އަޅުގަނޑުމެން ދެމަފިރިން ވެސް ފުރަތަމަ އައީ ވަޒީފާ އަދާކުރަމުންނެވެ. ދަރިއަކު ލިބި ދަރިފުޅަށް 2 ވަނަ އަހަރު ފިރިމީހާ ވަޒީފާއިން ވަކިކޮށްފިއެވެ. އެއީ ފަރުވާކުޑަވެ ގަޑިއަށް ވަޒީފާއަށް ނުދެވޭތީއެވެ.
އެހިސާބުން ދެން ދިރިއުޅެންޖެހުނީ ވަރަށް ދަތިޙާލުގައެވެ. ހަމައެކަނި އަޅުގަނޑަށްލިބޭ މުސާރައިން ދިރިއުޅެންޖެހުމުންނެވެ. ފިރިމީހާ ބުނަނީ ވަޒީފާއެއް ހޯދަން މަސައްކަތްކުރާކަމަށާއި ނަމަވެސް ނުލިބެނީކަމަށެވެ. އަޅުގަނޑުގެ ރައްޓެއްސެއްގެ ގާތުގައި ބުނެގެން ވަޒީފާއެއް ހަމަޖައްސައިދީފައި މަސައްކަތު ނުކުންނަން ބުނެފިނަމަ އެއީ އޭނާއަށް ކަމުދާ ތަނަކަށް ނުވެއެވެ.
ދަތިޙާލުގައިވެސް ފިރިމީހާ ޢާއިއެކު ދިރިއުޅެން މަސައްކަތްކުރީމެވެ. އެއީ ދަރިފުޅަށްޓަކައެވެ. ބައްޕަގެ ލޯބި ދަރިފުޅަށް މުހިންމުވާނެތީއެވެ. ދަރިފުޅުގެ އުމުރުން 4 ވަނަ އަހަރު އޭނާ ބޭނުންވީ އަޅުގަނޑުގެ ގެ މޯގޭޖްކޮށްފައި ލޯނެއްނަގާށެވެ. ބުނީ ވިޔަފާރިއެއް ފަށަން ކަމަށެވެ. އެވާހަކަ ޤަބޫލުނުކުރެވޭތީ ވިސްނާލަން ފުރުޞަތަކަށް އެދުނީމެވެ.
ވަގުތުން އެކަންކޮށްނުދިނީތީ އަޅުގަނޑަކީ އޭނާއަށް ހެޔޮއެދޭ މީހެއް ނޫންކަމަށްބުނެ ވަރިކޮށްލާފައި ދިއައީއެވެ. ފުރަތަމަ ދުވަސްކޮޅު ވަރަށް ދެރަވިއެވެ. އެއީ ފިރިމީހާ ގެއްލިގެނެއް ނޫނެވެ. ދަރިފުޅަށް ދަރިފުޅުގެ ބައްޕަ ގެއްލުނީތީއެވެ.
އަހަރެއްހައި ދުވަހު އެކަނި ހުރެފައި ދެވަނަ ކައިވެނިކުރީމެވެ. އެއީ އަމިއްލަ މަސައްކަތްކުރާ ވަރަށް ހެޔޮލަފާ މީހެކެވެ. އޭނާ އަޅުގަނޑުގެ ދަރިފުޅު ދެކެވެސް ވަރަށް ބޮޑަށް ލޯބިވެއެވެ. ދަރިފުޅަށް ބޭނުންވާ ކަންކަން ނުބުނި ނަމަވެސް ކޮށްދެއެވެ. ދަރިފުޅުގެ ބައްޕަގެ ކިބައިން ނުލިބޭވަރަށް ލޯބިލިބޭތީ ދަރިފުޅުވެސް ހުންނަނީ ވަރަށް އުފަލުންނެވެ.
ކައިވެންޏަށް 2 ވަނަ އަހަރު އެއްރޭ ކެއުމަކަށް ފިރިމީހާގެ އެކުވެރި ދެމަފިރިއަކު ގެއަށް ގެނައެވެ. އެމީހުންނަށް ތަޢާރަފްވެ ދެއްކުނު ވާހަކައިގެ ތެރެއިން އަންހެންމީހާ ބުނީ ކުރީގެ ފިރިމީހާއަށް ލޯނު ނަގައިނުދިންކަން އެއީ ކުރެވުނު ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އޭނާ ބުނީ ކުރީގެ ފިރިމީހާ މަސައްކަތްކުރީ އޭނާ އާއި އޮފީހެއްގައި ކަމަށާއި ވަޒީފާއިން ވަކިކުރީ ހިތާވެގެން އުޅުނު އަންހެނަކާ އަބަދު ފޯނުން ވާހަކަދައްކަން އިންނާތީ މަސައްކަތް ނުކުރެވިގެން ކަމަށެވެ. ލޯނުނަގަން އެއުޅުނީ އޭނާއަށް ޚަރަދުކުރަން މީހުންގެ އަތުން ދަރަންޏަށް ފައިސާ ނަގަމުންގޮސް ސަލާމަތްނުވެވުމުން ކަމަށެވެ.
އެވާހަކަތައް އަޑުއިވުމުން ވަރަށް ދެރަވެސްވިއެވެ. އެއީ އޭނާ އެފަދަ ޚިޔާނާތެއްވިކަން ކުރިން އެނގިފައި ނެތުމުންނެވެ. ނަމަވެސް އޭނާބުނި ގޮތަށް ލޯނު ނަގައިނުދެވުނީތީ ވަރަށް އުފާވެސްވިއެވެ.
ދަރިފުޅަށް 12 އަހަރުގައި އޭނާ (ކުރީގެ ފިރިމީހާ) ގެއަށް އައެވެ. އެއިރު ގެވެސް ހުރީ މިހާރުގެ ފެންވަރަށް ހެދިފައެވެ. އެހެންވެ އޭނާ ހުރީ ކޮންމެވެސް ވަރެއްގެ ޙައިރާން ކަމެއްގައެވެ. އައި ބޭނުމެއް ކަމަށްބުނީ ދަރިފުޅާއި ވަކިން އުޅޭތީ ހިތަށް އުނދަގޫވާވަރުން އެކުގައި އުޅެން ބޭނުންވާތީ ކަމަށެވެ. ދަރިފުޅު ކުޑައިރު ވަރިކޮށްލާފައި ދެވުނީތީ ހިތާމަކުރާކަމަށްވެސް ބުންޏެވެ. ވަރަށް ދެރަވެފައި ހުރެގެން މާފަށްވެސް އެދުނެވެ.
އެވާހަކަތައް ދެއްކިއިރު ދަރިފުޅު އަޑުއަހަން ހުރެފައި ގޭތެރެއަށް ވަދެ އޭނާގެ ދޮންބައްޕަ ގޮވައިގެން އައިސް ބުންޏެވެ. "ކޮއްކޮގެ ބައްޕަ މިހުރީއެވެ. އެހެން ބައްޕައެއް ބޭނުމެއް ނޫނެވެ."
އަޅުގަނޑު ބުނީމެވެ. "މިމަގުން ހިނގާ ނުލައި 10 އަހަރުވީއެވެ. ދަރިފުޅުގެ ޙާލުބަލަން ގުޅައިލީއެއްވެސް ނޫނެވެ. ކަލޭ ނުބުނި ނަމަވެސް ހުރިހާ ކަންކަން އަހަރެންނަށް އެނގެއެވެ. މިއީ ކުޑަކުޑަ ބިންކޮޅެކެވެ. ދަރިފުޅު ދެކެ ތިއަވަރަށް ލޯބިވާނަމަ ބަހައިގެން ލިބުނު ބިންކޮޅު އެދަރިފުޅަށް ނުދީ ވިއްކައިލާނެ ހެއްޔެވެ؟
ދެވަނަ ކައިވެނީގައި ދަރިއަކު ލިބުނީއެއްވެސް ނޫނެވެ. ޚަރަދު ބޮޑުވެ ޙާލުގައި ޖެހިގެން ބިންކޮޅު ވިއްކާލަން ޖެހުނީ އަނބިމީހާ ރުއްސަން ބޭނުންވާވަރަށް ޚަރަދުނުކުރެވިގެންނެވެ. ބިންކޮޅު ވިއްކާލާފައި ފެށި ވިޔަފާރި ކޮބައިހެއްޔެވެ؟ މިއަދު އަތްމަތި އެކުގައި ހުސްވެ އަނެއްކާވެސް ދަރަނިވެރިވީމާ ކޮންމެހެން ދަރިފުޅުދެކެ ލޯބިވާކަމަށް ހެދިގެން އަންނާނެ ކަމެއް ނެތެވެ. ދަރިފުޅުގެ ބަސް ބުނެ އަޑުއިއްވައިފި ނޫންހެއްޔެވެ؟ ދެބަފައިންގެ ދެމެދަށް ވަންނާކަށްވެސް ނެތީމެވެ. ނަމަވެސް ދަރިފުޅުގެ ލޯބި ހޯދުމަކީ އަމިއްލައަށް ކުރަންޖެހޭނެ ކަމެކެވެ.
ހުރިހާ ފިރިހެނުންނަކީ ކަލޭކަހަލަ މަކަރުވެރިންނެއް ނޫނެވެ. ބައްޕަ ބައްޕައަކަށްވަނީ ހަމައެކަނި އޭނާގެ ސަބަބުން ދަރިފުޅު ލިބުމަކުން ނޫނެވެ! ބައްޕައެއްގެ ޙައްޤު އަދާކުރުމުންނެވެ. ދަރިފުޅަށް އެޙައްޤު އަދާކޮށްދިން މީހާއަށް މިހާރު ދަރިފުޅު އެވަނީ ބައްޕަގެ މަޤާމްދީފައެވެ. ދަރިފުޅާ ބައްދަލުކުރަން ބޭނުންނަމަ ނުއަންނާކަށް ނުބުނާނަމެވެ. ނަމަވެސް އެހައި ގިނައިން އަންނާނެ ކަމެއް ނެތެވެ. ފިރިމީހާ ގޭގައި ނުއުޅޭ ގަޑީގައިވެސް އައިސްގެން ނުވާނެއެވެ. ދެން އަވަހަށްދާށެވެ!"
އެއިގެ ފަހުން މިހާރު 10 އަހަރުވީއެވެ. ދަރިފުޅު ދެކޭކަށް ނައުދެއެވެ. ވީމާ ފާއިތުވި 20 އަހަރުތެރޭގައި ދަރިފުޅަށް ބައްޕަ ފެނިފައިވަނީ އެންމެ ފަހަރަކުއެވެ. ދިރިއުޅެނީ އެއްފަސްގަނޑެއްގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ! އަޅުގަނޑުގެ ފުރަތަމަ ފިރިމީހާ ފަދަ ފިރިންނަށް ބުނެލަން އޮތީ ހަމަކުރިންވެސް ބުނިވާހަކައެކެވެ. އެއީ " ބައްޕަ ބައްޕައަކަށްވަނީ ހަމައެކަނި އޭނާގެ ސަބަބުން ދަރިފުޅު ލިބުމަކުން ނޫނެވެ! ބައްޕައެއްގެ ޙައްޤު އަދާކުރުމުންނެވެ. " އެހެންވީމާ ކުޑައިރު ދަރިން އުކާލާފައި ދަތިޙާލުގައި އުޅެ އެދަރިން ބަލައި ބޮޑުކުރީމާ ރަނގަޅުވާނީ ހަމަ ބައްޕަހެދިގެން އައިސް އުނދަގޫނުކުރުމެވެ.
އިންޖީނު ހަލާކުވެގެން ދެން ކުރިއަށް ދުއްވޭނެ ގޮތެއް ނެތީމާ އޮޑިދުއްވަން ނަގާ ރިޔަލަކަށް ބާކީކޮށް އެއްލައިލި އަނބިމީހާ އާއި ލިބިފައިވާ ދަރިން ހަދަން އުޅުނަސް އެކަމެއް ކާމިޔާބެއް ނުވާނެއެވެ.
- މަޢްޞޫމާ / މިއަދުނޫހުގެ ކިޔުންތެރިއެއް