މިދިޔަ އޮގަސްޓް މަހު އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އޮގަސްޓް މަހު ޖުމުލަ 1009 މައްސަލަ ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން 323 މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ.
އޮގަސްޓް މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ޓްރެފިކް އެކްސިޑެންޓުގެ 204 މައްސަލައެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ 130 މައްސަލައެވެ. މީގެ އިތުރުން، މުދާ ގެއްލިގެން 70 މައްސަލަ ވަނީ ހުށަހެޅިފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2022 ވަނަ އަހަރު ނިމުނުއިރު ވައްކަމުގެ 3973 މައްސަލަ ހުށަހެޅިފައިވާއިރު، 2023 ވަނަ އަހަރު ނިމުނުއިރު ވައްކަމުގެ 3818 މައްސަލަ ވަނީ ހުށަހެޅިފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު ކުޑަ ދަށްވުމެއް ފެންނަ ކަމެކެވެ.
މިފަދަ ކުށްތައް ހުއްޓުވުމަށް ފުލުހުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންނަމަވެސް، މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން މިކަމުގައި ވަރަށް މުހިންމު ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.