއެވެ. ނުކުމެ ކާރަށް އަރައި ދުއްވައިލީއެވެ. ތަންކޮޅަކަށް ނުދެވެނީސް ކާރު އެކްސިޑެންޓްވެއްޖެއެވެ. ހޭއެރީ ހޮސްޕިޓަލުގައި އޮއްވައެވެ. ލޯމައްޗާއިއެކު މުޅި ބޯ އޮތީ ބެންޑޭޖްކޮށްފައެވެ. އެއްފައި އޮތީ ބިނދިފައެވެ. 

ބޮލުން ބެންޑޭޖް ނެގީ 3 ދުވަސްފަހުންނެވެ. ބެންޑޭޖް ނެގިނަމަވެސް ލޮލަކަށް ނުފެނެއެވެ. ހެދި ސްކޭންތަކުން އެނގުނީ މޫނުމައްޗަށް ލިބުނު އަނިޔާއާއި ބޮލަށް ލިބުނު އަނިޔާގައި އޮޕްޓިކް ނާރވް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމެވެ. އަލުން ލޮލަށް ފެނުމުގެ ފުރުޞަތު ވަރަށް ކުޑަކަމެވެ. 

އެ ނިކަމެތި ފަޤީރު ލޯފަން ކުއްޖާއާއި ދިމާއަށް އޭނާ ބުނިބަހާއި އޭނާގެ މަންމަ ބުނިބަސް އޭނާގެ ހަނދާނަށް އައެވެ. ވިސްނުނެވެ. "އަންހެން މީހާ އެދުނުފަދައިން އަހަރެންގެ ކުށަށް ﷲ ޖަޒާ ދެއްވެވީއެވެ. ދެން އަހަރެންނަށްވެސް އޮންނަން ޖެހޭނީ ގެއިން ނުނުކުމެ ގޭގައިތާއެވެ!" 

މިއީ އިންޑިއާގައި އަޅުގަނޑު ދިރިއުޅުނު ދުވަސްވަރު އަވަށްޓެރިއަކަށް ކުރިމަތިވި ކަމެކެވެ. މިވާހަކަ އޭނާ އަޅުގަނޑަށް ކިޔައިދިނީ ވަރަށް އަސަރާއިއެކުގައެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ ނިކަމެތިންގެ ބަދުދުޢާއަށް ސަމާލުވާން އިލްތިމާސްކުރުމުގެ ގޮތުންނެވެ. 

އަޅުގަނޑުގެ ނަޞޭޙަތަކީ ނިކަމެތިންގެ ހިތުގައި ޖެހޭނެ ފަދަ ބަހެއްވެސް ނުބުނުމެވެ. އެމީހުން ނިކަމެތިވެފައި އެތިބެނީ އެމީހުން އެކަން އެގޮތަށް ބޭނުންވެގެނެއް ނޫނެވެ. އަދި އެމީހުންގެ ކުށަކުންނެއްވެސް ނޫނެވެ. އެއްބައަކަށް ތަނަވަސްކަން ދެއްވަވައެވެ. އަނެއް ބައަކަށް ދަތިހާލުވެސް މިންވަރުކުރައްވަވައެވެ. ދެ ޙާލަތުވެސް މިންވަރުކުރައްވަވަނީ ހަމަ ﷲ އެވެ. 

ނަމަވެސް އެކަން ނުވިސްނޭ މީހުން އުޅެއެވެ. މިކިޔައިދެވުނީ އެކަން ނުވިސްނައި އުޅުނު މީހަކަށް ޖެހުނު ޙާލުގެ ވާހަކައެވެ. އޭނާއަށް ކަންކަން ވިސްނުނީ ވަގުތު ފާއިތުވުމުންނެވެ. ވީމާ މިފަދަ ޢިބްރަތްތެރި ޙާދިސާތަކަށް ވިސްނައި ކުރިއާލައި ޢިބްރަތް ޙާޞިލުކުރާ ބައަކަށްވަމާތޯއެވެ.!

 

- ޢާއިޝަތު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން